ސާކް ކަލްޗަރަލް ސެންޓަރާއި ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީއާއި ރާއްޖޭގެ ނޭޝަނަލް ސެންޓަރު ފޯ އާޓްސް އިން އިންތިޒާމް ކޮށްގެން، ސަރަހައްދުގައި ބޭއްވޭ އެންމެ ބޮޑު ކުރެހުމުގެ މުބާރާތް، (ސާކު އާޓިސްޓް ކޭމްޕް 2013) ރޭ ރަސްމީކޮށް ރާއްޖޭގައި ފަށައިފި އެވެ.

ހަތަރު ދުވަހުގެ މުއްދަތަށް ބަނޑޮހުގައި ކުރިއަށްގެންދާ މި ކޭމްޕު ރަސްމީކޮށް ހުޅުވައިދެއްވީ ނޭޝަނަލް އާޓް ގެލަރީގައި ރޭ ބޭއްވި ހާއްސަ ހަފްލާއެއްގައި ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު އެވެ. ސަގާފީ ހަރަކާތްތަކާއެކު ކުރިއަށް ގެންދިޔަ އެ ހަފްލާގައި ޖެންޑާ މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާއާއި ޑިރެކްޓަރު އޮފް ސާކް ކަލްޗަރަލް ސެންޓަރު ޖީއައިޑަބްލިޔު ސަމަރަ ސިންހާ އާއި ޝްރީލަންކާގެ ބައެއް މިނިސްޓަރުންނާއި ސަރަހައްދު ގައުމުތަކުގެ ހައިކޮމިޝަނަރުންނާއި އަދިވެސް ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގަތެވެ.

ސާކުގެ އެކި ގައުމުތަކުން 41 އާޓިސްޓުން ބައިވެރިވި އާޓިސްޓް ކޭމްޕު ހުޅުއްވައިދެއްވަމުން ޓޫރިޒަމް މިނިސްޓަރު އަދީބު ދެއްކެވި ވާހަކަފުޅުގައި މިފަދަ ކޭމްޕެއް ރާއްޖޭގައި ބޭއްވުމުން އޭގެއިން ވަރަށް ރަނގަޅު ފައިދާތަކެއް ރާއްޖެއަށް ކުރާނޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ރާއްޖޭގައި މިފަދަ ކޭމްޕެއް ބޭއްވިގެން ދިއުމަކީ ވަރަށް މުޙިއްމު ކަމެއް. އެނގިވަނޑައިގަންނަވާނޭ ފަދައިން މިތަނުގައި އޮތީ ބޮޑުވަމުން އަންނަ ވަރަށް ޅަ އާބާދީއެއް. ހުނަރު ހުރި ޒުވާނުންތަކެއް. އަދި އެ ކުދިންގެ މަސައްކަތް ދުނިޔޭގެ ފެންވަރުގައި ދައްކުވައިދޭން ބޭނުންވާ ފަންނާނުންތަކެއް. އެހެން ކަމުން ސާކް އާޓިސްޓް ކޭމްޕު ރާއްޖޭގައި ބޭއްވޭ ކަމީ ރާއްޖެއަށް ލިބޭ ވަރަށްބޮޑު ޝަރަފެއް،" މިނިސްޓަރު ވިދާޅުވި އެވެ.

މީގެ 17 އަހަރު ކުރިން އިންޑިޔާގެ ޝިމްލާގައި ފުރަތަމަ ފަހަރަށް ބާއްވަން ފެށި ސާކް އާޓިސްޓު ކޭމްޕު ރާއްޖޭގައި ބޭއްވޭ މިއީ ފުރަތަމަ ފަހަރެވެ. ކޮންމެވެސް ވަރެއްގެ މެދު ކެނޑުމަކަށް ފަހު ސްރީލަންކާގައި ހުންނަ ސާކު ކަލްޗަރަލް ސެންޓަރުން އިންތިޒާމް ކޮށްގެން ވޭތިވެ ދިޔަ ދެ އަހަރުގައި މި ކޭމްޕު ބާއްވާފައި ވަނީ ލަންކާގަ އެވެ. އަދި މިފަހަރުގެ މިކޭމްޕަކީ ސާކުގެ އަށްގައުމު ބައިވެރިވެގެން ބޭއްވޭ ފުރަތަމަ އާޓިސްޓް ކޭމްޕެވެ.

ސަރަހައްދުގެ ކޮންމެ ގައުމަކަށް 6 ޖާގަ ދޭގޮތަށް ކަނޑައަޅާފައި ވީނަމަވެސް މިއަހަރުގެ އާޓިސްޓު ކޭމްޕުގައި ބައިވެރިވި 41 އާޓިސްޓުންގެ ތެރޭގައި ރާއްޖޭގެ 14 އާޓިސްޓަކު ހިމެނެ އެވެ. އިންތިޒާމްކުރާ ފަރާތްތަކުން މައުލޫމާތުދިންގޮތުގައި މިފަހަރުގެ ކޭމްޕުގައި ބައިވެރިންގެ ގޮތުގައި ބޮޑަށް އިސްކަންދީފައި ވާނީ 35 އަހަރުން ދަށުގެ ޒުވާން ފަންނާނުން ނަށެވެ.