ރައްޔިތުންގެ މަޖިލީހުން ކޮމެޓީން ދިރާސާ ކުރަމުންދާ ގާނޫނުލް އުގޫބާތުގެ ބިލަށް ފިގުހު އެކަޑަމީ އާއި އަދާލަތު ޕާޓީން ހުށަހެޅި އިސްލާހުތަކުގެ ތެރެއިން އެންމެ އިސްލާހެއް ބަލައިގަތުމަަށް ކޮމެޓީން ނިންމައިފި އެވެ.

ގާނޫނުލް އުގޫބާތުގެ ބިލަށް ހިޔާލު ހުށަހެޅުމަށް ދެ ވަނަ ފަހަރަށް މިމަހުގެ 13 ވަނަ ދުވަހު ހުޅުވާލި ފުރުސަތު އިއްޔެއާ ހަމަޔަށް ބަންދުވިއިރު، އެ ބިލަށް ހިޔާލު ހުށަހަޅުއްވާފައި ވަނީ އަދާލަތު ޕާޓީއާއި ރައީސުލްޖުމްހޫރިއްޔާ އައްޔަންކޮށްފައިވާ 22 އިލްމުވެރިންގެ ފިގުހު އެކަޑަމީންނެވެ.

އެ ދެ ފަރާތުން ވެސް 10 އަށް ވުރެ ގިނަ އިސްލާހު ހުށަހަޅުއްވާފައިވެ އެވެ. އެ ހިޔާލުތަކުގެ ތެރޭގައި ކޮމެޓީން ބަލައިގެންފައި ވަނީ މާނަ އޮޅޭ ގޮތަށް ލިޔެފައިވާ ސުރުހީ އެކެވެ. އެއީ "ބިރުދައްކައިގެން ވައްކަން ކުރުން" މި ނަމުގައި ލިޔެފައިވާ ސުރިހީ "ބިރުދައްކައިގެން ފޭރުން" އެ ނަމަށް ބަދަލު ކުރުމަށް ހުށަހަޅާފައިވާ ހިޔާލެވެ.

އަދާލަތު ޕާޓީއާއި ފިގުހު އެކަޑަމީން ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި އެ ބޭފުޅުން ފާހަގަ ކުރައްވާފައި ވަނީ ބިލުގެ ބައެއް މާއްދާތައް އިސްލާމްދީނުގެ އަސްލުތަކާ ހިލާފަށް ލިޔުއްވާފައިވާ ކަމަށެވެ. އަދި ކުށުގެ ބައެއް އަދަބުތައް ލުއިކޮށްފައިވާ ކަމަށް ވެސް އެ ދެ ފަރާތުން ވަނީ ކޮމެޓީގައި ހުށަހަޅާފަ އެވެ. އަދި އެގޮތަށް ހުރި މާއްދާތައް އިސްލާހު ކުރުމަށް ހިޔާލު ހުށަހަޅާފައި ހުރި ނަމަވެސް ގާނޫނުލް އުގޫބާތުގެ ބިލް ދިރާސާ ކުރައްވަމުން ގެންދަވާ ހަ މެންބަރުންގެ އިއްތިފާގުން ނިންމަވާފައި ވަނީ އެ އިސްލާހުތައް ބިލަށް ގެނައުމަށް ނުފެންނަ ކަމަށެވެ.

އިސްލާމްދީނުގެ ހައްދުތަކާއި ހިލާފަށް ބައެއް މާއްދާތައް ހުރި ކަމަށް ފިގުހު އެކަޑާމީ އާއި އަދާލަތުން ބުނެ، ކޮމެޓީއަށް ހިޔާލު ހުށަހަޅާފައި ވަނީ ބިލު ރަނގަޅަށް ދިރާސާ ނުކުރައްވައި ކަމަށް ކޮމެޓީގެ މެންބަރުން ވިދާޅުވި އެވެ.

ގާނޫނުލް އުގޫބާތުގެ ބިލަށް ހިޔާލު ހުށަހެޅުމުގެ އިތުރު ފުރުސަތެއް ވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަށް ދީފަ އެވެ.

ގާނޫނުލް އުގޫބާތުގެ ބިލް ދިރާސާ ކުރާ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަމްޒާއާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީއާއި ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދާއި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު މުހައްމަދާއި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲގެ އިތުރުން މާވަށު ދާއިރާގެ މެންބަރު އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރެވެ.