25 Mar 2013, 14:29
މިއަހަރު ހައްޖަށް ރާއްޖެއިން މީހުން ގެންދިއުމުގެ ޝައުގުވެރިކަން ފާޅުކޮށް 17 ކުންފުންޏަކުން ކުރިމަތިލާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ މުހައްމަދު ދީދީ މިއަދު ވިދާޅުވީ ހައްޖަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ސައްތަ އިން ސައްތަ ދިވެހި ކުންފުނިތަކަށް މިދިޔަ މަހު ހުޅުވާލި ފުރުސަތުގައި 17 ކުންފުންޏަކުން އެކަމަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅައިފައިވާ ކަމަށާއި އޭގެ ތެރެއިން ދެ ކުންފުންޏެއްގެ ޝަރުތު ހަމަނުވެގެން ކެންސަލްކޮށްފައިވާ ކަމަށެވެ.
ހައްޖަށް ގެންދިއުމުގެ ޝައުގުވެރިކަން ފާޅުކުރި ކުންފުނިތަކުގެ ތެރެއިން ޝަރުތު ހަމަވާ ކުންފުނިތަކަށް މާކްސް ދިނުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށާއި ހައްޖަށް މީހުން ގެންދިއުމުގެ ފުރުސަތު ލިބޭނީ ކުރިމަތިލާފައިވާ ކުންފުނިތަކުގެ ތެރެއިން އަށް ކުންފުންޏަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
" އެ ފަރާތްތައް އެވޯޑް ކުރުމަށް ހަފްތާއެއް ނަގާނެ، ހައްޖަށް މީހުން ގެންދިއުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ކުންފުނިތަކަށް މާކްސް ދިނުމުގައި ބަލާނީ އެމީހުން ހުށަހަޅާފައިވާ އަގާއި ޕޮއިންޓަށް،" މުހައްމަދު ދީދީ ވިދާޅުވި އެވެ.
ރާއްޖެއިން މިއަހަރު މީހުން ހައްޖަށް ގެންދިއުމުގެ ފުރުސަތު ލިބޭ އަށް ކުންފުންޏަށް 874 ކޯޓާ ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. އަދި ބާކީ އޮތް 126 ކޯޓާ ސަރުކާރުން ރިޒާވްކޮށްފައިވާ ކަމަށާއި އެ ކޯޓާތައް ދިނުމަށް ސަރުކާރުން ހަމަޖައްސާފައިވަނީ މިދިޔަ އަހަރު ހައްޖަށް ދިއުމުގައި މައްސަލަތަކެއް ދިމާވި މަލީޝާގެ ހައްޖުވެރީންނަށް ކަމަށް ވެސް މުހައްމަދު ދީދީ ވިދާޅުވި އެވެ.
މިއަހަރު ވެސް ރާއްޖެއަށް ކަނޑައެޅިފައިވަނީ 1000 މީހުންގެ ހައްޖު ކޯޓާ އެވެ. ނަމަވެސް ކޮންމެ އަހަރަކު ވެސް ހައްޖު މޫސުން ކައިރިވުމުން ކޯޓާ އިތުރު ކުރުމަށް އިސްލާމިކް މިނިސްޓްރީން ގެންދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިއަަހަރު ވެސް އެމަސައްކަތް ކުރާނެ ކަމަށް އެމިނިސްޓްރީން ބުންޏެވެ.