26 Mar 2013, 09:22
އިސްލާމް އާބާދު (މާޗް 26): ޕާކިސްތާނުގައި އަންނަ މެއި މަހު ބާއްވާ އާއްމު އިންތިޚާބުގެ ކަންތައްތައް ބެލެހެއްޓުމަށް އެކުލަވާލާ އިންތިޤާލީ ސަރުކާރުގެ ބޮޑުވަޒީރުކަމުގެ މަގާމްގެ ހުވާ މިރް ހަޒަރު ޚާންކޯސޯ ކުރައްވައިފި އެވެ.
އުމުރުން 84 އަހަރުގެ ކޯސޯ އަކީ ކުރީގެ ފަނޑިޔާރެކެވެ. ޕާކިސްތާނުގެ ޕާލަމެންޓް ކަމަށްވާ ނެޝަނަލް އެސެމްބްލީގެ ޤާނޫނީ މުއްދަތު ހަމަވެފައި ވަނީ މީގެ 10 ވަރަކަށް ދުވަސްކުރިންނެވެ. އެއާ އެކު ކުރީގެ ބޮޑުވަޒީރު ރަޖާ ޕަރުވޭޒް އަޝްރަފް ވެސް ވަނީ މަޤާމުން އިސްތިއުފާ ދެއްވައިފަ ވެ. ޕާކިސްތާނުގެ ދަސްތޫރު ބުނާގޮތުން އާންމު އިންތިޚާބު ބާއްވަން ޖެހޭނީ ވަކިފަރާތަކަށް ނުޖެހޭ ވަގުތީ ސަރުކާރެއްގެ ބެލުމުގެ ދަށުންނެވެ. ޕާކިސްތާނުގެ އިލެކްޝަންސް ކޮމިޝަނުން އިންތިޚާބު ބާއްވާނެ ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ އަންނަ މޭމަހުގެ 11 ވަނަ ދުވަހެވެ.
އިންތިޚާބަށްޓަކައި އައު ސަރުކާރެއް ފާކިސްތާނުގައި އެކުލަވާލައި އިންތިޤާލީ ބޮޑުވަޒީރު މަޤާމުގެ ހުވާކުރައްވާފައިވާ އިރު ބުއްޓޫ ޢާއިލާއަށް ނިސްބަތްވާ ޕާކިސްތާނުގެ ޕީޕަލްސް ޕާޓީ (ޕީޕީޕީ) އާއި ކުރީގެ ބޮޑު ވަޒީރު މުޙައްމަދު ނަވާޒް ޝަރީފުގެ ޕާކިސްތާން މުސްލިމްލީގު ޕާޓީ އާއި ކުރީގެ ރައީސް ޖެނެރަލް ޕަރުވޭޒް މުޝައްރަފްގެ އޯލް ޕާކިސްތާން ޕާޓީ ވެސް ގެންދަނީ އިންތިޚާބަށް ވަރަށް ބޮޑަށްތައްޔާރުވަމުންނެވެ. މީގެ އިތުރުން ކުރީގެ ކުރިކެޓް ކުޅުންތެރިޔާ ޢިމްރާން ޚާންގެ ޕާޓީވެސް ގެންދަނީ ވަރަށް ފޯރިއާއެކު އިންތިޚާބަށް ތައްޔާރުވަމުންނެވެ.
ޕާކިސްތާނުގައި ވަގުތީ ސަރުކާރެއް އެކުލަވާލަން ޖެހެނީ ވެރިކަންކުރި ޕާޓީ އާއި އިދިކޮޅު ޕާޓީ އެއްގަލަކަށް އަރައިގެން ކަމަށްވީ ނަމަވެސް ބޮޑުވަޒީރަކަށް ބޭފުޅަކު ހަމަޖެއްސުމުގައި އެދެފަރާތަށް އެއްބަސްވުމަކަށް ނާދެވި ދިގުލަމުން ދިޔުމުގެ ސަބަބުން ބޮޑުވަޒީރުކަމުގެ މަޤާމް މިރް ހަޒަރު ޚާންކޯސޯގެ ނަން ހުށަހެޅީ އިލެކްޝަންސް ކޮމިޝަނުން ކަމަށާ ކޮމިޝަނުގެ މިނިންމުމަށް ޕީޕީޕީ އާއި ނަވާޒް ޝަރީފް ރުހުންދެއްވީ ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ. (ނޫސްއެޖެންސީތައް)