ވިކްޓަރީ ސްޕޯޓަސް ކުލަބުގެ ތުރުކީ ގޯލްކީޕަރު ލެވަންޓް ވަންލީއަށް އެ ކުލަބުން ކޮށްދޭންޖެހޭ ބައެއް ކަހަލަ ޒަރޫރީ ކަންތައްތައް ފާއިތުވި މަސްދުވަހުގެ ތެރޭގައި ނުކޮށްދޭ ކަމަށް ބުނެ އެކުލަބުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން އޭނާ ދެކޮޅު ހަދައިފި އެވެ.

ސަން އޮންލައިނާ ވާހަކަ ދައްކަމުން ލެވަންޓް މިއަދު ބުނީ، ކުލަބުން މުސާރަ ލިބުން ލަސްވާތީ ނުހަނު އުނދަގޫވާ ކަމަށާއި އަދި ނިދައި، ކައި، ބޮއި ހެދުމުގައި ގިނަ ދަތިތަކަކާ ކުރިމަތިވަމުން އަންނަ ކަމަށެވެ. އަދި ލާން ގެންގުޅޭ އަންނައުނު ދޮވުމުގައި ވެސް ތަފާތު ގޮތްގޮތުން އުނދަގޫތަކާ ކުރިމަތިލާން ޖެހޭ ކަމަށް އޭނާ ބުންޏެވެ.

"މީ އަހަރެންގެ ގައުމެއް ނޫން. އަހަރެން ވިކްޓަރީއާ ގުޅުނީ ހިތި ހިތާމައިގައި އުޅޭކަށެއް ނޫން. ކުލަބުން އަހަންނަށް މުސާރަ ނުދެއެކޭއެއް ނުބުނާން. އެކަމަކު ނިދައި، ކައި، ބޮއި ހެދުމުގައި އަދި އަންނައުނުތައް ދޮވެ ހެދުމުގައި ދަތިތަކެއް އެބަހުރި. އެކަން ކަމަކީ ވެސް ކުލަބުން ބަލާން ޖެހޭ ކަންކަން. އަހަރެން ނިދައި އަދި ކައި، ބޮއި، އަންނައުނު ދޮވެ ހަދާ ތަނެއް ބުނާކަށް ބޭނުމެއް ނޫން. އިތުރު ކޮމެންޓެއް ދެން ކުރާކަށް ބޭނުމެއް ނޫން،" ލެވަންޓް ބުންޏެވެ.

ވިކްޓަރީގެ ޖެނެރަލް ސެކެރެޓަރީ އިސްމާއީލް ޒަރިޔަންދު މިރޭ ވިދާޅުވީ، ވިކްޓަރީގެ ބިދޭސީ ކުޅުންތެރިންނަށް މުސާރަ ދިނުމުގައި ދަތިތަކެއް މިފަހަރު ދިމާވި ކަމަށާއި އެހެންނަމަވެސް މުސާރަ ނުދޭ އެއްވެސް ކުޅުންތެރިއަކު ނުހުންނާނެ ކަމަށެވެ. އަދި ލެވަންޓް ވަންލީއަށް ކުލަބުން ކޮށްދޭން ޖެހޭ ބައެއް ކަހަލަ ޒަރޫރީ ކަންތައްތައް ފާއިތުވި މަސް ދުވަހުގެ ތެރޭގައި ނުކޮށްދޭ ކަމަށް ބުނެ އޭނާ މިއަދު ހަވީރު މާފަންނު ސްޓޭޑިއަމްގައި އޮތް ކުލަބުގެ ފަރިތަކުރުންތަކުގައި ބައިވެރިވެފައި ނުވާކަން އެނގިފައިނުވާ ކަމަށް ވެސް ޒަރިޔަންދު ވިދާޅުވި އެވެ. އަދި ވިދާޅުވީ، ލެވަންޓުގެ އެކޮމަޑޭޝަންގެ މައްސަލަތަކެއް ޖެހިގެން އުޅޭކަން އެނގިފައިވާ ކަމަށެވެ.

"ލެވަންޓު މިހާރު ދިރިއުޅެމުން އަންނަނީ ގެސްޓްހައުސްއެއްގައި. އޭނާއަށް އުނދަގޫތަކާ ކުރިމަތިލާން ޖެހޭކަން ކުލަބަށް އެނގުނު ހިސާބުން ފެށިގެން ތަނެއް ހޯދުމުގެ މަސައްކަތް ކުރަމުން މި ދަނީ. ކުލަބުގައި މުސާރަ ނުދޭ އެއްވެސް ކުޅުންތެރިއަކު ނުހުންނާނެ. އެކަމަކު ބިދޭސީ ކުޅުންތެރީންނަށް މުސާރަ ދިނުމުގައި ދަތިތަކެއް ދިމާވި،"ޒަރިޔަންދު ވިދާޅުވި އެވެ.

މާފަންނު ޓާފް އެއް ނަންބަރު ދަނޑުގައި މިއަދު ހަވީރު ވިކްޓަރީން ކުރި ފަރިތަކުރުންތަކުގައި ބައިވެރިވެފައި ވަނީ އެ ޓީމުގެ 11 ކުޅުންތެރިންނެވެ.

ދިރާގު ދިވެހި ލީގުގައި އަށް ޓީމް ވާދަކުރަމުން އަންނަ އިރު، މިހާ ތަނަށް ވިކްޓަރީ ކުޅުނު ތިން މެޗުގެ ތެރެއިން އެޓީމަށް ލިބިފައިވަނީ އެންމެ ޕޮއިންޓަކާ އެކު ލީގުގެ ހަތްވަނަ އެވެ. އެޕޮއިންޓު ވިކްޓަރީއަށް ލިބިފައި ވަނީ މި މަހުގެ ނުވަވަނަ ދުވަހު އީގަލްސްއާ ދެކޮޅަށް ކުޅެ، ދެ ޓީމުން ކުރެން އެއްޓީމަކަށް ވެސް ލަނޑެއް ކާމިޔާބު ނުކުރެވި އެއްވަރުވި މެޗުންނެވެ. ލީގުގައި ވިކްޓަރީ ބަލިވި އަނެއް ދެ މެޗަކީ މާޒިޔާއާ އަތުން 4-0 ލަނޑުން ބަލިވި މެޗާއި ބީޖީ އަތުން 2-0 ލަނޑުން ބަލިވި މެޗެވެ.

ލީގުގައި ވިކްޓަރީން ދެން އެންމެ އަވަހަށް މެޗެއް ކުޅޭނީ އަންނަ ހުކުރު ދުވަހުގެ ހަވީރު 4:00 ގައި ވެލެންސިޔާއާ ދެކޮޅަށެވެ. އެ މެޗަށް މި ދެ ޓީމުން ނުކުންނައިރު ފަސް ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ލީގުގައި ވެލެންސިއާ އަދި އޮތީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗް ކާމިޔާބުކޮށް ހަ ޕޮއިންޓާ އެކު ތިން ވަނަ މަގާމްގައެވެ.