26 Mar 2013, 09:52
ވޯލްޑްކަޕް 2014 ގެ މިރޭ ކްރޮއޭޝިއާ އިން ވޭލްސްގެ ޓޮޓެންހަމް ހޮޓްސްޕާގެ ވިންގާ ގެރަތް ބޭލް ހިފަހައްޓަން ޖެހޭކަމަށް ކްރޮއޭޝިއާގެ ރެއާލް މެޑްރިޑް މިޑްފީލްޑަރު ލޫކާ މޮޑްރިޗް ބުނެފި އެވެ.
ވޭލްސް ޓީމުން އެންމެ ނުރައްކާތެރި ކުޅުންތެރިއަކީ ބޭލް ކަމަށް މޮޑްރިޗް ގަބޫލުކުރެއެވެ. މޮޑްރިޗް ވަނީ ބޭލް އާއެކު ކުރިން ޓޮޓެންހަމް އަށް ކުޅެފައެވެ. އަދި ބޭލްގެ ނުރައްކާތެރި ކަމަށް ސަމާލުވުމަށް ކްރޮއޭޝިއާގެ ކުޅުންތެރިންނަށް މޮޑްރިޗް ވަނީ ގޮވާލާފައެވެ.
"އަހަރެމެންނަށް ބޭލް ހިފެހެއްޓިދާނެތަ؟ އަހަރެމެން އޭނާ ހިފަހައްޓަން ޖެހޭނެ. މިމެޗަކީ ވަރަށް މުހިންމު ތިން ޕޮއިންޓް. ސާބިއާ އަތުން މޮޅުވި ނަމަވެސް ވޭލްސް އާއި ދެކޮޅަށް ކުޅޭ މެޗުން މޮޅުނުވެވިއްޖެ ނަމަ، އޭގެ އެއްވެސް މާނައެއް ނޯންނާނެ. އެއްވެސް މެޗެއް ކާމިޔާބުކުރެވޭނީ އެންމެ ކުޅުންތެރިއެއްގެ ސަބަބުން ނޫންކަން އަހަރެންނަށް އެނގޭ. އަހަރެމެން ނުކުންނަން ޖެހޭނީ ރަނގަޅު ޓިމަކާއި ދެކޮޅަށް،" މޮޑްރިޗް ބުންޏެވެ.
ވޭލްސް އިން ކްރޮއޭޝިއާ އާއި ދެކޮޅަށް ނުކުންނާނީ ފަރަގު ކުޑަކުރުމަށެވެ. ގްރޫޕް އޭގެ ދެވަނާގައި އޮތް ކްރޮއޭޝިއާ އާއި ތިން ވަނާގައި އޮތް ވޭލްސް އާއި ދެމެދު ހަތް ޕޮއިންޓްގެ ތަފާތު އެބައޮތެވެ. ވޭލްސް އިން މިދިޔަ ހުކުރު ދުވަހު ސްކޮޓްލޭންޑާއި ދެކޮޅަށް ކުޅުނު މެޗުން މޮޅުވީ 2-1 ލަނޑުންނެވެ.
ކްރޮއޭޝިއާއާ ދެވަނާގައި އޮތްއިރު، ގްރޫޕް އޭގެ އެއްވަނާގައި އޮތީ ބެލްޖިއަމް އެވެ. ބެލްޖިއަމް އާއި ކްރޮއޭޝިއާ އަށް ތޭރަ ޕޮއިންޓް ލިބުނު ނަމަވެސް ބެލްޖިއަމް އެއްވަނާގައި އޮތީ ގޯލްގެ ތަފާތުންނެވެ. ވޭލްސް އާއި ދެކޮޅަށް ކްރޮއޭޝިއާ ނުކުންނާނީ ރާއްޖޭގަޑިން މިރޭ 12:45 ގައެވެ. މިމެޗު ކުޅުމަށް ހަމަޖެހިފައިވަނީ ވޭލްސްގެ ލިބާޓީ ސްޓޭޑިއަމްގަ އެވެ.