25 Mar 2013, 14:06
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ޖަލްސާތައް ދައުލަތުގެ މީޑީއާއިން ފޮނުވުމަށް ޖޭއެސްސީގެ ގާނޫނަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު މާފަންނު ދެކުނު ދާއިރާ އިބްރާހިމް ރަޝީދު ހުށަހެޅުއްވި އިސްލާހު ހަނި އަޣުލަބިއްޔަތަކުން މަޖިލީހަށް ބަލައިގެންފި އެވެ.
މިއަދު ބޭއްވި ޖަލްސާގައި އެ އިސްލާހު މަޖިލީހަށް ބަލައިގަންނަން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 54 މެންބަރުންގެ ތެރެއިން އެމްޑީޕީގެ 26 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އަދި އެ އިސްލާހު މަޖިލީހަށް ބަލައިގަތުމާ ދެކޮޅަށް ސަރުކާރަށް ތާއިދު ކުރާ ޕާޓީތަކުގެ 25 މެންބަރުން ވޯޓު ދެއްވި އެވެ. އަދި ވަކިކޮޅަކަށް ވޯޓު ނުދެއްވާ ތިން މެންބަރުން ތިއްބެވި އެވެ.
ޖޭއެސްސީގެ ގާނޫނުގެ 19 ވަނަ މާއްދާގެ (ށ)އަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނަނީ ކޮމިޝަންގެ ޖަލްސާތައް ބާއްވަން ވާނީ ވީހާ ވެސް ހާމަކަމާ އެކު ދެފުށް ފެންނަ ގޮތަށެވެ. އަދި ކޮމިޝަންގެ ޖަލްސާތައް ދައުލަތުގެ މީޑިއާ އިން ދުރަށް ފޮނުވަންވާނެ އެވެ. ދައުލަތުގެ މީޑިއާ ކަމުގައި ބަޔާންކޮށްފައި ވަނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރަޕޭޝަންގެ ދަށުން ހިންގާ ޓީވީއެމް އާއި ދިވެހިރާއްޖޭގެ އަޑެވެ.
އެ އިސްލާހު މަޖިލީހަށް ބަލައިގަތުމުން އެ އިސްލާހު ދިރާސާ ކުރުމަށް ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ފޮނުވާފަ އެވެ.