ރާއްޖޭގައި އުފައްދާފައިވާ ސިޔާސީ ޕާޓީ ތަކުގެ ތެރެއިން 20،000 މެމްބަރުން ހަމަވާ ޕާޓީ ތަކުން ސިޔާސީ ހަރަކާތް ހިންގުމަށްޓަކައި މާލެ އިން ބިން ދޫ ކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އިބްރާހިމް ސުޖާއު "ސަން"އަށް މިއަދު ވިދާޅުވީ ސިޔާސީ ޕާޓީ ތަކުގެ ތެރެއިން 20000 މެމްބަރުން ހަމަވާ ކޮންމެ ޕާޓީއަކުން ސިޔާސީ ހަރަކާތް ހިންގުމަށް ބިމެއް ދިނުމަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނުން އެ ކައުންސިލަށް ލާޒިމް ކުރާ ކަމެއް ކަމަށެވެ.

"... ގާނޫނުން ވެސް އެކަން އަހަރެމެންގެ މަށްޗަށް އެބަ ލާޒިމް ކުރޭ. އެކަން ނުކުރެވި މިދާ ކޮންމެ ދުވަހަކީ އަހަރެމެން އެކަމަށް އިހްމާލްވުން،" ސުޖާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަންނަ ބުދަ ދުވަހު އިލެކްޝަންސް ކޮމިޝަނާއި މަޝްވަރާ ކުރައްވަން ހަމަ ޖެހިފައިވާ ކަމަށާއި، އެ މަޝްވަރާ ތަކަށް ފަހު އަންނަ ހަފްތާގައި ޕާޓީތަކަށް ބިން ދޫކުރުމުގެ އަމަލީ މަސައްކަތް ފަށްޓަވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ބިން ދޫ ކުރާނީ ގާނޫނީ އިމުގެ ތެރެއިން އެކަން ކުރެވެން އޮތް ގޮތަކަށް ކަމަށެވެ. ނަމަވެސް ޕާޓީ ތަކަށް ދޫކުރާ ބިމުގެ ސައިޒާއި، އެ ބިންތަށް ދޫކުރާނެ ސަރަހައްދު ތަށް ކަނޑަ އަޅުއް ވާނީ އިލެކްޝަންސްއާ އެކު ބާއްވާ މަޝްވަރާ ތަކަށް ފަހުގައި ކަމަށް ވެސް ސުޖާއު ވިދާޅުވި އެވެ.

ސިޔާސީ ޕާޓީ ތަކުގެ ގާނޫނުގެ 36 ވަނަ މާއްދައިގެ (ހ) ގައި ބުނެފައި ވަނީ 20،000 މެމްބަރު ހަމަވާ ޕާޓީތަކުގެ އިދާރީ އޮފީހާއި، އެ ޕާޓީގެ ހަރަކާތްތަށް ހިންގުމަށް މާލެއިން 1،000 އަކަފޫޓުގެ ބިމެއް މާލޭ ސިޓީ ކައުންސިލުން ހަމަޖައްސައިދޭން ވާނެ ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކަށް މާލެއިން ބިން ދޫކުރާނީ ކުލި ދައްކާ އުސޫލުން ކަމަށާއި ޕާޓީގެ މެންބަރުންގެ އަދަދު 20،000 އަށް ވުރެ މަދުވެއްޖެނަމަ އެ ޕާޓީއެއްގެ އަތުން އެ ބިމެއް އަތުލެވޭނެ ކަމަށް އެ ގާނޫނުގެ 36 ވަނަ މާއްދާގެ (ށ)ގައި ބުނެފައިވެ އެވެ.

އިލެކްޝަންސް ކޮމިޝަން ގައި އޮންނަ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުން ދައްކާ ގޮތުން މިހާ ތަނަށް ރާއްޖޭގައި ހަރަކާތްތެރިވާ ސިޔާސީ ޕާޓީ ތަކުގެ ތެރެއިން 20،000 މެމްބަރުން ހަމަވާ އޮތީ ތިން ޕާޓީ އެވެ. އެއީ އެމްޑީޕީ އާއި، ޕީޕީއެމް ގެ އިތުރުން ޑީއާރުޕީ އެވެ.