މިއަހަރުގެ ދިރާގް ދިވެހި ލީގުގައި ވާދަކުރާ ބީޖީ ސްޕޯޓްސް ކުލަބުގެ ހެޑް ކޯޗު ކަމުގެ މަގާމުން މުހައްމަދު ޝާޒްލީ ވަކިކުރިކަމުގެ އަޑުތަކެއް ފެތުރެން ފަށައިފި އެވެ.

ބީޖީގެ އިސް އޮފިސަލަކު މިއަދު ސަން އޮންލައިނާ ވާހަކަ ދައްކަމުން ބުނީ، ސާޒްލީ ކޯޗް ކަމުން ވަކި ކުރިކަމުގެ އިޝާރާތެއް އޭނައަށް ވެސް މިއަދު މެންދުރުފަހުގެ ވަގުތެއްގައި ލިބުނު ކަމަށާއި އެހެން ނަމަވެސް އެކަމާ ބެހޭ ތަފްސީލް އޭނައަށް ވެސް ލިބިފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް ކުލަބުގެ އިސްވެރިންނާ ސާޒްލީއާ ކޮންމެވެސް ކަހަލަ މައްސަލަތަކެއް ޖެހިގެން އުޅޭކަމަށް އޭނަ ބުންޏެވެ.
~
"ކޯޗް ކަމުން ސާޒްލީ ވަކި ކުރި ކަމުގެ ހަބަރެއް މިއަދު ލިބުނު. ސާޒްލީއާ ޓީމުގެ އިސްވެރިންނާ މައްސަލަތަކެއް ޖެހިގެން އުޅޭކަން އިނގޭ. ކުލަބާއި ސާޒްލީއާ ޖެހިގެން އުޅެނީ ކޮންކޮން މައްސަލަތކެއްކަން އަދި ބުނާކަށް ބޭނުމެއް ނޫން" އޮފިސަލް ބުންޏެވެ.

އޭނަ ބުނީ، ކޯޗް ސާޒްލީއާ ބެހޭ ގޮތުން ނުވަތަ އޭނާ ޓީމުގެ ކޯޗް ކަމުން ވަކިކުރިކަން މީޑިއާއަށް މިރޭގެ ވަގުތެއްގައި ހާމަކުރާނެ ކަމަށާއި އެގޮތުން ކުލަބުގެ އިސްވެރިންގެ ކުއްލި ޖަލްސާއެއް މިއަދު އިރުއޮއްސި 6:45 ގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

ބީޖީގެ އޮފިސަލްގެ އިތުރުން އެ ޓީމުގެ ފުރަތަމަ 11 ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ދެ ކުޅުންތެރިއަކު ވެސް މިއަދު ހަވީރު ބުނީ، ސާޒްލީ ކޯޗް ކަމުން ދުރުކުރަން އުޅޭ ވަހަކައެއް އަޑުއިވުނު ކަމަށާއި އެހެންނަމަވެސް އެއީ މުޅިން ރަނގަޅު ވާހަކައެއް ކަމެއް އަދި ފައިނަލް ވެފައި ނުވާ ކަމަށެވެ.

އަދި އެކުޅުންތެރިން ބުނީ ސާޒްލީ ކޯޗް ކަމުން ވަކިކުރުމުގެ އަޑުތަކެއް ފެތުރިގެން އެއުޅެނީ ދިރާގް ދިވެހި ލީގުގައި އެންމެ ފަހުން ބީޖީ ނިއުއާ ދެކޮޅަށް ކުޅެ 1-0 ލަނޑުން ބަލިވި މެޗުގައި ތަޖުރިބާކާރު ފޯވާޑް އިބްރާހިމް ފަޒީލް އޮއްޕޮއަށް އެ ދުވަހުގެ މެޗުގައި ފުރުސަތު ނުދިނުމުން ކަމަށް ބެލެވޭ ކަމަށެވެ.

ބީޖީގެ ކޯޗް ކަމުން ސާޒްލީ ވަކިކުރި ކަމުގެ އަޑުތައް ފެންމަތިވަމުން މިދާ ދަނޑިވަޅުގައި ދާދިފަހުން އެފްއޭއެމް ހައުސްގައި އޮތް ނޫސްވެރިން ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސާޒްލީ ބުނީ، ނިއު މެޗުގައި އިބްރާހިމް ފަޒީލް (އޮއްޕޮ) ފުރަތަމަ 11 އިން ޖާގަ ނުދިނީ ނިއުރޭޑިއަންޓަކީ ރަނގަޅު ފޯވާޑުން ތިބި ޓީމެއް ކަމަށް ގަބޫލް ކުރާތީވެ، އެ ދުވަހުގެ މެޗުގައި ބީޖީގެ ޑިފެންސް ލައިން ވަރުގަދަ ކުރަން ބޭނުން ވާތީވެ ކަމަށެވެ.

މިކަމާ ގުޅިގެން ސާޒްލީގެ ބަހެއް ހޯދުމަށް ސަންއިން ކުރި މަސައްކަތް އަދި ވަނީ ކާމިޔާބު ވާގޮތް ނުވެފައެވެ.