26 Mar 2013, 11:01
ރާއްޖޭގެ ރައީސްކަން ކޮށްފައިވާ މީހެއްގެ މައްޗަށް ސުޕްރީމް ކޯޓަށް ދައުވާ ހުށަހަޅަދިނުމަށް ގާނޫނު ވަކީލެއް ކައިރީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު އެދިފައިވާ އިރު އެ ފަނޑިޔާރު ވަކި ކުރުން ވަރަށް މުހިންމު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ކުޑަ ހެންވޭރު ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް ދައުވާ ކޮށްދިނުމަށް ގާނޫނީ ވަކީލު ދިޔާނާ ސައީދު އަރިހުގައި އެ ކޯޓުގެ ފަނޑިޔާރަކު އެދިވަޑައިގަތް ކަމަށް ދިޔާނާ ވިދާޅުވާ ކަމަށާއި އެއީ ކޮން ފަނޑިޔާރެއްތޯ ޖޭއެސްސީ އިން ބައްލަވައި އޭނާ އެ މަގާމުން ވަކިކުރެއްވުން ވަރަށް މުހިންމު ކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް ނަޝީދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު އެ ކޯޓަށް މައްސަލައެއް ހުށަހަޅާދިނުމަށް ވަކީލެއް ކައިރި ދެންނެވި ވާހަކަ އުއްތަމަ ފަނޑިޔާރު ބައްލަވަން ޖެހިވަޑައިގަންވާނެ ކަމަށެވެ.
"މިކަން އެ ބޭފުޅާ [އުއްތަމަ ފަނޑިޔާރު ] ޖެހޭނެ ބައްލަވަން. އެ ބޭފުޅާ [އުއްތަމަ ފަނޑިޔާރު]ގެ ފަނޑިޔާރު ގޭގެ އިންނެވި ފަނޑިޔާރެއް ރާއްޖޭގެ ގާނޫނީ ވަކީލެއް ކައިރި މި އެދެނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް. އެ ބޭފުޅާ ކޯޓަށް، އެ ވާހަކަ ލިޔުމުން އުއްތަމަ ފަނޑިޔާރަށް ދެންނެވީމަ އެކަން ބައްލަވަން ޖެހޭނެ. ޖުޑިޝަލް ސާވީސް ކޮމިޝަނުން އެ ވިދާޅުވާ ފަނޑިޔާރު ހޯއްދަވާފައި އޭނާ އަތުން ފަނޑިޔާރުކަން ނެގުން ވަރަށް މުހިންމު،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އިންސާފުން ބޭރުން ވަކި ފަރާތަކަށް ޖެހިގެން ފަނޑިޔާރުކަން ކުރައްވާ ފަނޑިޔާރުން ބޭތިއްބުމަށް ރާއްޖޭގެ ގާނޫނު ތަންނުދޭ ކަމަށާއި ޝަރުއީ ދާއިރާ އިސްލާހް ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
"ރާއްޖޭގެ ފަނޑިޔާރު ގެތަކުގައި ފަރާތް ފަރާތަަށްޖެހި އާންމު އުސޫލުން ދުރުވެ، އިންސާފުން ބޭރުގައި ކަންކަން ކުރަން ހިތް ނިޔަތްގަނެގެން ތިއްބަވާ ބޭފުޅުން ބައިތިއްބާކަށް ރާއްޖޭގެ ގާނުނެއް ވެސް އަދި ރައްޔިތުންގެ ހިޔާލެއް ފިކުރެއް ވެސް ތަނެއް ނުދޭ. އަޅުގަނޑުމެން އެ ފުރުސަތެއް ނުދޭނަން." ނަޝީދު ވިދާޅުވި އެވެ.
އެފަދަ ވާހަކައެއް ދިޔާނާ އަރިހު ދެއްކެވީ އެ ކޯޓުގެ ކޮން ފަނޑިޔާރެއް ކަމެއް އަދި އެ ވާހަކައެއް ދެއްކެވީ ކޮން އިރަކު ކަމެއް ދިޔާނާ ވެސް އަދި ނަޝީދު ވެސް ވިދާޅެއް ނުވެ އެވެ.
އެ ވާހަކައިގެ އިތުރަށް ނަޝީދު އަަހާރަކޮށްލުމަށް ބަޔަކު މަސައްކަތް ކުރި ކަމަށް އޭނާ އެނގިވަޑައިގެންފައިވާ ކަމަށް ވެސް ދިޔާނާ ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އެ ވާހަކަތައް އޭނާ ދައްކަވަން ފެއްޓެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު އޭނާ ހިއުމަން ރައިޓްސް މިނިސްޓަރުކަމުން ވަކިކުރި ހިސާބުން ފެށިގެންނެވެ.