ޗައިނާގެ އަސްކަރީ ބާރު ގަދަކުރުމުގެ ގޮތުން ކުރަމުންދާ މަސައްކަތުގެ ދަށުން ރަޝިޔާ އިން އުފައްދާ ހަނގުރާމަ މަތީ މަތިންދާބޯޓު (ފައިޓާ ޖެޓް)ގެ 24 ބޯޓާއި ހަތަރު ސަބްމެރީނެއް ޗައިނާ އިން ގަނެފައިވާ ކަމަށް ޗައިނާގެ ދައުލަތުގެ މީޑިއާ އިން ބުނެފި އެވެ.

ދިހަ ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ޗައިނާ އިން ރަޝިޔާގެ އަސްކަރީ އުފެއްދުންތަކެއް ގިނަ އަދަދަކަށް ގަތުމަށް އެއްބަސްވި ފުރަތަމަ ފަހަރުގައި، ގަތުމަށް ހަމަޖެހިފައިވާ ހަތަރު ސަބްމެރީންގެ ތެރެއިން ދެ ސަބްމެރީން ބަންނާނީ ރަޝިޔާގަ އެވެ. އަނެއް ދެ ސަބްމެރީން ބަނުމަށް ހަމަޖެހިފައި ވަނީ ޗައިނާގަ އެވެ.

ޗައިނާގެ އާ ރައީސް ޒީ ޖިންޕިންގް، ރަޝިޔާގެ ވެރިރަށް މޮސްކޯއަށް ހަފުތާ ބަންދުގައި ކުރެއްވި ދަތުރުފުޅުގެ ކުރިން ހަނގުރާމަ މަތީ މަތިންދާބޯޓާއި ސަބްމެރީން ގަތުމުގެ އެއްބަސްވުމުގައި ދެގައުމުން ސޮއިކޮށްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޗައިނާގެ ސެންޓްރަލް ޓީވީ (ސީސީޓީވީ) އިން ބުނީ ޗައިނާއިން ގަތުމަށް އެއްބަސްވެފައި ވަނީ ސުހޯއި އެސްޔޫ-35 މަރުކާގެ 24 ފައިޓާ ޖެޓް ކަމަށެވެ. އަދި ހަތަރު ސަބްމެރީން އަކީ ވެސް ލަޑާ ކުލާހުގެ ސަބްމެރީންތަކެއް ކަމަށް ސީސީޓީވީ އިން ބުނެ އެވެ.

ޗައިނާއިން ވަނީ މިއެއްބަސްވުމުގެ ޖުމްލަ އަގު ހާމަކުރަން ދެކޮޅު ހަދާފަ އެވެ.

މީގެ އިތުރުން އަސްކަރީ ބައެއް ޓެކްނޮލޮޖީ ފަރުމާކުރުމުގައި ދެގައުމުން ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވެފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. މިގޮތުން އެސް-400 މަރުކާގެ ދިގު ރާސްތާގެ އެންޓި-އެއާކުރާފްޓް މިސައިލް ތަރައްގީކުރުމާއި، 117އެސް މަރުކާގެ އިންޖީނު ފަރުމާކުރުމާއި އައިއެލް-476 މަރުކާގެ ޓުރާންސްޕޯޓް މަތިންދާބޯޓު ތަރައްގީކުރުމުގެ އިތުރުން އައިއެލް-78 މަރުކާގެ މަތިންދާބޯޓު ތަރައްގީކުރުމުގައި ދެގައުމުން އެއްބާރުލުން ދީ، ފަންނީ ތަޖުރިބާ ހިއްސާކުރުމަށް ވަނީ އެއްބަސްވެފަ އެވެ.

އެމެރިކާ އިން އެގައުމުގެ އަސްކަރީ ބާރުގެ ނުފޫޒު ބޭނުންކޮށްގެން ގިނަ ކަންތައްތަކެއް ހާސިލްކުރަމުންދާ ދަނޑިވަޅެއްގައި ރަޝިޔާއާއި ޗައިނާއިން ދަނީ އެމެރިކާގެ އަސްކަރީ ބާރު ބެލެންސްކުރުމަށް މަސައްކަތްކުރަމުން ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

މިގޮތުން މިދިޔަ އަހަރު ޗައިނާއިން ވަނީ އެގައުމުގެ އެންމެ ފުރަތަމަ އެއާކުރާފްޓް ކެރިއާގެ އޮޕަރޭޝަންތައް ވެސް ފަށައިފި އެވެ.