17 Oct 2010, 09:55
ހިޔާނާތާ ދެކޮޅަށް ކުރެވެން އޮތް ހުރިހާ "ހަނގުރާމައެއް" ކުރައްވާނެ ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އާ ރައީސް ހަސަން ލުތުފީ ވިދާޅުވެއްޖެ އެވެ.
ސަންއެފްއެމް އޮންލައިނަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ލުތުފީ މިއަދު ވިދާޅުވީ ކަރަޕްޝަނާ ދެކޮޅަށާއި ކަރަޕްޝަން ހުއްޓުވުމަށް ކުރަން ޖެހޭ އެއްވެސް ކަމެއްގައި ފަސްޖެހި ވަޑައި ނުގަންނަވާނެ ކަމަށެވެ.
"އެކަމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރަން އަޅުގަނޑު މިހުރީ ތައްޔާރަށް. އަޅުގަނޑު ފަހަތަކަށް ނުޖެހޭނަން،" ލުތުފީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިވަގުތު އެންމެ ބޮޑު ސަމާލު ކަމެއް ދެއްވާނީ ކޮމިޝަންގައި ކުރެވޭ ތަހުގީގުތައް ދުނިޔޭގެ ފެންވަރުގެ ތަހުގީގުތަކަށް ބަދަލު ކުރުމަށް މީހުން ތަމްރީނު ކުރުމަށް ކަމަށާއި އެކަމަށް ޓަކައި ސަރަހައްދުގެ ގައުމުތަކާ އެކު ވަރަށް އަވަހަށް މަޝްވަރާތައްކޮށް މަސައްކަތް ފައްޓަވާނެ ކަމަށެވެ.
"ސަރަހައްދުގައި އެ މަސައްކަތް ކުރާ ފަރާތްތަކާއި އަޅުގަނޑާ ވަރަށް ބޮޑު ގުޅުމެއް އޮވޭ. އެހެންވީމާ އެކަންވެސް ވަރަށް ބާރަށް ދާނެ. މިހާރު ވެސް ކުރެވޭ ތަހުގީގުތައް ރަނގަޅު އެކަމަކު އަޅުގަނޑު ބޭނުންވަނީ އެއީ ދުނިޔޭގެ ފެންވަރުގެ ތަހުގީގުތަކަކަށް ހަދަން،" އޭނާ ވިދާޅުވި އެވެ.
ލުތުފީ ވިދާޅުވީ އޭސީސީގެ ކުރިމަތީގައި ގޮންޖެހުންތައް ބައިވަރު އެބަހުރި ކަމަށާއި އެ ހުރިކަމަކާ ކުރިމަތިލައްވައި ހިޔާނާތާ ދެކޮޅަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.
ތިރީސް ދުވަހުގެ ތެރޭގައި ލުތުފީ އޭސީސީގެ މެންބަރު ކަމަށް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ލާޒިމުކޮށް މަދަނީ ކޯޓުން ހުކުމް ކުރެއްވިތާ 13 ދުވަހުގެ ތެރޭގައި އޭސީސީގެ މެންބަރު ކަމަށް އައްޔަން ކުރުމުން އޭސީސީގެ މެންބަރުންގެ އިއްތިފާގުން އޭސީސީގެ ރައީސް ކަމަށް ލުތުފީ އިންތިހާބު ކުރީ މިއަދު އެވެ.
ލުތުފީ ވިދާޅުވީ އޭނާ ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރުމުން ކޮމިޝަންގެ މެންބަރުންގެ އިއްތިފާގުން އޭނާ ރައީސަކަށް އިންތިހާބު ކުރި ކުރުމަކީ މެންބަރުންގެ މެދުގައި އޭނާ އަށް އޮތް އިތުބާރު ބޮޑުކަން ކަމަށާއި އެ އިތުބާރު ދަމަހައްޓަން މަސައްކަތް ކުރައްވާނެ ކަމަށެވެ.
"އެބޭފުޅުން އަޅުގަނޑު ހޮވީ، އެއީ އެބޭފުޅުން އަޅުގަނޑަށް އިތުބާރު ކުރާތީ. އެ އިތުބާރަށް އަޅުގަނޑު ދަމަހައްޓައިދޭނަން،" ލުތުފީ ވިދާޅުވި އެވެ.
އޭސީސީގެ ފަސް މެންބަރުންގެ މެދުގައި މިއަދު އިންތިހާބު ބޭއްވީ ކުރިން ރައީސް ކަމުގައި ހުންނެވި މުހައްމަދު ޝަފީއު އާއި ނައިބު ރައީސް މުއައްވިޒު ރަޝީދު އިސްތިއުފާ ދެއްވުމަށް ފަހު އެވެ. އެހެން ކަމުން މުއައްވިޒު ރަޝީދު ނައިބު ރައީސް ކަމުގައި މިހާރު ހުންނެވީ އަލަށް މިއަދު އިންތިހާބު ބާއްވައި ހޮވިވަޑައިގެންނެވެ.
ކުރީގެ އޮޑިޓަ ޖެނެރަލް އިބްރާހިމް ނައީމްގެ މައްޗަށް ހިޔާނާތުގެ ތުހުމަތުތަކުގެ މައްސަލަ ފެންމަތިކޮށް އެކަން ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެންނެވި ލުތުފީ އަލަށް އެކުލަވާލާ އޭސީސީގެ މެމްބަރުކަމަށް ލުތުފީގެ ނަން ފާސްކުރުމަށް ރައީސް މުހައްމަދު ނަޝީދަށް ފެނިވަޑައިގެން މަޖިލީހަށް ފޮނުއްވީ 13 ޖޫން 2009 ގަ އެވެ. ނަމަވެސް ޖޫން 25 ގައި ރައީސް ލުތުފީގެ ނަން އަނބުރާ ގެންދަވައި އެހެން ނަމެއް އޭގެ ބަދަލުގައި މަޖިލީހަށް ފޮނުއްވި އިރު މަޖިލީހުގެ ކޮމެޓީން އޮތީ ލުތުފީއާ އިންޓަވިއު ކޮށް ނިންމައިފަ އެވެ.
އޭސީސީގެ މެމްބަރުކަމަށް ލުތުފީ އައްޔަން ކުރުމަށް މަޖިލީހުން ރުހުން ދިނީ ޖުލައި 6، 2009ގަ އެވެ. އޭސީސީގެ މެމްބަރުކަމަށް ލުތުފީ އައްޔަން ނުކުރައްވައި އޮތް ދުވަސްތަކުގެ ތެރޭގައި އޭސީސީން ވެސް ވަނީ ލުތުފީއާ ދެކޮޅަށް މަސައްކަތްތަކެއް ކޮށް ބަޔާންތައް ނެރެފައެވެ. ކުރީގެ އޮޑިޓަ ޖެނެރަލްގެ މައްޗަށް ކުރި ހިޔާނާތުގެ ތުހުމަތުތަކާ ގުޅޭ ލިޔުންތަކެއް މަޖިލީހުގެ އިތުރުން ބައެއް ނޫސްތަކަށް ލުތުފީ ފޮނުވާފައިވާ ކަމަށް ބުނެ އެ މައްސަލަ ބަލައިދިނުމަށް އޭސީސީން ފުލުހުންނަށް ވެސް ހުށަހެޅި އެވެ.