ލޯކަލް ކައުންސިލްގެ އިންތިހާބު އަންނަ ފެބްރުއަރީ މަހު ފަސް ވަނަ ދުވަހު ބާއްވާ ގޮތަށް ހަމަޖައްސައި އިލެކްޝަންސް އިން އިއުލާންކޮށްފި އެވެ.


ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު އިންތިހާބު ބާއްވާ ގޮތަށް ނިންމެވީ ހައްޖު ދުވަހާއި އީދު ދުވަސްތަކާއި ނޮވެމްބަރު 11އިގެ ބަންދާއި އެހެން ވެސް އިތުރު ބަންދުތަކެއް ކުރިމަތީގައި އޮއްވާ އެ ދުވަސްތައް ނުދަނީސް އިންތިހާބު ބާއްވައިފިނަމަ ވަރަށް ގިނަ ބަޔަކަށް އެކަމުގެ ތަކުލީފުތައް އުފުލަން ޖެހޭނެތީ ކަމަށެވެ.


"އަޅުގަނޑުމެން މި ތާރީހު ހަމައްޖެސީ ގާނޫނީ ގޮތުން އެކިކަންކަމަށް ދޭންޖެހޭ މުއްދަތުތަކަށް ވެސް ވަރަށް ބޮޑަށް ބެލުމަށްފަހު،" ފުއާދު ވިދާޅުވި އެވެ.


ފުއާދު ވިދާޅުވީ ކެންޑިޑޭޓުންގެ ޝަކުވާތައް ވެސް ގިނަ އަދަދަކަށް އަންނާނެ ކަމަށާއި އެކަންކަމަށް ރަށު އޮފީސްތަކާއި ކޯޓުތައް ހުޅުވައިގެން ދުވަސްތަކެއްގައި ކުރަން ޖެހިއްޖެނަމަ އެއީ އެންމެނަށް ވެސް ވަރަށް ބޮޑު ދައްޗަކާ ތަކުލީފެއް ލިބިދާނެ ކަމެއް ކަމަށެވެ.


"ކީއްކުރަންތޯ އަހަރެއްގެ ތެރޭގައި އަޅުގަނޑުމެނަށް ލިބޭ ޗުއްޓީ ދުވަސްތަކެއް އެހެން ކަމެއްގެ ތެރެއަށް ދޫކޮށްލަންވީ،" ފުއާދު ވިދާޅުވި އެވެ.


އޭނާ ވިދާޅުވީ އިންތިހާބާ ގުޅިގެން ގާނޫނީ ގޮތުން ކުރަންޖެހޭ އެކިއެކި ކަންކަން ކުރުމަށް ހުރި މުއްދަތުތައް ގުނަން ޖެހެނީ ބަންދު ދުވަސްތައް ހިމަނައިގެންކަމަށްވާތީ މިކަން މި ގޮތަށް ކޮށްފިނަމަ ގާނޫނީ ގޮތުން ކުރަން ލާޒިމުވާ ކަމެއް ކުރުމަށްޓަކައި ހައްޖާއި އީދާއި އޭނޫންވެސް ބަންދު ދުވަސްތަކުގައި ހުރިހާ އޮފީސްތައް ހުޅުވައިގެން މަސައްކަތް ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަކަށް ކޮމިޝަނަށް ނުފެންނަ ކަމަށެވެ.


ފުއާދު ވިދާޅުވީ އަންނަ އަހަރުގެ ފެބްރުއަރީގައި އިންތިހާބު ބާއްވާއިރު ކޮމިޝަންގެ ވިސްނުމުގައި އޮތީ ކެންޑިޑޭޓުން ކުރިމަތިލުމަށް އަންނަ ނޮވެމްބަރު މަހުގެ ފަހު ހަފުތާގެ ތެރޭގައި އިއުލާނު ކުރާނެ ކަމަށެވެ.


"އަޅުގަނޑުމެން ބަލަމުން އަންނަ ތާރީހެއް ނޮވެމްބަރު 23 އެއީވެސް. އެކަމަކު އަދި އެއް ނުނިމޭ،" އޭނާ ވިދާޅުވި އެވެ.


ލޯކަލް ކައުންސިލް އިންތިހާބާ ގުޅިގެން ކުރަންޖެހޭ ކަންކަމުގެ ތެރެއިން އެކިއެކި ކަންކަމަށް ކެންޑިޑޭޓުންނަށް ދޭ މުއްދަތުތަކާއި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީގެ އެކިއެކި ކަންކަމަށް އާންމުންނަށް ދޭ މުއްދަތަކީ ބަންދު ދުވަހާ ގުޅިގެން މެދު ކަނޑައިލެވޭ ގޮތަށް ދެވެން ހުރި މުއްދަތުތައް ނޫން ކަމަށް ވެސް ކޮމިޝަންގެ ރައީސް ވިދާޅުވި އެވެ.