25 Mar 2013, 15:38
ވޯލްޑްކަޕް ކޮލިފައިންގައި ނޯދަން އަޔަލެންޑާއި ރަޝިޔާ ކުޅެންޖެހޭ މެޗު ސްނޯގެ ސަބަބުން ދެފަހަރެއްގެ މަތިން ފަސްކުރަން ޖެހުމާއި ގުޅިގެން އެމެޗު މޭ މަހުގެތެރޭގައި ކުޅެން ހަމަޖެއްސުމަށް ނ.އަޔަލެންޑުގެ ކޯޗު މައިކަލް އޯނިއެލް އެދިއްޖެ އެވެ.
އަޔަލެންޑުގެ ކޯޗު ބުނީ މިދިޔަ ހަފްތާބަންދުގައި ކުޅުމަށް ކުރިން ހަމަޖައްސާފައި އަޔަލޭންޑުގެ ވެރިރަށް ބެލްފާސްޓަށް ބޯކޮށް ސްނޯ ފޭބުމުގެ ސަބަބުން ދެފަހަރެއްގެ މަތިން ފަސްކުރެވުނު ނ.އަޔަލެންޑް ރަޝިޔާމެޗު އަންނަ މޭ މަހުގައި އިނގިރޭސީ ޑޮމެސްޓިކް ސީޒަން ނިމުނުހާ އަވަހަކަށް ކުޅޭގޮތަށް ފީފާއިން ހަމަޖައްސައި ދިނުމަކީ އޭނާ އެންމެ އެދޭ ގޮތްކަމުގައެވެ.
އެހެން ނަމަވެސް ރަޝިޔާއިން އެމެޗު ދެން ކުޅެން ބޭނުންވަނީ ޖޫން ހަތެއްގައި އެގައުމާއި ޕޯޗްގަލް ކުޅޭ މެޗަށްފަހުގައެވެ. އެހެން ނަމަވެސް އައިރިޝް ފުޓްބޯލް އެސޯޝިއޭޝަނުން ބުނެފައިވަނީ އެގޮތަށް ހަމަޖައްސައިފިނަމަ، ބްރިޓީޝް ފުޓްބޯޅަ ސީޒަން ނިމި، ނޯދަން އަޔަލޭންޑުގެ ކުޅުންތެރިންނަށް ފުރިހަމައަށް ޓްރެއިނިން ނުވެ ދުވަސްތަކެއް ގެލުމާއި އަދި އެގައުމުގެ ޓީމުގެ ބައެއްކުޅުންތެރިން ޗުއްޓީއަށް ތަންތަނަށް ދާން ނިންމުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެހެން ކަމުން އެ މެޗު ކުޅޭތާރީހަކީ އިނގިރޭސި ސީޒަން ނިމޭ ދުވަސްވަރާ ވީހައިވެސް ކައިރި ތާރީހަކަށް ހެދުމަށް އެ އެސޯސިއޭޝަނުން ވަނީ ގޮވާލާފަ އެވެ.
ބައިނަލްއަގްވާމީ މެޗުތައްކުޅޭ ތާރީހަކަށް ދެން އެންމެ ކައިރީގައި އޮތީ އޯގަސްޓް 14 އެވެ. ރަޝިޔާއިންވަނީ އެތާރީހުގައި އާޖެންޓީނާއާ އެކީ އެކުވެރިކަމުގެ މެޗެއް ކުޅެން ހަމަޖައްސާފައެވެ. އައިރިޝް ކޯޗު މައިކަލް އޯނިއެލް ބުނީ ޖޫންމަހުގައި އަންނަ އިންޓަނޭޝަނަލް ތާރީހަކަށް މެޗު ހަމަޖައްސައިފިނަމަ އޭނާގެ ކުޅުންތެރިން ތިބޭނީ ގަވާދުން ޕްރެކްޓިސް ނުލިބި ފުޓްބޯޅައާ ދުރުގައި ހައެއްކަ ހަފްތާ ވެފައި ކަމަށާއި އެހެންކަމުން އެތާރީހަށް އެއްބަސްވުން ދަތި ކަމުގައެވެ. އަދި އޭނާ ބުނީ އޯގަސްޓުގައި އާޖެންޓީނާއާއެކު މެޗެއްކުޅެން ރަޝިޔާއިން ހަމަޖައްސާފައި އޮތުމުން އެމީހުން އެ މެޗު ކެންސަލްކުރަން އެއްބަސްވެދާނޭ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
ނޯދަން އަޔަލެންޑާއި ރަޝިޔާއަށް ފަސްކުރެވުނު މެޗްކުޅޭނޭ ތާރީހެއް ހަމަޖެއްސުމުގައި އެއްބަސް ވުމަކަށް ނާދެވިއްޖެ ނަމަ އެ މެޗު ކުޅޭނޭ ތާރީހެއް ކަނޑައަޅާނީ ފީފާއިންނެވެ. އެ ދެޓީމު ހިމެނޭ ޔޫރަޕްގެ ވޯލްޑްކަޕް ކޮލިފައިން ގްރޫޕް ކަމަށްވާ ގްރޫޕް އެފްގައި ހިމެނޭ އަނެއް ހަތަރު ޓީމަކީ އިސްރާއީލު، ޕޯޗުގަލް، އާޒަރުބައިޖާން އަދި ލަގްޒަންބާގެވެ. ގްރޫޕުގެ އެއްވަނައިގާ 12 ޕޮއިންޓާއެކު އޮތީ ރަޝިޔާއެވެ. އަށްޕޮއިންޓާއި ދެގޯލްގެ ތަފާތުން އިސްރާއީލަށް ދެވަނަ ލިބޭއިރު ތިންވަނައިގައި އޮތީ ޕޯޗުގަލް އެވެ.