25 Mar 2013, 20:41
ހަފްތާއެއްގެ ތެރޭގައި ޓްރެފިކް ގާނޫނާ ޚިލާފްވެގެން 237 ފަރާތެއްގެ ލައިސަންސް ހިފައްޓާފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފި އެވެ.
މާލޭގެ މަގުތަކަކީ އެންމެންނަށް ވެސް އަމާން ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ފުލުހުން ކުރަމުންދާ މަސައްކަތުގެ ދަށުން އެ 237 ފަރާތުގެ ލައިސަންސް ހިފަހައްޓާފައި ވަނީ މި މަހުގެ 12ން 18ށް ފުލުހުން މާލެ ތެރޭގައި ހިންގި އޮޕްރޭޝަނެއްގަ އެވެ.
ފުލުހުން ބުނީ އެ މުއްދަތުގެ ތެރޭގައި އެއްގަމު ދަތުރުފަތުރުކުރުމުގެ ޤާނޫނާއި ޤަވާއިދާ ޚިލާފުވި 422 ފަރާތެއް ޖޫރިމަނާކޮށްފައިވާ އިރު ލައިސަންސް އަތުގައި ނެތި ސައިކަލް ދުއްވި 167 ފަރާތެއްގެ ބަޔާން ނަގާފައިވާ ކަމަށާއި އަދި އެ މުއްދަތުގައި ޓްރެފިކް ގަވާއިދާ ޚިލާފަށް ޕާކްކުރުމާ ގުޅިގެން 160 އުޅަނދެއްގައި ޓްރެފިކް ވަޔަލޭޝަން ސްޓިކާ ޖަހާފައިވާ ކަމަށެވެ.
ފުލުހުން ބުނީ އޭގެ އިތުރުން ވެސް މާލޭގެ އެކި ހިސާބުތަކުގައި ޓްރެފިކް ޗެކް ޕޮއިންޓް ނުވަތަ ވީސީޕީ ޖަހައި އެއްގަމުގައި ދުއްވާ އުޅަނދުތައް ބަލައި ފާސްކޮށްފައިވާ އިރު މި މަހުގެ 12 ން 18 ގެ ނިޔަލަށް 798 އުޅަނދެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި ޓްރެފިކް ފުލުހުން 27 ސަރަހައްދެއްގެ ޓްރެފިކް ބަލަހައްޓާފައިވާ ކަމަށެވެ.
އެ މުއްދަތުގައި އެކްސިޑެންޓްގެ 28 މައްސަލައެއް ހުށަ ހަޅާފައި ވާއިރު އޭގެ ތެރެއިން 15 މައްސަލައެއްގެ ތަހްގީގު ނިންމާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.