ހއ. ތަކަންދޫގައި ލައުޑު ސްޕީކަރު ބޭނުން ކޮށްގެން ވަކި ވަގުތުތަކެއްގައި ނޫނީ އަޑު ގަދަކޮށް ލަވަ ނުޖެހޭނެ ގޮތަށް އެ ރަށު ކައުންސިލުން އެކުލަވާލާފައިވާ ގަވައިދަށް އަމަލުކުރާން ފަށައިފި އެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން ބާރު ލިބިގެން ތަކަންދޫ ކައުންސިލުން އެކުލަވާލަފައިވާ "ލައުޑް ސްޕީކަރު ބޭނުން ކުރުމާއި އަޑުގަދަކޮށް ލަވަޖެހުމާ ބެހޭ ގަވާއިދަށް" އަމަލުކުރަން ފަށާފައިވަނީ އެ ގަވާއިދު އިއްޔެ ގެޒެޓްގައި ޝާއިއު ކުރުމާ އެކުގައެވެ.

ތަކަންދޫގައި ލައުޑް ސްޕީކަރު ބޭނުން ކުރުމާއި އަޑުގަދަކޮށް ލަވަޖެހުމާ ބެހޭ ގަވާއިދުގައިވާ ގޮތުން ލައުޑް ސްޕީކަރު ބޭނުން ކުރުމަށާއި އަޑު ގަދަކޮށް ލަވަ ޖެހުމަށް ކޮންމެ ފަރާތަކުން ވެސް ކައުންސިލުން ހާއްސަ ހުއްދަ ނަގަން ޖެހެއެވެ. އަދި ނަމާދު ވަގުތުތަކުގައާއި ރޭގަނޑު 11 ފެށިގެން ހެނދުނު 8 ޖެހުމާ ދެމެދު ލައުޑު ސްޕީކަރު ބޭނުންކޮށްގެން އަޑު ގަދަކޮށް ލަވަ ނުޖެހޭނެ ކަމަށް އެ ގަވައިދުގައި ވެއެވެ.

އެ ގަވައިދުގައިވާ ގޮތުން ސްކޫލާއި ހެލްތް ސެންޓަރާއި ހޮސްޕިޓަލާއި ޝަރުއީ ކޯޓާއި ކައުންސިލް އިދާރާގެ އިތުރުން މިސްކިތް ކައިރީ ލައުޑް ސްޕީކަރު ބޭނުންކޮށް އަޑުގަދަކޮށް ލަވަ ޖެހޭނީ އެތަންތަން ބަލަހައްޓާ ފަރާތްތަކުގެ ވެސް ހާއްސަ ހުއްދައެއް ލިބިގެންނެވެ. ތަކަންދޫ ކައުންސިލްގެ މި ގަވާއިދާ ހިލާފުވާ ފަރާތް ޖޫރިމަނާ ކުރުމުގެ ހައްގުވެސް އެ ކައުންސިލަށް މި ގަވާއިދުގެ ދަށުން ލިބިގެންވެއެވެ.

ތަކަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ސޯދިގު ވިދާޅުވީ އެފަދަ ގަވާއިދެއް އެކުލަވާލަން ޖެހުނީ ވެރިކަން ބަދަލުވުމަށް ފަހު ކުރިމަތިވި ސިޔާސީ ހަމަ ނުޖެހުންތަކުގެ އެރަށުގައި އެކި މީހުން ލައުޑް ސްޕީކަރު ބޭނުންކޮގެން އަޑުގަދަކޮށް ލަވަޖެހުމާ ގުޅިގެން އާންމު އުނދަގޫތަކާ ކުރިމަތިލާން ޖެހުމުންނެވެ.