26 Mar 2013, 10:16
ވޯލްޑްކަޕް ކޮލިފައިންގައި މިރޭ އަޒެރްބައިޖާން އާއި ދެކޮޅަށް ޕޯޗުގަލް ނުކުންނަ މެޗުގައި ގޯހެއް ނުހެދުމަށް އެޓީމްގެ ކެޕްޓަން އަދި ރެއާލް މެޑްރިޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.
މިދިޔަ ހުކުރު ދުވަހު އިސްރާއީލްއާ ދެކޮޅަށް ޕޯޗުގަލް ކުޅުނު މެޗުން ފުއްދާލަން ޖެހުނީ ތިން ޕޮއިންޓާއެކު އެވެ. ގްރޫޕް ހަވަނާގައި މިވަގުތު އޮތް ޕޯޗުގަލް އާއި އެއްވަނާގައި އޮތް ރަޝިއާ އާއި ދެމެދު ހަތަރު ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.
"އަހަރެމެން މީގެ ފަހުން ގޯހެއް ނުހެދޭތޯ ބަލަންޖެހޭނެ. އެހެން ނޫން ނަމަ އަހަރެމެން ވޯލްޑްކަޕަށް ކޮލިފައިވުމުގެ ފުރަސަތު ކުޑަވެގެންދާނެ. މިހާރު އަހަރެމެންގެ ފަރާތުން ފެންނަމުންދާ ގޯސްތައް ތަކުރާރު ނުވޭތޯ އަހަރެމެން މަސައްކަތް ކުރަން ޖެހޭނެ." ރޮނާލްޑޯ ބުންޏެވެ.
ސަސްޕެންޝަނުގެ ސަބަބުން މިރޭ އަޒެބައިޖާން އާއި ދެކޮޅަށް ކުޅޭ މެޗުގައި ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯ އަކަށް ނުކުޅެވޭނެ އެވެ. ނަމަވެސް އޭނާ ޕޯޗުގަލް އަށް ހިތްވަރުދޭން ޓީމާ އެކު ހުންނާނެކަމަށް ރޮނާލްޑޯ ބުނެފައިވެ އެވެ.
"އަހަރެން ކްލަބަށް އެނބުރި ދިއުމުގެ ބަދަލުގައި މިވަގުތު ހުންނަން ބޭނުންވަނީ ޕޯޗުގަލް ޓީމާ އެކު. އަހަރެން ގަބޫލުކުރާ ގޮތުގައި މިވަގުތު ޓީމަށް އެންމެ ފައިދާ ބޮޑުވާނީ އަހަރެން ހުރުން. އަހަރެންނަށް ނުކުޅެވުނު ކަމުގައި ވިޔަސް ޓީމަށް އެހީތެރިވެވިދާނެ. އަހަރެންނަށް ދަނޑުމަތީ ޓީމަށް އެހީތެރިނުވެވޭތީ ދެރަވިޔަސް، ޓީމަށް ހިތްވަރުދިނުމުގައި ދެމިހުންނާނަން." ރޮނާލްޑޯ ބުންޏެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހަށް ފަހު ޕޯޗުގަލް ގައުމީ ޓީމް ކުޅުނު އެއްވެސް މެޗަކުން މޮޅުވެފައެއް ނުވެ އެވެ. އަޒެރްބައިޖާން އާއި ދެކޮޅަށް ޕޯޗުގަލް ނުކުންނާނީ ރާއްޖެގަޑިން މިރޭ 10:00 ގައެވެ. މިމެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަޒެރްބައިޖާންގެ ދަނޑުގަ އެވެ.