ރާއްޖެއަށް މިހާރު އެންމެ ގިނަ ފަތުރުވެރީން އަންނަ ޗައިނާގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރާން ގިނަ ހަރަކާތްތަކެއް ހިންގުމަށް ނިންމައިފައި ވާ ކަމަށް ފަތުރުވެރިކަމުގެ ވުޒާރާއިން ބުނެފިއެވެ.

ފަތުރުވެރިކަމުގެ ވުޒާރާގެ ނައިބު މުހައްމަދު މަލީހު ޖަމާލު މިއަދު ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޗައިނާއަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް މުހިންމު ބާޒާރަކަށް ވެފައިވާއިރު އެ ބާޒާރަށް އަމާޒު ކޮށްގެން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރާން ގިނަ ހަރަކާތްތަކެއް ހިންގާން ނިންމައިފައި ވާ ކަމަށެވެ. އެގޮތުން ޗައިނާގެ ގައުމީ ޓީވީ ޗެނަލް ކަމަށް ވާ ސީސީޓީވީން ރާއްޖެ އިޝްތިހާރު ކުރާން ދެ އެޕިސޯޑްގެ ވަރަށް ހާއްސަ ޕޮރުގުރާމެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ. އަދި އެ ޕޮރުގުރާމަކީ ޗައިނާގެ ސަރުކާރުން ހަރަދު ކޮށްގެން ހަދާ ޕޮރުގުރާމެއް ކަމަށް ވެސް މަލީހު ވިދާޅުވިއެވެ.

"އެ ޕޮރުގުރާމްގައި ގެނެސްދޭނެ ރާއްޖޭގެ ފަތުރުވެރިކަމާއި ސަގާފަތާއި، ދޯނި ބަނުން ކަހަލަ އެކިއެކި ހުނަރުތަކާއި ދެން އެހެން ގޮސް ރާއްޖޭގެ ސަގާފަތުގައި ހިމެނޭ ރީތި މި ހުރިހާ ކަންތައްތަކާއި ރާއްޖޭގެ ރިސޯޓުތަކާއި ގުދުރަތީ ރީތިކަމާއި ފެނަޑީގެ މަންޒަރުތައް ވެސް، އެއީ ވަރަށް ރަނގަޅު ވާނެ ޓީވީ ޗެނަލެއް" މަލީހު ވިދާޅުވިއެވެ.

މަލީހު ވިދާޅުވީ އެ ޕޮރުގުރާމްގެ ސޫޓިން މަސައްކަތްތައް މި އަންނަ މަހުގެ ތެރޭގައި ނިމޭއިރު މޭ މަހުގެ ފަހުކޮޅު އެ ޕޮރުގުރާމް ދެއްކޭ ވަރު ވާނެ ކަމަށެވެ. އަދި ވިދާޅުވީ އެޕޮރުގުރާމްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ޗައިނާގައި ވަރަށް ބޮޑަށް އިޝްތިހާރު ކުރެވިގެންދާނެ ކަމަށާއި އަދި އެ ޓީވީގެ އިތުރުން ޗައިނާގެ އިތުރު ޓީވީއަކުން ވެސް ރާއްޖޭގައި އިޝްތިހާރު ކުރުމަށް ޕޮރުގުރާމެއް ހެދުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ. ނަމަވެސް އެ މަސައްކަތްތައް ކުރަމުން ދާތީ އެއީ ކޮން ޓީވީއެއް ކަމެއް ވިދާޅެއް ނުވެއެވެ.

މަލީހު ވިދާޅުވީ ޗައިނާގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމުގެ ގޮތުން ރާއްޖެއަށް ދަތުރު ކުރާ އެއާލައިންއަކާ ގުޅިގެން ޗައިނާގެ ހަތަރު ޝަހަރެއްގައި މި އަންނަ މަހު މަގުމަތީ ތަމްސީލުތަކެއް ބޭއްވުމަށް ނިންމައިފައި ވާ ކަމަށެވެ. އެގޮތުން މަގުމަތީ އެ ތަމްސީލުތަކުގައި ޗައިނާގެ ނޫސްވެރިންނާއި ދަތުރު އިންތިޒާމު ކުރާ ފަރާތްތަކާ ބައްދަލު ކޮށް ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރާން މަސައްކަތްތަކެއް ކުރާނެ ކަމަށް މަލީހު ވިދާޅުވިއެވެ.

"ހަތަރު ޝަހަރެއްގައި މަގުމަތީ ތަމްސީލުތައް ބާއްވާ އިރު އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި މަދުވެގެން 2000 އެއް ހައި އެޖެންޓުންނާ ބައްދަލު ކުރެވޭނެ ދެން ކޮންމެ ޝަހަރަކުން 20 ވަރަކަށް ނޫސްވެރީން ގެނެވުނަސް އެއީ ވަރަށް ބޮޑު އަދަދެއް އަދި އެކަމުގެ ސަބަބުން ފަތުރުވެރިކަމަށް ހެޔޮ އަސަރުކުރާނެ ކަމެއް" މަލީހު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަގުމަތީ އެ ތަމްސީލުތައް ބޭއްވުމަށް ނިންމައިފައި ވަނީ ބެއިޖިން އާއި ޝަންހާއީގެ އިތުރުން ޝެންޒެއިން އާއި ޝުންޝާ ޝަހަރުގައި ކަމަށެވެ. މަލީހު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމާ ދެކޮޅަށް ގިނަ ހަރަކާތްތަކެއް ހިންގަމުންދާ މި ދުވަސްވަރުގައި ފަތުރުވެރިކަން ކުރިއެރުވުމުގެ ހަރަކާތްތައް ހިންގުމުން އޭގެ ހެޔޮ އަސަރު ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާނެ ކަމަށެވެ.

ޗައިނާގެ ފަތުރުވެރިކަމަށް ހާއްސަ ކޮށްގެން ރާއްޖެ އިޝްތިހާރު ކުރާން އެ ގައުމުގައި ގިނަ ހަރަކާތްތަކެއް ހިންގާން ނިންމައިފައި ވާ އިރު ޗައިނާ އަކީ މިހާރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރީން އަންނަ ގައުމެވެ. އެގޮތުން މިދިޔަ މަހު އެކަނި ވެސް އެގައުމުން ވަނީ ރާއްޖެއަށް 33592 ފަތުރުވެރީން ޒިޔާރަތްކޮށްފައެވެ.