ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އުމަރު ނަސީރުގެ ކެމްޕޭން އޮފީސް ހުޅުވައިފި އެވެ. "ކޮމާންޑު ސެންޓަރު"ގެ ނަމުގައި ކެމްޕޭން އޮފީސް ހުޅުވާފައި ވަނީ ކަލާފާނު ސްކޫލްގެ ހުޅަނގު އުތުރު ކަންމަތީގައި ހުންނަ ހ. ފައިލްސްގެ އިމާރާތުގަ އެވެ.

މިރޭ 10:00ގައި ބޭއްވި ރަސްމިއްޔާތެއްގައި ކެމްޕޭން އޮފީސް ހުޅުވައި ދެއްވީ އުމަރު ނަސީރު އެވެ.

ކެމްޕޭން އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި އުމަރުގެ ކެމްޕޭން މެނޭޖަރު މާޒް ސަލީމާއި ރައީސް މައުމޫންގެ ސަރުކާރުގެ ގިނަ ވުޒާރާތަކެއްގައި މަސައްކަތް ކުރައްވާފައިވާ އިލްޔާސް އިބްރާހީމް ވަނީ އެ އޮފީހުގެ ދިދަ ނަންގަވައި ދެއްވާފަ އެވެ.

އެ ރަސްމިއްޔަތުގައި ވާހަކަ ދައްކަވަމުން އުމަރު ނަސީރު ވިދާޅުވީ ރާއްޖޭގެ އެންމެ ވަރުގަދަ ސިޔާސީ ތަޖުރިބާކާރުން ތިބީ އޭނާއާ އެކު ކަމަށެވެ. އަދި އަތޮޅުތަކަށް ކުރެއްވި ދަތުރުތަކުން އޭނާ އަށް ޕީޕީއެމްގެ އާންމު މެންބަރުންގެ ވަރަށް ބޮޑު ތާއީދެއް އޮތްކަން އެނގިގެން ދިޔަ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ ބަޔަކު މީހުން އޭނާގެ ކާރަށް ބަނގުރާފުޅިތަކެއް އެރު ވިޔަސް އޭނާ ކުރަމުން ގެންދާ މަސައްކަތުގައި އެންމެ ތަންކޮޅެއް ވެސް ފަހަތަށް ޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ. އަދި އޭނާ އަށް ޕްރައިމަރީ ކާމިޔާބު ކުރެވިއްޖެ ނަމަ ފުޅާ ކޯލިޝަނެއް ހަދައި އިންތިޚާބު ކާމިޔާބުކޮށް ރާއްޖޭގެ މަގުތަށް އަމާންތަނަކަށް ހަދައި ރާއްޖެ އާ އުސްމިންތަކަކަށް ގެންނާގެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ މެންބަރު އަހްމަދު ރަޝީދު އިބްރާހީމް އާއި ކުރެންދޫ ދާއިރާގެ މެންބަރު އަހްމަދު މޫސާ ވެސް ބައިވެރިވެވަޑައިގެންފައިވެ އެވެ.