ސްރީލަންކާގެ ބައިމަދު މުސްލިމުންނަކީ އެއްވެސް އިރެއްގައި އެގައުމުގެ ސަރުކާރާ ދެކޮޅަށް ބަހެއް ބުނި ބައެއް ނޫނެވެ. އެމީހުންނަކީ ތަމަޅަ ބަހުން ވާހަކަ ދައްކާ ބަޔަކަށް ވިޔަސް ތަމަޅައިންނާ ސަރުކާރާ ކުރި ހަނގުރާމައިގާ ވެސް އެމީހުން ތިބީ ސަރުކާރާ އެކުގަ އެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން 1990 ވަނަ އަހަރު ތަމަޅައިގެން ބާރުގެ ދަށަށް ދިޔަ އުތުރުގެ ސަރަހައްދުން އެންމެ މަދު ގަޑިއިރުކޮޅެއްގެ ނޯޓިސްއަކާ އެކު މުސްލިމުންގެ އެތައް ބަޔަކު އެއްފަހަރާ ބޭރުކޮށްލި އެވެ. ނަމަވެސް އެމީހުންނަށް މިއަދު ކުރިމަތިވެފައިވާ ބިރަކީ ސްރީލަންކާގެ ހައްދުފަހަނައަޅާފައިވާ ވަތަނީ ހިޔާލުގެ ބައި ގިނަ ބުޑިސްޓުން (ބުދު ދީނުގެ މީހުން) އެމީހުންނާ ދެކޮޅަށް ތެދުވުމުގެ ސަބަބުން އުފެދިފައިވާ ބިރެވެ.

ބުޑިސްޓުން މުސްލިމުންނާ ދެކޮޅަށް ތެދުވުމުން އެކަން ރަނގަޅަށް ދިރާސާ ކުރުމަށް ސްރީލަންކާ އަށް ދަތުރުކުރި އިނގިރޭސިވިލާތުގެ މަޝްހޫރު ނޫސް އެޖެންސީ ބީބީސީގެ ރިޕޯޓަރު ޗާލްސް ހާވިލޭންޑްގެ ރިޕޯޓްގައި އޭނާ އަށް ފެނުނު ކަންތައްތައް ވަރަށް ތަފުސީލުކޮށް ކިޔައިދީފައިވެ އެވެ.

އޭގެ ތެރެއިން އެއް ހާދިސާއެއްގައި ބުޑިސްޓް ހާމުދުރުން ވަނީ ހަޅޭއް ލަވަމުން ކޮލެޖަކަށް ވަދެ، އެތާ ތިިބި ބައެއް މީހުންނަށް އަނިޔާ ވެސްކޮށްފަ އެވެ. އެމީހުން ކުރަމުން ދިޔަ ޝަކުވާއަކީ މުސްލިމް ދަރިވަރުންގެ ނަތީޖާ ރަނގަޅު ކޮށްދިނުމަށް ޓަކައި ކޮލެޖުން މަކަރު ހަދާ ކަމުގެ ދައުވާ އެވެ.

"ދެތިން ހަފުތާއެއް ފަހުން، ފާޅުގައި ފުލުހުންގެ މަދަދާ އެކު ހާމުދުރުން ޑެމަޓަގޯޑާގައި ހުރި ގުރުބާން ކަތިލާ ތަނަކަށް ވަދެގަތެވެ، އެމީހުން އެތަނަށް ވަދެގަތީ އެތަނުގައި ގަވައިދާ ހިލާފަށް ކަތިލާ ކަމަށާއި މަސް ރައްކާކުރަނީ ވެސް ގޯސްކޮށް ކަމަށް ބުނެ އެވެ،" ޗާލްސް ލިޔެފައިވެ އެވެ.

އޭނާ ލިޔެފައިވާ ގޮތުގައި އެ ދެ ހާދިސާގައި ވެސް ހާމުދުރުން ކުރި ދައުވާގައި އެއްވެސް އަސްލެއް ނެތެވެ.

ޗާލްސް އަދި ލިޔެފައިވާ ގޮތުގައި ސްރީލަަންކާގެ ބުޑިސްޓުން މުސްލިމުންނަށް ހަމަލާދީ ބިރުދެއްކުމުގެ ކަންތައްތައް އަންނަނީ ތަކުރާރުކޮށް ކުރަމުންނެވެ. އެގޮތުން ހައްދުފަހަނައަޅާފައިވާ ބުޑިސްޓުންގެ އެންމެ އެންމެ ބޮޑު ޖަމާއަތް ކަމަށްވާ ބްޑިސްޓް ސްޓްރެންތު ފޯސް (ބޮޑު ބަލާ ސޭނާ، ބީބީއެސް) އިން ދާދި ފަހުން ބޭއްވި ހިނގާލުމުގައި "މުސްލިމުންނަށް ތަންތަން ކުއްޔަށް ނުދިނުމަށް" ވަނީ ގޮވާލާފަ އެވެ.

އެތައް ހާސް މީހުންނެއް ބައިވެރިވި އެ ޖަމާއަތުގެ އެހެން އެއްވުމެއްގައި އެޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް ގުނަސަރާ ތެރޯ ބުނެފައި ވަނީ އެއްވުމުގައި ބައިވެރި ކޮންމެ ބުޑިސްޓަކު މުސްލިމުންގެ ހައްދުފަހަނައެޅުމާ ދެކޮޅަށް މަސައްކަތް ކުރާ ނުރަސްމީ ފުލުހުކަށް ވުމަށެވެ.

ޗާލްސް ލިޔެފައިވާ ގޮތުގައި އޭނާ އެއްވުންތަކުގެ އިތުރުން ބައެއް ފައްޅިތަކަށް ވެސް ޒިޔާރަތްކުރި އެވެ. އެގޮތުން ދެހިވަލާގައި ހުންނަ ފައްޅިއަކަށް، އެއް ދުވަހެއްގެ ހެނދުނު އޭނާ ޒިޔާރަތް ކުރި އިރު އެތާނގެ އެންމެ ބޮޑު ހާމުދުރު އަކުމީމާނާ ދަޔަރަތުނާ ދައްކަމުން ދިޔަ ވާހަކައަކީ، "މުސްލިމުން މާގިނަ މިސްކިތްތައް ބިނާކޮށް މާގިނަ މީހުން ދީނަށް ވައްދަމުންދާ" ވާހަކަ ކަމަށް އޭނާ ލިޔެފައިވެ އެވެ.

މުސްލިމުން މާގިނަ ދަރިން ހޯދަމުން އަންނަ ކަމަށް ވެސް އަކުމީމާ އޭނާގެ މީހުންނަށް ވިސްނައިދޭން މަސައްކަތް ކުރި ކަމަށް ވެސްވެ އެވެ.

"އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން އޭނާ (އަކުމީމާ)ގެ ޖަމާއަތުން ގެއަކަށް ހަމަލާދިނެވެ. އެގެއަކީ ކްރިސްޓިއަން ދީނަށް ބަޔަކު ބަދަލުވުމުގެ ކަންތައް އެވަގުތު ހިނގަމުން ދިޔަ ގެއެކެވެ. އެޖަމާއަތުން އެގޭގެ މީހުންނާ ދިމާއަށް އަނގަބަކުން ހަމަލާދީ އަދި އެގޭގެ އަންހެނަކަށް ޖިސްމާނީގޮތުން ވެސް ގެއްލުންދިން ކަމަށް ލޯކަލް ވެބްސައިޓަކުން ބުންޏެވެ،" ޗާާލްސް ލިޔެފައިވެ އެވެ.

ބުޑިސްޓުންގެ ކަންތައްތައް ހައްދުފަހަނައަޅައި ގޮސް ޑަމްބުއްލާގައި ހުރި މިސްކިތެއްގައި މުސްލިމުން ހުކުރުނަމާދުގެ ޖަމާއަތުގައި ތިއްބައި ވަދެގަނެ، މީހުންނަށާއި މިސްކިތަށް ގެއްލުން ދިނެވެ. އެހާދިސާއަށް ފަހު މިސްކިތްތަކަށް ގެއްލުން ދިނުމާއި އޫރު ފަދަ ތަކެތީގެ ސޫރަ މިސްކިތުގެ ފާރުތަކުގައި ކުރެހުން ފަދަ ކަންތައްތައް ބުޑިސްޓުން ދަނީ ތަކުރާރުކޮށް ހިންގަމުންނެވެ.

މިކަންތައްތަކާ ހެދި ސްރީލަންކާގައި ތިބި ހުރިހާ މުސްލިމުން ތިބީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގަ އެވެ.

"މުޅި ގައުމުގައި ވެސް މުސްލިމުން ތިބީ ކަންބޮޑުވެފައި، މުސްލިމުން ތިބީ ބިރުން،" ލަންކާގެ މުސްލިމް އިލްމުވެރިންގެ ޖަމިއްޔާ އޯލް ސިލޯން ޖަމިއްޔަތުލް އުލަމާ(އޭސީޖޭޔޫ)ގެ ރައީސް މުފްތީ އެމްއައިއެމް ރިޒްވީ ވިދާޅުވިކަމަށް ރިޕޯޓްގައިވެ އެވެ.

ސްރީލަންކާގެ މުސްލިމުން ހައްދުފަހަނަ އަޅަމުންދާ ކަމަށާ ބުޑިސްޓުންގެ މުގައްދަސް ތަންތަނަށް ގެއްލުން ދެމުންދާ ކަމަށް ބުޑިސްޓުން ކުރާ ތުުހުމަތާ ރިޒްވީ ދެކޮޅު ހައްދަވަ އެވެ.

"އެފަދަ އެންމެ ހާދިސާއެއް ވެސް ނުދެއްކޭނެ، އެންމެ ބުދަކަށް ވެސް ދީނީ އެއްވެސް ތަނަކަށް ވެސް މުސްލިމުން ހަމަލާދީފައެއް ނުވޭ. ސުލްހަވެރިކަމަށާއި އެހެން ދީންތަކަށް އިހުތިރާމް ކުރުމަށް އަހަރެމެންގެ މުސްލިމުންނަށް މަގުދެއްކޭ ކަމަށް އަހަރެމެން އުއްމީދު ކުރަނީ،" ރިޒްވީ ވިދާޅުވެފައިވެ އެވެ.


ވަރަށް ހަމަ ހިމޭންކަމުގައި ސްރީލަންކާގައި ދިރިއުޅެމުން އައި މުސްލިމް އާބާދީއާ ދެކޮޅަށް ބުޑިސްޓުން ހިންގަމުންދާ މިއަމަލުތަކަށް އެގައުމުގެ ސަރުކާރުގެ އިސް ފަރާތްތަކުން ދަނީ ވަރަށް ފާޅުގައި ތަރުހީބު ދެމުންނެވެ. އެގޮތުން ބީބީއެސް އިން އެންމެ ފަހުން ހުޅުވި ޓްރޭނިން ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނަކަށްވީ ނުފޫޒު ގަދަ ޑިފެންސް މިނިސްޓަރު އަދި ރައީސް މަހިންދަ ރާޖަަޕަކްޝާގެ ކޮށްކޯފުޅު ގޮތަބަޔާ ރާޖަ ޕަކްޝާއެވެ.

"އަހަރެެމެންގެ ގައުމު، ދީނާއި ނަސްލު ރައްކާތެރިކުރާ ބަޔަކީ ހާމުދުރުން، މިޖަމާއަތާ މެދު އެއްވެސް ބަޔަކު ޝައްކުކުރާކަށް ނުޖެހޭނެ، އަހަރެމެން މިތިބީ ކަލޭމެންނަށް ހިއްވަރުދޭން،" މުސްލިމުންނާ ދެކޮޅަށް ހިންގި ޖަރީމާތަކަށް ފަހުގައި ވެސް ބީބީއެސްއަށް ނިސްބަތްކުރައްވައި ގޮތަބަޔާ ރާޖަޕަކްޝާ ވިދާޅުވެފައިވެ އެވެ.

ހަލާލް ތަކެތީގެ ގޮތުގައި ކްލެސިފައިކޮށްގެން ތަކެތި ކަތިލުމާއި ވިއްކުން މަނާ ކުރުމަކީ ވެސް ސަރުކާރުން އެޅި އެފަދަ ފިޔަވަޅެކެވެ.

ތަމަޅައިންނާ ދެކޮޅަށް ކުރި ހަނގުރާމައިގާ ވެސް އިންސާނިއްޔަތާ ހިލާފު ބޮޑެތި އެތައް ޖަރީމާތަކެއް ހިންގާފައިވާ ރާޖަ ޕަކްޝާގެ ސަރުކާރުން ބުޑިސްޓުންގެ ހައްދުފަހަނައަޅައި ދިއުމަށް ފާޅުގައި ތާއީދުކުރަމުން ދިއުމަކީ ސްރީލަންކާގެ މުސްލިމުންނަށް އޮތް ބޮޑު ނުރައްކަލެކެވެ. ބިރުވެރިކަމެކެވެ.