ސަރުކާރުގެ އިދާރާތަކުން ކުރި މަސައްކަތްތަކުން ށ. ފުނަދޫ އެއާޕޯޓް ތަރައްގީ ކުރާނެ ފަރާތެއް ހޯދާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ މިހާރު ކުރަމުންދާ މަސައްކަތަކީ ބީލަން ކާމިޔާބު ކުރި ފަރާތާ އެ މަޝްރޫޢު ހަވާލުކުރެއްވުމުގެ މަސައްކަތް ކަމަށެވެ. ނަމަވެސް އެއީ ކޮން ފަރާތެއް ކަމެއް ރައީސް އޮފީހަކުން ނުބުނެ އެވެ.

ފުނަދޫ އެއާޕޯޓް ތަރައްގީ ކުރުމުން އެ ސަރަޙައްދުގެ ޓޫރިޒަމް ހުޅުވިގެންދާނެ ކަމަށާއި އަދި ކުރިމަގުގައި އެ ރަށް އިތުރަށް ތަރައްގީވެ، ހުރިހާ ޚިދުމަތެއް ފަހިވެފައިވާ ތަނަކަށް ވުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި އެކަންކަން ޙަގީގަތަކަށް ހެދުމަށް ޓަކައި ކުރަން ޖެހޭ ކަންކަން ކުރުމުގައި ސަރުކާރުން ކުރެއްވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރާނެ ކަމަށް ވެސް މިދިޔަ އަހަރު ރައީސުލްޖުމްހޫރިއްޔާ ފުނަދު އަށް ކުރެއްވި ޒިޔާރަތުގައި ވަނީ ވިދާޅުވެފަ އެވެ.