މި އަހަރުގެ ދިރާގް ދިވެހި ލީގުގައި ވާދަކުރާ ބީޖީ ސްޕޯޓްސް ކުލަބުގެ ކޯޗް ކަމުގެ މަގާމުން މުހައްމަދު ޝާޒްލީ ވަކިކޮށް، އެމަގާމަށް ޔުއެފާ އޭ ލައިސަންސް ލިބިފައިވާ އިޓަލީގެ ފަބިއޯ ލޯޕޭޒް ހަމަޖައްސައިފި އެވެ.

އުމުރުން 40 އަހަރުގެ ފަބިއޯ ބީޖީގެ ކޯޗަކަށް ހަމަޖެއްސިކަން އެ ޓީމުގެ އިސް އޮފިޝަލަކު މިރޭ ސަން އަށް ވަނީ ކަށަވަރު ކޮށްދީފަ އެވެ.

އޭނަ ބުނީ، އާ ކޯޗް މިރޭ މާލެ އަންނާނެ ކަމަށާއި އެކޯޗަކީ ތަޖުރިބާކާރު މޮޅު ކޯޗެއް ކަމަށެވެ. އެގޮތުން އޭނަ ވަނީ ލިތުއޭނިއާ އާއި މެލޭޝިއާގެ ކުލަބްތަކަށް ކޯޗްކަން މީގެ ކުރިން ކޮށްދީފައި ކމަށް އޮފިސަލް ވިދާޅުވި އެވެ.

"އާ ކޯޗަކަށް ހަމަޖެއްސި އިޓަލީގެ ފަބިއޯ ލޯޕޭޒް މިރޭ މާލެ އަންނާނެ. އެއީ މޮޅު ކޯޗެއް އެކޯޗާ މެދު ޓީމުގެ ކުޅުންތެރިން ހިތްހަމަޖެހޭނެ." އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ، ބީޖީގެ ކޯޗް ކަމުން ސާޒްލީ ވަކިކުރީ ސީޒަންގެ ބާކި ހުރި މެޗްތައް ކާމިޔާބު ކުރުމަށް ބިދޭސީ ކޯޗެއްގެ އިރުސާދު ޓީމަށް މާ މުހިންމު ވަތީވެ ކަމަށެވެ.

ބީޖީގެ ކޯޗް ކަމުން ސާޒްލީ ވަކިކުރި އިރު، މީޑިއާގައި ތަފާތު ގޮތްގޮތައް ވަނީ ވާހަކަ ފެތުރިފަ އެވެ. އެގޮތުން ދިރާގް ދިވެހި ލީގުގައި ނިއުއާ ދެކޮޅަށް ކުޅެ 1-0 ލަނޑުން ބީޖީ ބަލިވި މެޗުގައި އިބްރާހިމް ފަޒީލް (އޮއްޕޮ) ޓީމުގައި ހިމަނާފައި ނުވުމުން ކަަށް ގިނަ ބަޔަކު ބުނެ އެވެ. އެހެން ކަމުން ޓީމާއި އޮއްޕޮއާ ދެމެދު މައްސަލަތަކެއް ޖެހުނު ކަމަށް އަޑުތައް ފެތުރުނެވެ.