އެމެރިކާގެ ކޮންޓްރޯލްގެ ދަށުގައި އަފްގާނިސްތާނުގައި ހިންގަމުން އައި އެންމެ ފަހު ޖަލު ކަމަށްވާ ބަގުރާމް ޖަލު އަފްގާނިސްތާނުގެ ކަމާ ބެހޭ ފަރާތްތަކާ އެމެރިކާ އިން ހަވާލުކޮށްފި އެވެ.

އެމެރިކާ އިން އަފްގާނިސްތާނާ ހަވާލުނުކޮށް، ބަގުރާމް ޖަލު އަމިއަލްއަށް ހިންގަމުން ދިއުމުގެ ސަބަބުން، އަފްގާނިސްތާނާ އެމެރިކާގެ ގުޅުންތަކަށް ހީނަރުކަމެއް އައިސްފައިވާ އިރު، ޖަލު އަފްގާނިސްތާނާ ހަވާލުކުރުމަށް އެމައްސަލައަށް ނިމުމެއް އަންނާނެ ކަމަށް ބީބީސީއިން ބުނެ އެވެ.

ބަގުރާމް ޖަލުގައި މިރޭ ކުރިއަށްދިޔަ ރަސްމިއްޔާތެއްގައި އެމެރިކާއިން ޖަލުގެ ހިންގުން އަފްގާނިސްތާނަށް ހަވާލުކުރުމުން، ޖަލުގެ ނަން ވަނީ "އަފްގާން ނެޝަނަލް ޑިޓެންޝަން ފެސިލިޓީ އެޓް ޕަރުވާން"ގެ ނަމަށް ބަދަލުކޮށްފަ އެވެ.

އެމެރިކާ އިން އަފްގާނިސްތާނުގައި ހިންގާ ގުއަންޓަނާމޯ ބޭގެ ގޮތުގައި މަޝްހޫރުވެފައިވާ ބަގުރާމް ޖަލަކީ، އެޖަލުގައި ހައްޔަރުކުރެވިފައިވާ ގައިދީންނާ ދޭތެރޭ އިންސާނިއްޔަތާ ހިލާފު އަމަލުތަކެއް ހިންގަމުންދާ ކަމަށް މީޑިއާތަކުން އެކި ފަހަރުގެ މަތިން ރިޕޯޓުކޮށްފައިވާ ޖަލެކެވެ.

ކުރިން މިޖަލު ހުރީ އެމެރިކާއިން ބަގުރާމްގައި ހިންގަމުން އަންނަ ބަގުރާމް އެއާ ބޭހުގައި ނަމަވެސް، 2010 ވަނަ އަހަރު ހިންގުނު މަޝްރޫއެއްގެ ދަށުން މިޖަލު ވަނީ އެއާ ބޭހާ ދުރަށް ބަދަލުކޮށް، ކުށްވެރިން ބަދަލުކޮށްފަ އެވެ.

އެމެރިކާ އިން ބުނީ އަފްގާނިސްތާނުގެ ޖަލުތައް އަފްގާނިސްތާނުގެ ސަރުކާރާ ހަވާލުކުރުމަކީ އެމެރިކާއިންނާއި ހުޅަނގުގެ ބާރުތަކުން އަފްގާނިސްތާނުގައި ހިންގަމުންދާ ސަލާމަތީ އޮޕަރޭޝަންތައް އަފްގާނިސްތާނާ ހަވާލުކުރުމުގެ މަސައްކަތުގެ ތެރޭގައި ހިމެނޭ މުހިއްމު މަސައްކަތެއް ކަމަށެވެ.