25 Mar 2013, 16:01
މިހާރު ކުރިއަށް ދާ ކޮމިޝަނާ އޮފް ޕޮލިސްގެ ވާދައިގެ ތަށްޓައް ކުޅެވޭ އިންޓަ ޑިޕާޓްމަންޓް ފުޓްބޯޅަ މުބާރާތް “ސީޕީ ކަޕް 2013″ ގެ ސެމީ ފައިނަލުން ފޮރެންސިކް ފްރެންޑްސް އާއި ކަސްޓޯޑިއަލް ޖާގަ ހޯދައިފި އެވެ.
އެ ދެޓީމް ސެމީ ފައިނަލުން ޖާގަ ހޯދާފައިވަނީ މިއަދު ކުޅުނު ކުއާޓާ ފައިނަލްގެ މެޗުތައް ކާމިޔާބުކޮށްގެންނެވެ. އެގޮތުން މިއަދު ކުޅުނު ފުރަތަމަ މެޗުގައި ފޮރެންސިކް ފްރެންޑްސް އާއި ސްޕެޝަލިސްޓް ކްރައިމް ކޮމާންޑް ވާދަކޮށްފައިވާއިރު މި މެޗު ފޮރެންސިކް ފްރެންޑްސްއިން ކާމިޔާބުކޮށްފައިވަނީ 1-0 ންނެވެ. މިމެޗުގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑު ޖަހައިދީފައިވަނީ 59 ވަނަ މިނިޓްގައި ފޮރެންސިކް ފްރެންޑްސްގެ އިބްރާހިމް ރަމީޒްއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަކަށްވެސް ހޮވުނީ އޭނާއެވެ.
މިއަދު ކުޅުނު ކުއަޓާ ފައިނަލްގެ ދެވަނަ މެޗުގައި ވާދަކޮށްފައިވަނީ ކަސްޓޯޑިއަލް އާއި ހުޅުމާލެ ޕޮލިސްއެވެ. މިމެޗު 6-1 ގެ ތަފާތުބޮޑު ނަތީޖާއަކުން ކަސްޓޯޑިއަލް ކާމިޔާބުކުރިއިރު މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ ކަސްޓޯޑިއަލް އެވެ. އެލަނޑު 11 މިނިޓްގައި ޖަހައިދީފައިވަނީ އަޙްމަދު އަސްލަމްއެވެ. މި ލަނޑާއެކު ކަސްޓޯޑިއަލްއިން އިތުބާރާއެކު ކުޅެމުންދިއުމުގެ ނަތީޖާއަކަށްވީ 22 ވަނަ މިނިޓްގައި ކަސްޓޯޑިއަލްއިން އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކުރުމެވެ. މި ލަނޑު ޖަހައިދީފައިވަނީ އިބްރާހިމް މުޙައްމަދުއެވެ.
ކަސްޓޯޑިއަލްއިން މި މެޗުގައި ޖެހި ތިން ވަނަ ލަނޑު 41 ވަނަ މިނިޓްގައި ނަސްރުﷲ ސައީދު ޖަހައިދިންއިރު މެޗުގެ 53 ވަނަ މިނިޓްގައި ކަސްޓޯޑިއަލްގެ އާތިފް މުޙައްމަދު ވަނީ ލަނޑެއް ޖަހައިދީފައެވެ. އަދި ކަސްޓޯޑިއަލްއިިން ޖެހި ފަސް ވަނަ ލަނޑު 59 ވަނަ މިނިޓްގައި މުއާޒް ޞާލިޙް ޖަހައިދިންއިރު ކަސްޓޯޑިއަލްގެ މުޙައްމަދު އަނިލްވެސް ވަނީ ލަނޑެއް ޖަހައިދީފައެވެ. މި މެޗުގައި ހުޅުމާލެ ޕޮލިސްއަށް ސުން ކަނޑުވާލަދީފައިވަނީ 43 ވަނަ މިނިޓްގައި އިއުތިމާދު އަޙްމަދު ސައީދުއެވެ. މި މެޗުގެ މޮޅު ކުޚުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ ކަސްޓޯޑިއަލްގެ ނަސްރުﷲ ސައީދުއެވެ.
މުބާރާތުގެ ކުޅުން މާދަމާވެސް ކުރިއަށް ދާނެއެވެ. މާދަމާ ކުޅޭ ކުއަޓާ ފައިނަލްގެ ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ވާދަކުރާނީ މިދިޔަ އަހަރުގެ ޗެމްޕިއަން ސްޕެޝަލިސްޓް އޮޕަރޭޝަންސް (އެސްއޯ) އާއި ވިލިމާލެ ޕޮލިސްއެވެ. މެޗު ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 10:45 ގައެވެ. މާދަމާ ކުޅޭ ކުއަޓާ ފައިނަލްގެ ދެވަނަ މެޗުގައި ވާދަކުރާނީ އެސްއޯ ޖޫނިއަރސް އާއި އައިޑީ ކްލަބެވެ. މެޗު ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރު 12:30 ގައެވެ.