ރިޔާސީ ބަޔާން އިއްވުމާ ދެކޮޅަށް މިދިޔަ އަހަރުގެ މާޗް މަހުގެ ފުރަތަމަ ދުވަހު އެމްޑީޕީން މާލޭގައި ކުރި މުޒާހަރާގައި ފުލުހުންގެ ސަފުތައް ފަޅާލުމުގެ ކުށް، ނ. މާފަރު ކައުންސިލްގެ ރައީސް އަހްމަދު ޝަރީފުގެ މައްޗަށް ސާބިތުވެ، 3000ރ. އިން ޖޫރިމަނާ ކުރުމުން އޭނާގެ ކައުންސިލަރު ކަމުގެ ޝަރުތު ގެއްލި ގޮނޑި ގެއްލުނު ކަމާ މެދު ސުވާލުއުފެދިއްޖެ އެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ރަށު ކައުންސިލަރު ކަމަށް ކުރިމަތި ލުމުގުގެ ޝަރުތުތައް ކަނޑައަޅާފައިވާ 28 ވަނަ މާއްދާގެ (ނ)ގެ ދެވަނަ ނަންބަރުގައި ބުނަނީ އެމީހެއްގެ މައްޗަށް ޖިނާއީ ކުށެއްގެ އަދަބު ތަންފީޒު ކުރަމުންދާ މީހަކަށް ކައުންސިލަރު ކަމަށްކުރިމަތި ނުލެވޭނެ ކަމަށެވެ. އަދި އެ ގާނޫނުގެ 119 ވަނަ މާއްދާގެ މެންބައްގެ ކިބައިގައި ހުރުން އެ ގާނޫނުގައި ލާޒިމްކޮށްފައިވާ ސިފައެއް އުނިވެއްޖެ ނަމަ ކައުންސިލަރުކަމުން ވަކިވާނެ ކަމަށެވެ.

މާފަރު ކައުންސިލްގެ ރައީސް ޝަރީފް އާ އެކު އިތުރު ބަޔަކު ވެސް އެ މައްސަލައިގައި ވަނީ ޖޫރިމަނާ ކޮށްފަ އެވެ. އެ މީހުންނަކީ ބ. އޭދަފުށީ ހީނާމާގޭ އަބްދުﷲ އުސައިދު އަބްދުލްހަމީދު އާއި ވ. ފަންސި އަހްމަދު ފަހީމް އާއި މއ. ބަޑިފަސްގަޑުކޮށުގޭ މުހައްމަދު ނައީމް އާއި މއ. ފޯޗިއުން މުހައްމަދު އަލީ ރަޝީދު އާއި ސ. ހިތަދޫ އެވާފްރީ ނަސްރުލް އަމީނު އާއި ކ. ހުރާ ނަރުގިސްވިލާ މުހައްމަދު މިހާދު އާއި ހއ. ކެލާ ކޮތަރިވިލާގޭ އަލީ ރިޔާޒު އާއި މއ. ގަޖުރާގޭ މުހައްމަދު ޖަލީލު އެވެ.

ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނަނީ މިދިޔަ އަހަރުގެ މާޗް މަހުގެ ފުރަތަމަ ދުވަހު އެމްޑީޕީން މާލޭގައި ކުރި މުޒާހަރާގެ ތެރެއިން އަލިކިލޭގެފާނުމަގާއި ލިލީމަގު ގުޅުނު ހަތަރު އަނގޮޅީގައި މީހުން އެއްވެފައި ތިބި ސަރަހައްދުގައި ތިބެ އެ އެންމެން ފުލުހުންގެ ޝިލްޑްތަކުގައި އަތުންނާއި ފައިން ތަޅައި ޝީލްޑުތައް ކޮށްޕައި ފުލުހުންގެ ސަފުތައް ފަޅާލާފައިވާކަން ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

އެ ނުވަ މީހުން ދައްކަން ޖެހޭ ޖޫރިމަނާގެ ފައިސާ މިއަދުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދެއްކުމަށް ވެސް އެ ހުކުމުގައި އެމީހުންނަށް ވަނީ އަންގާފަ އެވެ.

މާފަރު ކައުންސިލްގެ މެންބަރަކު ވިދާޅުވީ ކައުންސިލްގެ ރައީސް ޝަރީފުގެ މައްޗަށް އެފަދަ ހުކެއް ކޮށްފައިވާކަން ކައުންސިލަށް އަދި އެނގިފައި ނުވާކަމަށެވެ.

އެ ނުވަ މީހުންގެ އިތުރުން ހއ. ދިއްދޫ އޯޓަމްވާދީ އުބައިދުﷲ ސައީދު އާއި ޅ. ނައިފަރު އުދަ އަހްމަދު ނަޒީރު އާއި އދ. ދަނގެތި ޖަންބުމާގޭ އަހްމަދު އާހިދުގެ މައްޗަށް ވެސް އެ މައްސަލައިގައި ދައުވާ ކޮށްފައި ވެއެވެ.

ނަމަވެސް އެ މީހުންގެ ތެރެއިން އުބައިދުﷲ ސައީދުގެ މައްޗަށް ކުށް ސާބިތު ކުރެވޭވަރުގެ ހެކި ލިބިފައި ނުވާތީ އޭނާގެ މައްޗަށް ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅުމުގެ ކުށް ސާބިތު ނުވާކަމަށް ވަނީ ހުކުމް ކޮށްފަ އެވެ. އަދި ނަޒީރު އާއި އާހިދުގެ މައްސަލަ ވަކި ގަޒިއްޔާއަކުން ބަލައި ނިންމައި ދޭނެ ކަމަށް ވެސް ކްރިމިނަލް ކޯޓުގެ ހުކުމްގައި ވަނީ ބުނެފަ އެވެ.

".... ފުލުހުންގެ ގާނޫނުގެ 75 ވަނަ މާއްދާގެ ދަށުން ބ. އޭދަފުށީ ހީނާމާގޭ އަބްދުﷲ އުސައިދު އަބްދުލްހަމީދު އާއި ވ. ފަންސި އަހްމަދު ފަހީމް އާއި މއ. ބަޑިފަސްގަޑުކޮށުގޭ މުހައްމަދު ނައީމް އާއި މއ. ފޯޗިއުން މުހައްމަދު އަލީ ރަޝީދު އާއި ސ. ހިތަދޫ އެވާފްރީ ނަސްރުލް އަމީނު އާއި ކ. ހުރާ ނަރުގިސްވިލާ މުހައްމަދު މިހާދު އާއި ނ. މާފަރު ފިނިފެންމާގޭ އަހްމަދު ޝަރީފް އާއި ހއ. ކެލާ ކޮތަރި ވިލާގޭ އަލީ ރިޔާޒު އާއި މއ. ގަޖުރާގޭ މުހައްމަދު ޖަލީލު އާ، މިއިން ކޮންމެ މީހަކު 3000ރ. އިން ޖޫރިމަނާ ކޮށް، މިފައިސާ މިއަދުން ފެށިގެން އެއްމަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދެއްކުމަށް ހުކުމް ކޮށް، މި މައްސަލައިގައި ދައުލަތުން ދައުވާ ކޮށްފައިވާ އުބައިދުﷲ ސައީދު ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅާފައިވާކަން، އެކަށީގެންވާ ޝައްކެއްނެތި ޝަރީއަތަށް ސާބިތުވާވަރަށް ހެކި ލިބިފައި ނުވާތީ، ހއ. ދިއްދޫ އޯޓަމްވާދީ އުބައިދުﷲ ސައީދުގެ މައްޗަށް ދައުލަތުން ކުޅަ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅުމުގެ ކުށުގެ މި ދައުވާ ޝަރީއަތަށް ސާބިތު ނުވާކަމަށް ކަނޑައަޅައި މި މައްސަލައިގައި ދައުވާ ލިބޭ، ޅ. ނައިފަރު އުދަ އަހްމަދު ނަޒީރު އާއި އދ. ދަނގެތި ޖަންބުމާގޭ އަހްމަދު އާހިދުގެ ބައި އެހެން ގަޒިއްޔާ އަކުން ބަލާ ނިންމައިދޭނެކަން އަންގައި، މިގޮތުގެމަތިން ހުކުމް ކޮށް މިގަޒިއްޔާ ނިންމީމެވެ،" ކްރިމިނަލް ކޯޓުގެ ހުކުމްގައި ވެއެވެ.