25 Mar 2013, 18:49
އަންނަ އަހަރު ރާއްޖޭގައި ބާއްވާ އޭއެފްސީ ޗެލެންޖް ކަޕްގެ ކޮލިފައިންގެ ގްރޫޕް ސްޓޭޖްގައި އަވައްޓެރި އިންޑިޔާ ހިމެނޭ ގްރޫޕް "އޭ" ފަޅިން އެގައުމު ކުރަމުން އާ އުންމީދުތައް ފެނަށްވެ، އެ ފުރުސަތު އިންޑިއާއަށް ގެއްލިއްޖެ އެވެ.
އިންޑިއާއަށް އެފުރުސަތު ގެއްލުނުއިރު، ގްރޫޕްގައި އެ ޓީމަށް ލިބިފައި ވަނީ ކުޅުނު ތިން މެޗުގެ ތެރެއިން ހަ ޕޮއިންޓެވެ. ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި ހަތް ޕޮއިންޓާއެކު އޮތީ މިޔަންމާއެވެ.
ޖުމްލަ ފަސް ގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕަކުން އެއްވަނައަށް އަންނަ ޓީމްތައް ކޮލިފައިވާއިރު، ދެން މުބާރާތައް ކޮލިފައިވާނީ އެ ފަސް ގުރޫޕުން ދެވަނަ އަށް އެންމެ ރަނގަޅު ނަތީޖާ ހޯދައި ދެ ޓީމެވެ. އެގޮތުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމުގެ ގޮތުގައި މުބާރާތަށް ކޮލިފައިވުމުގެ އުންމީދު އިންޑިއާ އަށް އިއްޔެއާ ހަމައަށް ލިބިފައި އޮތް ނަމަވެސް، އެ އުންމީދުތައް ފެނަށް ދިޔައީ މުބާރާތުގެ ގުރޫޕް އީގައި އިއްޔެ ކެމްބޯޑިއާ އަތުން 8-0 އިން ފިލިޕީންސް މޮޅުވުމުންނެވެ. ދެން އެންމެ ރަނގަޅު ދެވަނަ ޓީމުގެ ގޮތުގައި މުބާރާތުން ޖާގަ ހޯދައިފައިވާ އަވަށްޓެރި ބަންގްލަދޭޝްއެވެ. ގްރޫޕް ޑީގެ ދެ ވަނަ ޓީމުގެ ގޮތުގައި ހަ ޕޮއިންޓާއެކު ބަގްލަދޭސްއޮތް އިރު، އެ ޓީމަށް ވަނީ ފައިދާ ފަސް ލިބިފަ އެވެ.
ގުރޫޕް އީގައި ފިލިޕީންސް ހަ ޕޮއިންޓާ އެކު މިހާތަނަށް ފައިދާ 11 ލަނޑު ވަނީ ހޯދައިފަ އެވެ. ތުރްކުމެނިސްތާން ވަނީ ހަ ޕޮއިންޓާ އެކު ފައިދާ 10 ލަނޑު ހޯދައިފަ އެވެ. މި ގުރޫޕްގެ ފަހު މެޗަކީ ވެސް އެ ދެ ޓީމު ބައްދަލުކުރާ މެޗެވެ. އެމެޗް ކުޅުމަށް ހަމަޖެހިފައި ވަނީ މަދަމާ ހަވީރު 4:30 ގައެވެ. އަދި މެޗުން މޮޅުވާ ޓީމަކަށް ގްރޫޕްގެ އެއް ވަނަ މަގާމް ލިބޭނެއެވެ. މިގްރޫގް ގައި ހިމެނުނު ބުރުނާއީ ވަނީ މުބާރާތުން ވަކިވެފަ އެވެ.
އަންނަ އަހަރުގެ ޗެލެންޖް ކަޕަށް މިހާތަނަށް ކޮލިފައިވެފައިވާ ޓީމް ތަކަކީ ގްރޫޕް އޭފަޅިން ހަތް ޕޮއިންޓައެކު އެއްވަނަ މަގާމްގައި އޮތް މިޔަންމާ އާއި ގްރޫޕް ބީ ފަޅިން ނުވަ ޕޮިއންޓާއެކު އެއްވަނަ މަގާމްގައި އޮތް ކިރްގިސްތާނާއި ގްރޫޕް ސީ ފަޅިން ހަތް ޕޮއިންޓައެކު އޮތް އަފްގާނިސްތާނާއި ގްރޫޕް ޑީ ފަޅިން ހަތް ޕޮއިންޓާއެކު އޮތް ޕަލަސްތީނާއި އެ ގްރޫޕްގެ ދެ ވަނަ މަގާމްގައި އޮތް ބަންގްލަދޭޝް އަދި ގްރޫޕް އީގެ ފިލިޕީންސްއާއި ތުރްކުމެނިސްތާން އެވެ.
މިފަހަރުގެ މުބާރާތް ރާއްޖޭގައި ބާއްވަން ނިންމުމުން މުބާރާތުގެ ކޮލިފައިންގައި ރާއްޖެ ކުޅޭކަށް ނުޖެހޭނެ އެވެ. އެހެން ކަމުން ރާއްޖެ ވަނީ އޮޓަމެޓިކޮށް މުބާރާތަށް ކޮލިފައިވެފަ އެވެ. އަންނަ އަހަރު އޮންނަ އޭއެފްސީ ޗެޖެންޗު ކަޕްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ ވަނީ ގަލޮޅު ރަސްމީ ދަނޑުގަ އާއި އައްޑު ސިޓީގެ ހިތަދޫ ޒޯން ސްޓޭޑިއަމެވެ.