ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓްގެ މަގާމަށް ވާދަކުރައްވާ ޔާމީން އަބްދުލް ގައްޔޫމާއި އުމަރު ނަސީރާ ދެ ބޭފުޅުންގެ ތެރެއިން ވަކި ބޭފުޅަކަށް ތާއީދު ހޯދައިދެއްވުމަށް އެޕާޓީގެ ސެކެޓްރީ ޖެނެރަލް ޔުމްނާ މައުމޫން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ބުނެ ދެކެވެމުންދާ ވާހަކައް އޭނާ ދޮގުކުރައްވައިފި އެވެ.

ފީޕީއެމުން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ޔުމްނާ ވިދާޅުވެފައިވަނީ އެޕާޓީގެ ރިޔާސީ ޕްރައިމަރީޒްގައި ވާދަކުރައްވާ ދެ ކެނޑިޑޭޓުންގެ ތެރެއިން ވަކި ބޭފުޅަކަށް އޭނާ ތާއީދުކުރައްވާ ކަމަށް ބުނެ ބައެއް ސޯޝަލް މީޑިއާތަކުގަޔާއި ކެންޕެއިން ޖަލްސާތަކުގައި ދެކެވެމުންދާ ވާހަކަައަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.

"ޕާޓީގެ މެމްބަރެއްގެ ހައިސިއްޔަތުން ވަކި ކެނޑިޑޭޓަކަށް ތާއީދުކޮށް ވޯޓު ލުމަކީ އަޅުގަނޑަށް ވެސް ލިބިގެންވާ ހައްގެކެވެ. އެހެންނަމަވެސް ސެކެޓްރީ ޖެނެރަލްގެ މަގާމުގައި ހުރި މީހަކު ވަކި ކެނޑިޑޭޓަކަށް ޠާއީދުކުރާ ކަން ހާމަ ކުރުމަކީ އަދި ވަކި ކެނޑިޑޭޓަކަށް ތާއީދު ހޯދުމަށް މަސައްކަތް ކުރުމަކީ އަޅުގަނޑަށް ގަބޫލް ކުރާ ގޮތުގައި ކޮށްގެން ވާނެ ކަމެއް ނޫނެވެ. އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުގެ މަސްްއޫލިއްޔަތަކީ ޕާޓީގެ ރައީސާއި ކައުންސިލްގެ ލަފާގެ މަތިން ޕާޓީގެ އޮފީސް ހިންގުމެވެ. އަދި ޕްރައިމަރީގައި ވޯޓު ލުމުގެކަންތައްތައް ކުރިއަށް ގެންދިއުމަށް އިންތިހާބް ކޮމިޓީއަށް ބޭނުންވާ އިދާރީ އެހީ ދިނުމެވެ. އަދި ޕާޓީގެ އެތެރޭގެ މި އިންތިހާބަކީ ދެ ފުށް ފެންނަ އިންސާފުވެރި އިންތިހާބަކަށް ހެދުމަށް ޕާޓީގެ ރައީސް އަށާއި ޕާޓީގެ އިލެކްޝަންސް ކޮމިޓީއަށް އެހީތެރިވުމެވެ،" ޕީޕީއެމްގެ ނޫސް ބަޔާނުގައި ޔުމްނާ ވިދާޅުވެފައިވެ އެވެ.

ޔުމްނާ ވިދާޅުވީ އެނާ މިހާރު ހުންނެވީ ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލްގެ މަގާމުގައި ކަމަށާއި ޕާޓީގެ އެފަދަ އިންތިހާބެއްގެ ތެރޭގައި ވަކި ފަރާތަކަށް ތާއީދު ކުރާކަން ހާމަކޮށް، ވަކި ބޭފުޅަކަށް ތާއީދު ހޯދުމަށް މަަސައްކަތް ކުރުމަކީ އެފަދަ އިދާރީ މަގާމެއްގައި ހުންނަ މީހަކު ކޮށްގެންވާނެ ކަމެއް ކަމުގައި އޭނާ ގަބޫލްނުކުރައްވާ ކަމަށެވެ.

ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ރިޔާސީ ޕްރައިމަރީޒް މި މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.