25 Mar 2013, 18:37
ގްރޫޕް ހަދައިގެން މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހަކު ހޯދުމަށް ދެވަނަ ފަހަރަށް ފުލުހުން އިއުލާން ކޮށްފި އެވެ.
ފުލުހުން ބުނީ ގ.މަސްއޮޑިގޭ އިޙްސާނުއްދީން ރަޝީދު، 30 އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ލަސްނިކޮށް އެކަން ފުލުހުންނަށް އެންގުމަށް އިލްތިމާސް ކުރާކަމަށެވެ.
އޭނާ ހޯދަމުންދަނީ މިމަހުގެ 12 ވަނަ ދުވަހުގެ ރޭ ދަންވަރު 3:30 ހާއިރު ގްރޫޕް ހަދައިގެން ގޮސް މާލޭގެ ގެއެއްގެ ދޮރު ހަލާކުކޮށްލާ އެގޭތެރެއަށް ވަދެ އެގޭގައި ނިދާފައި ތިބި ދެ މީހެއްގެ ގައިގައި ތަޅާ މާރާމާރީ ހިންގި ކަމަށް ތުޙުމަތު ކުރެވޭ މައްސަލައަކާއި ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.
"ވީމާ އިޙްސާނުއްދީން ރަޝީދުއާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިލައްވާފައިވާ ފަރާތެއްވާނަމަ ވީއެންމެ އަވަހަކަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓްގެ ނަންބަރު 9911099 ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން 3322111 އަށް ގުޅުއްވައި މަޢުލޫމާތު ޙިއްސާ ކުރެއްވުން އެދެމެވެ،" ފުލުހުންގެ އިއުލާނުގައި ބުނެފައި ވެއެވެ.
ފުލުހުން ބުނީ އިޙްސާނުއްދީން ރަޝީދު އަކީ މަސްތުވާތަކެތީގެ އިތުރުން ގިނައަދަދަކަށް މާރާމާރީގެ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށެވެ.
އޭނާއާ ބެހޭ މައުލޫމާތު ފުލުހުންނާ ހިއްސާކުރާ ފަރާތްތަކަށް ލިބިދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި މިފަދަ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.