17 Oct 2010, 10:04
ޑރ. އަލީ ސަވާދު އެޓާނީ ޖެނެރަލްކަމުގައި ހުންނެވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި ނަމަ، އެޓާނީ ޖެނެރަލްގެ ގައިގައި ގާނޫނީ ތަޖުރިބާ ހުންނަން ޖެހޭނެ ކަމަށް ޤާނޫނު އަސާސީގައި ބުނާ ޝަރުތު ފެންކޮށްލެވުނީ ކަމަށް މަޝްހޫރު ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދުގެ ބްލޮގުގެ އިއްޔެގެ އަދަދުގައި ވިދާޅުވެފައި ވަނީ، ޑރ. ސަވާދަކީ، ޤާނޫނުގެ ރޮނގުން އެންމެ މައްޗަށް ކިޔަވާވިދާޅުވެގެން ހުންނެވި ބޭފުޅެއް ނަމަވެސް އެޓާނީ ޖެނެރަލް ފަދަ މަގާމެއްގައި ހުންނެ ވުމަށް އެކަށީގެންވާ ތަޖުރިބާ ޑރ. ސަވާދުގައި ނެތް ކަމަށެވެ.
ނަޝީދު ވިދާޅުވެފައި ވަނީ އެޓާނީ ޖެނެރަލަކީ ދިވެހި ސަރުކާރަށް ޤާނޫނީ ލަފާދޭ އެންމެ އިސް ފަރާތްކަމަށާއި ރާއްޖޭގެ އެންމެހައި ވަކީލުންގެ އެންމެ އިސް ވަކީލު، އަދި ދައުލަތުގެ އެންމެ އިސް ޤާނޫނުގެ އޮފިސަރުކަމަށާއި އަދި އެ މަގާމަށް އަންނަ މީހެއްގައި ވަޒީރެއްގައި ހުރުން ލާޒިމު ސިފަތައް ހުރުމުގެ އިތުރަށް، ޤާނޫނީ ދާއިރާ އިން “ފާހަގަކޮށްލެވޭ ފަދަ ތަޢުލީމާއި ތަޖުރިބާ” ހުންނަން ޖެހޭނެ ކަމަށް ޤާނޫނު އަސާސީގެ 133 ވަނަމާއްދާގެ (ހ) ބަޔާންކުރާ ކަމަށެވެ.
ކުރީގެ ލޯ ރިފޯމް މިނިސްޓަރު ވިދާޅުފައި ވަނީ ގާނޫނު އަސާސީގައި ބުނާ ބަންޑާރަނައިބުގެ ޝަރުތުގެ މާނައަކީ ތަޢްލީމުގެ ޝަރުޠާ އެކު ތަޖުރިބާގެ ޝަރުޠު ވެސް، އެ މިންވަރަށް ލިބިފައިވުން ކަމަށާއި އޭގެ މާނައަކީ ލިބިފައިވާ ތަޢުލީމުގެ އިތުރަށް ވަކީލެއްގެ ހައިސިއްޔަތުން ކުރި މަސައްކަތެއް ވެސް ފާހަގަކޮށްލެވިފައިވުން ކަމަށެވެ. އަދި ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ގޮތުން މަސައްކަތްކުރެއްވުމުގެ ހުއްދަ، ނުވަތަ ޝަރްޢީ ކޯޓުތަކުގައި ވަކާލާތުކުރުމުގެ ހުއްދަ ޑރ. ސަވާދު ހޯއްދެވީ އެޓާނީ ޖެނެރަލް ކަމަށް ޢައްޔަނުކުރެއްވި ދުވަހުކަމަށް ވާތީ، ޤާނޫނުގެ ރޮނގުން އެންމެ މައްޗަށް ކިޔަވާވިދާޅުވެގެން ހުންނެވި ބޭފުޅެއް ނަމަވެސް ޑރ. ސަވާދަކީ ތަޖުރިބާގެ ބައިގައި އެގޮތަށް ދެންނެވެން އޮތް ބޭފުޅެއް ނޫން ކަމަށެވެ. އަދި އެޓާޖެނެރަލްގެ އޮފީހުން ޝާއިއުކޮށްފައިވާ ދިވެހި ވަކީލުންގެލިސްޓަށްބަލާ އިރު ވެސް ޑރ. ސަވާދު، ރާއްޖޭގައި މަސައްކަތްކުރައްވާ ޤާނޫނީ ވަކީލަކަށް ވެވަޑައިގެންފައި ވަނީ، މި އަހަރުގެ އޯގަސްޓް 12ގައި ކަމަށާއި އެ ލިސްޓުގައި ހިމެނޭ 525 ދިވެހި ވަކީލުންގެ ތެރެއިން އެ މަނިކުފާނުގެ ނަންފުޅު އޮތީ 522 ވަނައިގައި ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ.
ނަޝީދު ވިދާޅުވެފައި ވަނީ ޑރ. ސަވާދަކީ "އަލިފާންކަނޑާ ޒާތުގެ" ވާހަކަދައްކަވާ ބޭފުޅެއް ނޫން ކަމަށާއި އަދި ސިޔާސީގޮތުން ނުރައްކާ ކޮމެންޓުކުރައްވާ ބޭފުޅެއް ވެސް ނޫން ކަމަށެވެ. އޭގެ އިތުރުން އެއީ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ“ހިޓް ލިސްޓު”ގައި އުޅުއްވާ ބޭފުޅެއް ވެސް ނޫން ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ. އަދި ޑރ. ސަވާދަކީ، ސިޔާސީ އެޓާނީ ޖެނެރަލަކަށް ވުރެ ބޮޑަށް، ޕްރޮފެޝަނަލް އެޓާނީ ޖެނެރަލަކަށް ބޭނުންވެފައިވަނިކޮށް މަގާމަށް ވަޑައިގެންނެވި، ވަގުތަށް އެންމެ އެކަށީގެންވާ ބޭފުޅާ ކަމަށާއި އެގޮތުން، އެންމެ ފުރިހަމަ ތާއީދާއި އެއްބާރުލުމާއި އިޙްތިރާމް އެމަނިކުފާނަށް އޭނާގެ އެބައޮތް ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ. ނަމަވެސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ފަރާތުން، އެމަނިކުފާނަށް ރުހުންދިނުމުގެ ވަގުތު އަންނަ އިރު، މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުންނާއި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ބަލައިގަންނަން އުނދަގޫވެގެން އުޅޭ މައްސަލައެއް އެބައޮތް ކަމަށެވެ.
އޭނާ ވިދާޅުވެފައި ވަނީ ވަޒީރުންނާ މެދު ނަގަނީ ސިޔާސީ ވޯޓެއްކަމުން އޭނާގެ ތާއީދު ޑރ. ސަވާދަށް ސިޔާސީ ގޮތުން ރުހުން ދިނުމުގައި އޮންނާނެ ކަމަށެވެ. އެކަމަކު ޤާނޫނީ ދާއިރާގައި ކޮންމެވެސް ވަރަކަށް އުޅުއްވާތާ އަހަރުތަކެއްވެފައިވާ ބޭފުޅެއްގެ ހައިސިއްޔަތުން އެ ވޯޓު އެގޮތަށް ދިނުމަށް ފަހު، ވަކީލެއްގެ ހައިސިއްޔަތުން އުނދަގޫވާނެ ކަންތައްތަކެއް އެބަހުރި ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
ނަޝީދު ވިދާޅުވެފައި ވަނީ، ޑރ. ސަވާދުގެ ނަންފުޅު ގިނަ ދިވެހިންނަށް ތަޢާރުފުވީ 2008 ގައި އޮތް ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ރަނިން މޭޓުގެ ގޮތުގައި ކަމަށެވެ. އަދި ޑރ. ސަވާދު ސަރުކާރާ ގުޅިވަޑައިގަތީ ޤާނޫނީ ދާއިރާއަކަށް ވުރެ ބޮޑަށް އިޤްތިޞާދީ ދާއިރާއަކާ ކަމަށާއި އެޓާނީ ޖެނެރަލްކަމަށް ޢައްޔަނުކުރެއްވުމާ ހަމައަށް ހުންނެވީ ޓޫރިޒަމް މިނިސްޓަރުގެ ގޮތުގައި ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.