ދަށު ކޯޓުން މައްސަލައަކާ މެދު ގޮތެއް ކަނޑައެޅުމުން "އެއީ ފުލުހުންގެ މިންގަނޑުން އަޅާ ކިރާންޖެހޭ" ކަމެއް ނޫން ކަމަށް އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު އަހްމަދު ފާއިޒު ހުސައިން ވިދާޅުވެއްޖެ އެވެ.

އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވީ ފަސް މެޖިސްޓްރޭޓް ކޯޓަކަށް ފަނޑިޔާރުން އައްޔަން ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަންގައި އިއްޔެ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ދަށު ކޯޓުން މައްސަލައަކާ މެދު ގޮތެއް ކަނޑައެޅުމުން "އެއީ ފުލުހުންގެ މިންގަނޑުން އަޅާ ކިރާންޖެހޭ" ކަމެއް ނޫން ކަމަށާއި ދަށު ކޯޓުގައި މައްސަލައެއް ސާބިތު ނުވެއްޖެ ނަމަ ޕްރޮސެކިއުޓާ ޖެނެރަލް އެކަމާ މެދު އިތުރަށް ވިސްނައި ވަޑައިގަންނަވާން ޖެހޭ ކަމަށެވެ.

"ދަށު ކޯޓަކުން އެކަމަށް ގޮތެއް ނިންމެވީމާ އެއީ ފުލުހުންގެ މިންގަނޑުން އަޅާ ކިރާންޖެހޭ ކަމެއް ނޫނޭ. އެ މައްސަލަ ސާބިތު ނުވެ ހިނގައްޖެ ކަމަށްވާނަމަ ޕްރޮސެކިއުޓާ ޖެނެރަލް އެބަޖެހި ވަޑައިގަންނަވާ އެކަމާ ދޭތެރޭ އިތުރަށް ވިސްނައި ވަޑައިގަންނަވާން. ކޮބައިތޯ ގޯހަކީ. އެއީ އިސްތިއުނާފު ކުރަންޖެހޭ މައްސަލައެއް ކަމަށްވާނަމަ އެބަޖެހޭ އެކަން އިސްތިއުނާފު ކުރާން. އެހެންނަމަވެސް ޕްރޮސެކިއުޓާ ޖެނެރަލް ހުންނަވަނިކޮށް ފުލުހުން އެއާ މެދު އެއްޗެއް ބުނުމަކީ އެއީ މިނިޒާމް މަސައްކަތް ކުރާ ގޮތެއް ނޫން. ފުލުހުންގެ ދައުރަކީ ތަހުގީގު ކުރެއްވުން. އެހެންވީމާ ފުލުހުން ތަހުގީގު ކުރެއްވުމުގައި ހޯއްދަވާ ހެއްކާއި ގަރީނާ އާއި ހަގީގަތާ މިކަންތައްތަކަކީ ޕްރޮސެކިއުޓާ ޕްރޮސެކިއުޓު ކުރެއްވުމުގައި ބަލަންޖެހޭ ކަންތައް. އެމަނިކުފާނު މިންއަޅުއްވާނީ އެ މައްސަލައިގައި ސާބިތު ކުރެވޭ ވަރުގެ ހެއްކާއި ގަރީނާ ހުރި ތޯ. އެއަށް ފަހު ޝަރީއަތުން، ޝަރީއަތަށް ހުށަހެޅޭ ހެއްކާއި ގަރީނާގެ މައްޗަށް މިކަންތައްތައް ފަނޑިޔާރު ނިންމަވާނީ،" ފާއިޒް ވިދާޅުވި އެވެ.

ކޯޓުން މައްސަލަ ނިންމަނީ ޝަރީއަތަށް ހުށަހެޅޭ ހެއްކާއި ގަރީނާތަކުގެ މައްޗަށް ކަމަށާއި މަރުގެ މައްސަލަތަކަކީ މީހެއްގެ ފުރާނައެއްގެ ބަދަލުގައި ފުރާނައެއްގެ ސުވާލު ކުރެވޭ ކަމަކަށް ވާތީ ފަނޑިޔާރުގެ ނިންމުން ކަށަވަރުވާން ޖެހޭ ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

ގާޒީގެ ކުރިމައްޗަށް ހުށަހެޅިފައިވާ މައްސަލައެއްގެ ހެކި ވަޒަން ކުރާނީ ގާޒީ ކަމަށާއި އެއީ އެހެން ފަރާތެއްގެ މަސްއޫލިއްޔަތެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ކޮންމެ މުއައްސަސާއަކުން ވެސް ކަންތައްކުރަންވާނީ އެ މުއައްސަސާގެ މަރުހަލާގައި އޮންނަ މައްސަލައެއްގައި އެކަނި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ގާޒީ ކުރިމަތީގައި އޮންނަ މައްސަލައިގައި އެ ގާޒީއަކު އޭގެ ހެކި ވަޒަން ކުރާނީ. އެ ނޫންފަރާތެއްގެ މަސްއޫލިއްޔަތެއް ނޫން އެ ހެކި ވަޒަން ކުރުމަކީ ޝަރީއަތަށް ހުށަހެޅިފައި އޮންނަ މައްސަލައެއްގައި. ކޮންމެ މުއައްސަސާއަކުން ވެސް އެ މުއައްސަސާގެ މަރުހަލާގައި އޮންނަ މައްސަލައެއްގައި އެ މުއައްސަސާއަކުން އެކަމާ ކަންތައް ކުރައްވާނީ،" ފާއިޒް ވިދާޅުވި އެވެ.

"އެއީ ފަނޑިޔާރަކަށް ވާނެ ކަމެއް ނޫން. ހެކި ވަޒަންކުރުމުގައި ފަނޑިޔާރަކަށް އޮޅިއްޖެ ކަމަށް ބަޔަކު ދެކޭނަމަ އަޅުގަނޑު ދަންނަވާނީ އެއީ ފަނޑިޔަރުންނަށް އޮޅޭނެ ކަމެއް ނޫނޭ. ފަނޑިޔާރުންނަކީ އަބަދުވެސް ފަނޑިޔާރުންގެ ކުރިމައްޗަށް ހުށަހެޅޭ ހެއްކާ އިގަރީނާގެ އަލީގައި މަސައްކަތް ކުރާ ބައެއް. ފުޓު ބޯޅަ ޓީމެއްގެ ރެފްރީއެއްގެ މިސާލަކީ ފަނޑިޔާރެއްގެ މިސާލު. ރެފްރީއެއްގެ އަމާޒަކީ ނުވަތަ މަގުސަދަކީ ވަކި ޓީމެއް މޮޅުކޮށްދިނުމެއް ނޫން. އެ ޓީމަކުން ކުރި މަސައްކަތެއްގެ ނަތީޖާއަކުން އެޓީމެއް މޮޅުވަނީ. ރެފްރީ ނިންމަވަނީ ނިޔާ. ގޯލް ޖައްސަވަނީ ވަކި ޓީމަކުން. އެހެންވީމަ އެ ނަތީޖާ ހާސިލް ކޮށްފިކަމަށް ރެފްރީ ކަނޑައަޅަނީ އެ ޓީމަކުން ކުރި މަސައްކަތެއްގެ ނަތީޖާ އަކުން. ފަނޑިޔާރުންގެ ވެސް އުސޫލަކީ މިއީ. މި އުސޫލަށް ބަލާއިރު ފަނޑިޔާރެއްގެ ކުރިމައްޗަށް ހުށަހެޅިފައި އޮންނަ ޝަރީއަތުގައި ފަނޑިޔަރު އަބަދުވެސް އަދާކުރާ ދައުރަކީ ދެ ހަސްމުންގެ މެދުގައި ހުށަހެޅޭ ހެއްކާއި ގަރީނާގެ އަލީގައި ނިޔާ އިއްވުން." ފާއިޒު ވިދާޅުވިއެވެ.

މަރުގެ މައްސަލައަކީ ބޮޑު މައްސަލައެއްކަމަށް ބަލައި އެ މައްސަލައެއް ޝަރީއަތަށް ސާބިތު ކުރުމަކީ ފަނޑިޔާރަށް ކުރެވޭނެ ކަމެއް ނޫންކަމަށާއި ކޯޓުން ހުކުމް އިއްވާނީ ފަނޑިޔާރަށް ހެއްކާއި ގަރީނާ ލިބޭ މިންވަރަކުން ހެކި ވަޒަން ކުރާ މިންގަނޑުގެ ތެރެއިން ޝަރީއަތް ކުރުމުގެ އިޖުރާއަތުގެ ތެރެއިން ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. އަދި ވަކިކޮޅަކަށް މައްސަލައެއް ކާމިޔާބު ނުވުމަކީ އެއީ ފަނޑިޔާރު އެކަމުގައި ޒިންމާ ވާންޖެހޭނެ ކަމެއް ނޫން ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ތެރޭގައި މިހާރު މިދެކެވޭ ވާހަކަތަކަށް ބަލާއިރު ވަކި މައްސަލައެއްގައި ވަކި ފަރާތަކުން އެ މައްސަލަ ލޫސް ވެއްޖެ ކަމަށް ވަންޏާ ނޫނީ ވަކިފަރާތަކަށް އެ މައްސަލަ ލޫސް ވުމަކީ އެއީ ފަނޑިޔާރު އެކަމުގައި ޒިންމާ ނަގާންޖެހޭނެ ކަމެއް ނޫން،" ފާއިޒް ވިދާޅުވި އެވެ.

މ. ފެއަރީކޯނާ އަލީ ޝިފާން މަރާލުމުގެ ކުށް ހަ މީހުންގެ މައްޗަށް ވެސް ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވެފައި ވަނީ އެކަމާ ކަންބޮޑުވާ ކަމަށެވެ.

ކޮމިޝަނަރު ވިދާޅުވެފައި ވަނީ ފުލުހުން އެ މައްސަލަ ވަރަށް ރަނގަޅަށް ތަހުގީގުކޮށްފައިވާ ކަމަށާއި އެގޮތުން އެ މައްސަލައާއި ގުޅުން ހުރި ޑީއެންއޭ އާއި ހެކި ހޯދާފައިވާ ކަމަށެވެ.

އަލީ ޝިފާން މަރާލި ކަމަށް ތުހުމަތު ކުރެވޭ ހަ މީހުންގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނަނީ ތަހުގީގު މަރުހަލާ އާއި ޝަރުއީ މަރުހަލާގައި ހާދިސާ ހިނގިގޮތް ހެކީން ކިޔައިދިން ދިނުމުގައި ފުށުއެރުންތަކެއް ހުރިކަން ޝަރީއަތަށް ފާހަގަ ކުރެވޭ ކަމަށެވެ. އަދި އެ ހެކީންގެ ހެކިބަހުގައި ވެސް ބޮޑެތި ފުށުއެރުންތަކެއްހުރި އިރު ހެކީންގެ އަދުލުވެރިކަމާ މެދު ސުވާލު އުފެދޭ ކަންތައްތަކެއްހުރި ކަމަށް ވެސް ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ވަނީ ބުނެފަ އެވެ.