ރ. މީދޫގައި ފުލުހުންގެ ޚިދުމަތް ގާއިމްކޮށް އެރަށު ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވައިފި އެވެ.

މިއަދު ހެނދުނު 10:30ގައި މިކަމަށް ޓަކައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި ރ. މީދޫ ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުއްވައި ދެއްވީ ހޯމް މިނިސްޓަރު ޑރ. މުޙައްމަދު ޖަމީލް އަޙްމަދާއި ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒު އެވެ.

މީދޫ ޕޮލިސް ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ދެއްކެވި ވާހަކަފުޅުގައި ރ. މީދޫގައި ފުލުހުންގެ މަރުކަޒެއް ހުޅުވި، ފުލުހުންގެ ޚިދުމަތް ފެށުމަކީ ރަށުގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށް ވިދާޅުވި އެވެ.

ކޮމިޝަނަރު ރިޔާޒު ވިދާޅުވީ ފުލުހުން އަބަދުވެސް މަސައްކަތް ކުރަމުން މިދަނީ ރައްޔިތުންނާ ވީހާ ވެސް ގާތުން، ރައްޔިތުންގެ ބޭނުންތަކާއި ރައްޔިތުން އެދޭ ކަންކަން ބަލައި، ރައްޔިތުންގެ ލޯތްބާއި ރުހުން ލިބޭ ފަދަ ގޮތަކަށް ފުލުހުންގެ ޚިދުމަތް ރައްޔިތުންނަށް ދިނުމަށް ކަމަށެވެ.

ފުލުހުންނަކީ ޤާނޫނު ތަންފީޒުކުރާ ބަޔަކަށް ވުމުގެ އިތުރުން ރައްޔިތުންނަށް ޚިދުމަތްދެމުންދާ ބައެއްކަމަށާއި އެހެންކަމުން ރައްޔިތުން ބޭނުންވާ ގޮތަށް ރައްޔިތުން އެދޭފަދަ ޚިދުމަތެއް ފޯރުކޮށްދިނުމަކީ ފުލުހުން އަބަދުވެސް އިސްކަންދޭނެ ކަމެއްކަމަށް ވެސް ކޮމިޝަނަރު ވިދާޅުވި އެވެ.

ފުލުހުންގެ ޚިދުމަތް ރަށްރަށުގައި ފެށިގެންދާއިރު ފުލުހުންނަށް އެކިކަހަލަ ގޮންޖެހުންތައް ރަށްރަށުން މަދުން ނަމަވެސް ކުރިމަތި ކުރުވަމުންދާ ކަމަށާއި އެގޮތުން ފާހަގަ ކުރެވޭ އެންމެ ބޮޑު އެއްކަމަކީ ރަށްރަށުގައި ފުލުހުން މަދުވުމުގެ ޝަކުވާއާއި ވަސީލަތް މަދުވުމުގެ ޝަކުވާ ކަމަށް ވެސް ކޮމިޝަނަރު ވިދާޅުވި އެވެ. އެހެންކަމުން ފުލުހުން އިތުރު ކުރުމާއި ވަސީލަތްތައް އިތުރު ކުރުމުގެ މަސައްކަތް މޯލްޑިވްސް ޕޮލިސް ސާވިސްއަށް ލިބިފައިވާ ބަޖެޓުގެ ތެރެއިން ކުރަމުން ގެންދާނެކަމަށް ވެސް ކޮމިޝަނަރު ރިޔާޒު ވިދާޅުވި އެވެ.

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ސަލާމަތާއި ރައްކާތެރިކަމާ އެކު ކުރިއަށް ގެންދިޔުމުގައި ރ. މީދޫ ރައްޔިތުންގެ ފަރާތުންނާއި ދިވެހި ހުރިހާ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ފުލުހުންނަށް ބޭނުންވާކަމަށާއި ރިޔާސީ އިންތިޚާބުގައި ފުލުހުންނާ ގުޅިގެން އަމާންކަމާއި އެކު ގެންދިޔުމަށް ދިވެހި ހުރިހާ ރައްޔިތުންގެ ފަރާތުން ކޮމިޝަނަރު ވަނީ އެދިވަޑައިގަތެވެ.

އެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު ޑރ. ޖަމީލު ދެއްކެވި ވާހަކަފުޅުގައި ފުލުހުންގެ ޚިދުމަތަކީ ހަމައެކަނި ޤާނޫނު ނެގެހެއްޓުން ނޫން ކަމަށާއި މައިގަނޑު ގޮތެއްގައި ފަރުދީ އަދި މަދަނީ އެންމެހާ ކަންކަމުގައި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން ދިނުންކަމަށް ވިދާޅުވި އެވެ.

ފުލުހުންގެ ޚިދުމަތް ދިނުމުގައި އެއްވެސް ރައްޔިތެއް އިސްތިސްނާކުރުމެއް ނެތި، ހަމަހަމަކާ އެކު، ހުރިހާ ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ފުލުހުންގެ މުއައްސަސާ ދެމިއޮންނާނެކަން ރައްޔިތުންނަށް ޔަގީންކޮށްދެއްވާ ކަމަށް ވެސް ހޯމް މިނިސްޓަރު ޖަމީލު ވިދާޅުވި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ރ.މީދޫ ޕޮލިސް ސްޓޭޝަން ހުޅުވުމާއެކު މާލެ ފިޔަވައި މިހާރު ރާއްޖޭގައި ފުލުހުންގެ ޚިދުމަތް ޖުމްލަ 53 ރަށެއްގައި ދެވޭނެ އިންތިޒާމު ހަމަޖެހި 53 ރަށުގައި ފުލުހުންގެ މަރުކަޒުތައް ގާއިމް ކުރެވިފައިވާ ކަމަށެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްގެ މިއަހަރުގެ އެންމެ ބޮޑު އެއް އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން އިދާރީ ކޮންމެ ދާއިރާއެއްގައި މަދުވެގެން ފުލުހުންގެ ޚިދުމަތްދޭ އެއް މަރުކަޒު ގާއިމް ކުރުން ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.

ރ. މީދޫ ޕޮލިސް ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި މޯލްޑިވްސް ޕޮލިސް ސާވިސްގެ ކޮމިޝަންޑް އޮފިސަރުންނާއި އެރަށުގައި ހުންނަ ސަރުކާރުގެ މުއައްސަސާތަކުގެ މުވައްޒަފުންނާއި އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވެ އެވެ.