ދަވްޙާ (މާޗް 26): ޢަރަބި ގައުމުތަކުގެ އެންމެ އިސްވެރިންގެ ސަމިޓް ބައްދަލުވުމެއް ޤަތަރުގެ ވެރިރަށް ދަވްޙާގައި މިއަދު ހެނދުނު ފެށުމަށް ހަމަޖެހިފައިވާ އިރު މިސަމިޓްގައި ޢަރަބި 22 ގައުމުގެ ތެރެއިން 16 ގައުމުގެ އެންމެ އިސްވެ ވެރިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ޤަތަރުން ބުނެފި އެވެ.

ޤަތަރު ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ ޙަވާލާދީ އަލްޖަޒީރާ ޚަބަރުދޭ ގޮތުގައި ޢަރަބި 16 ގައުމުގެ އެންމެ އިސްވެ ވެރިންނާއި ހަ ގައުމެއްގެ ދެ ވަނަ ދަރަޖައިގެ ވެރިން އިއްޔެގެ ނިޔަލަށްވަނީ ދަވްޙާއަށް ވަޑައިގެންފަ އެވެ. މިފަހަރުގެ ޢަރަބި ސަމިޓްގައި އެންމެ ބޮޑު އިސްކަމެއް ދިނުމަށް ހަމަޖެހިފައި ވަނީ ސޫރިޔާގެ މައްސަލައަށެވެ. މިގޮތުން ސޫރިޔާގައި ހިނގަމުންދާ ލޭއޮހޮރުވުންތައް ހުއްޓުވުމުގެ ފޯމިއުލާއެއް ސަމިޓުން ނެރެވޭތޯ އަރަބި ގައުމުތަކުގެ ރަސްރަސްކަލުންނާއި އަމީރުންނާއި ރައީސުން ވަރަށް ބޮޑަށް މަސައްކަތްކުރައްވާނެ ކަމަށް އަލްޖަޒީރާ ބުނެ އެވެ.

ޢަރަބި ސިމިޓް މިއަދު ހެނދުނު ޤަތަރުގައި ފަށާއިރު އަދި ސަމިޓްގައި އެންމެ އިސްކަން ދިނުމަށް ހަމަޖެހިފައި ވަނީ ސޫރިޔާގެ ލޭއޮހޮރުވުންތައް ހުއްޓުވުމަށް ކަމަށް ވާއިރު ސަމިޓްގައި ސޫރިޔާ ތަމްޘީލް ކުރާނެ ފަރާތެއް މިހާތަނަށް ހަމަޖެހިފައެއްނުވެ އެވެ. ޢަރަބި ލީގުގެ ބައްދަލުވުންތަކުން ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރު އެކަހެރިކޮށް ސޫރިޔާގެ ރައްޔިތުން ތަމްޘީލްކުރާ ފަރާތަކީ އެގައުމުގެ އިދިކޮޅު ކޯލިޝަންކަމަށް އަރަބި ޚާރިޖީ ވަޒީރުން ނިންމަވާފައިވީ ނަމަވެސް ޢަރަބި ސަމިޓްގައި ސޫރިޔާ ތަމްޘީލްކުރާނެ ފަރާތެއް މިހާތަނަށް ކަނޑައެޅިފައިނުވާތީ އަރަބި ސަމިޓް ފެށޭއިރު ސޫރިޔާގެ ގޮނޑިހުރީ ހުހަށް ކަމަށް ޚަބަރުލިބެ އެވެ.

ޢަރަބި ސަމިޓްގައި ސޫރިޔާ ތަމްޘީލްކުރާނެ ފަރާތެއް ކަނޑަނޭޅިވަނީ ސޫރިޔާގެ އިދިކޮޅު ކޯލިޝަންގެ މެދުގައި ބައިބައިވުންތައް ބޮޑުކަމުން ކަމަށްވެ އެވެ. ޢަރަބި ސަމިޓްގައި ސޫރިޔާގެ އިދިކޮޅު އިންތިޤާލީ ސަރުކާރުގެ ބޮޑުވަޒީރު ޣައްސާން ހީތޫ، ސޫރިޔާ ތަމްޘީލް ކުރައްވާގޮތަށް ކުރިން ހަމަޖެހިފައިވީ ނަމަވެސް ސޫރިޔާގެ ހަނގުރާމަވެރިންގެ ހީތޫ އާމެދު ހިތްހަމަނުޖެހުން ފާޅުކުރަމުންގެން ދާތީ ހީތޫ ތަމްޘީލް ކުރުމަށްވަނީ ހުރަސްތަކެއް ކުރިމަތިވެފަ އެވެ. އަނެއްކޮޅުން ސޫރިޔާގެ އިދިކޮޅު ކޯލިޝަންގެ ރައީސް މުޢާޛުލްޚަތީބު ވެސް މިދިޔަ އާދީއްތަ ދުވަހު މަޤާމުން އިސްތިއުފާ ދެއްވާފައި ވާތީ އޭނާ ވެސް ވަނީ ޢަރަބި ސަމިޓްގައި ސޫރިޔާ ތަމްޘީލް ކުރުމަށް ޢުޒުރުވެރިވެވަޑައިގެންފައި ކަމަށް ޚަބަރުލިބެ އެވެ. (އަލްޖަޒީރާ)