އަންނަ އަހަރު ބްރެޒިލްގައި ބާއްވާ ވޯލްޑްކަޕަށް ޖަރުމަންގެ ގައުމީ ޓީމް ކޮލިފައިވެއްޖެ ނަމަ، އެ ޓީމުން ބޭނުން ވަނީ އެމުބާރާތް ކާމިޔާބުކުރަން ކަމުގައި ބޮރޫސިއާ ޑޯޓްމުންޑްގެ ޖަރުމަން މިޑްފީލްޑަރު މާރިއޯ ގޮޓްޒޭ ބުނެފި އެވެ.

ޖަރުމަން ގައުމީ ފުޓްބޯޅަ ޓީމަށް ބޮޑު މުބާރާތެއް ކާމިޔާބުނުކުރެވޭތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. އެ ޓީމަށް އެންމެ ފަހުން ލިބުނު ކާމިޔާބަކީ ޔޫރޯ 1996 ގެ ޗެމްޕިއަންކަމެވެ. އެންމެ ފަހުން އެޓީމަށް ވޯލްޑްކަޕެއް ކާމިޔާބުކުރެވުނީ 1990 ވަނަ އަހަރު އެވެ. ޖަރުމަން ޓީމަށް ވޯލްޑްކަޕް ކާމިޔާބުކޮށްދިނުމަށް އެހީތެރިވެދޭނެ ކަމުގައި ގޮޓްޒޭ ބުނެ އެވެ.

"ވޯލްޑްކަޕް ފެށެން އަދި އެއްއަހަރަށް ވުރެ ގިނަ ދުވަސް އެބައޮތް. އެހެންކަމުން އަންނަ ކޮންމެ މެޗަކަށް ރަނގަޅަށް ތައްޔާރުވެގެން ނުކުތުމަކީ ރަނގަޅު ކަމެއް. އަހަރެމެން ފުރަތަމަ ޖެހޭނީ ވޯލްޑްކަޕަށް ކޮލިފައިވާން. އަހަރެމެންނަށް އެނގޭ މިޓީމަކީ ރަނގަޅު އަޒުމެއް އޮތް ވަރުގަދަ ޓީމެއްކަން. އަހަރެމެން މުބާރާތަކަށް ކޮލިފައިވާ ނަމަ، މުބާރާތް ކާމިޔާބުކުރެވޭތޯ ބަލާނަން." ގޮޓްޒޭ ބުންޏެވެ.

އުމުރުން 20 އަހަރުގެ ގޮޓްޒޭ ދެން އަލިއަޅުވާލީ ބޮރޫސިއާ ޑޯޓްމުންޑުން ދައްކަމުންދާ ކުޅުމާއި ބެހޭގޮތުންނެވެ.

"ޗެމްޕިއަންސް ލީގުގައި ޑޯޓްމުންޑްގެ ފަރާތުން ރަނގަޅު ކުޅުމެއް ދެއްކުނު ކަމަށް އަހަރެން ގަބޫލުކުރަން. އަހަރެމެން ބަޔާން އަތުން ޑީއެފްބީ-ޕޮލަލް އިން ކަޓައިގެން ދިޔަ. ނަމަވެސް މިއީ ފުޓްބޯޅަ. ބުންޑަސްލީގާގައި އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް އަލުން ކޮލިފައިވުމުގެ ފުރުސަތު އެބައޮތް. ބަޔާން އެއްވަނާގައި އޮތީ ރަނގަޅު ކުޅުމެއް ދައްކައިގެން. އަހަރެމެންނަށް ސީޒަންގެ ފުރަތަމަ ކޮޅު ގިނަ ޕޮއިންޓްތަކެއް ގެއްލުނު." ގޮޓްޒޭ ބުންޏެވެ.

ޖަރުމަން ގައުމީ ޓީމް އޮތީ ވޯލްޑްކަޕް ކޮލިފައިންގެ ގްރޫޕް ތިނެއްގެ އެއްވަނާގައި ތޭރަ ޕޮއިންޓާ އެކު އެވެ. ކޮލިފައިންގައި މިރޭ ޖަރުމަން ނުކުންނަން ޖެހޭނީ ފަސްވަނާގައި އޮތް ކަޒަކިސްތާން އާއި ދެކޮޅަށެވެ.
ޖަރުމަންގެ އީސީކްރެޑިޓް ސްޓޭޑިއޮންގައި ކުޅޭ މިމެޗު ފެށުމަށް ހަމަޖެހިފައި ވަނީ ރާއްޖޭ ގަޑިން މިރޭ 12:45ގަ އެވެ.