26 Mar 2013, 11:01
ރެއާލް މެޑްރިޑުން ވާދަވެރި ބާސެލޯނާއަށް ކުޅުންތެރިއަކު ގެނެވޭނަމަ ގެންނާން ބޭނުންވަނީ މެޑްރިޑްގެ ތިން ޑިފެންޑަރުން ކަމަށްވާ ޕެޕޭ އާއި ސާޖިއޯ ރާމޯސް އާއި ރަފައެލް ވަރަނޭއާ ތެރެއިން ކުޅުންތެރިއެއް ކަމަށް ބާސާގެ ޑިފެންޑަރު ޖެރާޑް ޕީކޭ ބުނެފި އެވެ.
މިސީޒަނުގައި ފަހަކަށް އައިސް ބާސާގެ ޑިފެންސް ލައިނުން ހަދަމުންދާ ގޯސްތަކަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. އެހެންކަމާ އެކު ބާސާއިން ޑިފެންޑަރެއް ގެންނާން އުޅޭ ކަމުގެ ވާހަކަތަކެއް ވަނީ ފެންމަތިވެފައެވެ. މީގެ ދުވަސްކޮޅެއް ކުރިން ބާސާއަށް މެޑްރިޑްގެ ރާމޯސް ގެންނާން ބޭނުން ވާ ކަމަށް ބާސާގެ މިޑްފީލްޑަރު ސާޖިއޯ ބުސްކެޓްސް ވެސް ބުނެފައި ވެއެވެ.
"މެޑްރިޑުން ކުޅުންތެރިއަކު ބާސާއަށް ގެންނަނަމަ އަހަރެން ގެންނާނީ ޕެޕޭ އާއި ރާމޯސް އާއި ވަރަނޭއާ ތެރެއިން ކުޅުންތެރިއެއް. އަހަރެމެންގެ ޑިފެންސް ލައިނަށް މި ވަގުތު ދިމާ ވެފައި ވާ އެންމެ ބޮޑު މައްސަލައަކީ ޑިފެންޑަރުންނަށް އަނިޔާވުން. އެހެންކަމުން އަހަރެން ބޭނުމީ ޑިފެންސްލައިން ވަރުގަދަ ކުރާން. އަދި ހަމަޔަގީނުން ވެސް މެޑްރިޑްގެ ގޯލްކީޕަރު އިކާ ކަސިޔަސް، ބާސާގެ ޓީމަށް ވަރަށް މުހިންމު ވާނެ." ޕީކޭ ބުންޏެވެ.
ސްޕެއިންގެ އެންމެ ވާދަވެރި ދެ ކްލަބު ކަމަށް ވާ ބާސާ އާއި މެޑްރިޑްގެ ވާދަވެރިކަން އިތުރަށް ވަރުގަދަ ވަމުން ދިޔަޔަސް، ސްޕެއިންގެ ގައުމީ ޓީމަށް އެކަމުގެ އަސަރުތަކެއް ކުރާތަނެއް ނުފެނެއެވެ. ދެ ކްލަބުގެ ވާދަވެރިކަމުގެ ސަބަބުން ގައުމީ ޓީމުގައި އެއްވެސް މައްސަލައެއް ނޫޅޭ ކަމުގެ ޔަގީންކަން ޕީކޭ ދީފައިވެއެވެ.
"އަހަރެމެންގެ އަމިއްލަ ޓީމުގެ ދިފާއުގައި ނުކުންނާނެ. އަދި އަހަރެމެން އެކައްޗަކަށް ވެގެން ގައުމީ ޓީމުގެ ދިފާއުގައި ވެސް ނުކުންނާނަން. އެއް އިރެއްގައި ބާސާ އާއި މެޑްރިޑްގެ ކުޅުންތެރިންގެ މެދުގައި އޮތް ގުޅުން ކުޑަ ވެގެން ދިޔަ. ނަމަވެސް އެއީ މީގެ ގިނަ ދުވަސްތަކެއް ކުރިން ހިނގި ކަންތައްތަކެއް." ޕީކޭ ބުންޏެވެ.
ވޯލްޑް ކަޕް 2014 ގެ ކޮލިފައިން މެޗުތަކުގެ ތެރެއިން އެންމެ ވާދަވެރި މެޗެއްގެ ގޮތުގައި ފާހަގަ ކޮށް ލެވެނީ މިރޭ އޮންނަ ސްޕެއިން އާއި ފްރާންސްގެ ކުރިމަތިލުމެވެ. ފްރާންސްގެ ސްޓޭޑިއަމްގައި މި ދެ ޓީމް ބައްދަލު ކުރާ މެޗު ފަށާން ހަމަޖެހިފައިވަނީ ރާއްޖޭ ގަޑިން މިރޭ 01:00 ގައެވެ.