މިހާރުގެ ސަރުކާރުގައި ވަޒީރުން ނެތް ދެ ވުޒާރާއަށް ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވަޒީރުން އައްޔަން ކުރައްވާނެ ކަމަށް ރައީސް އޮފީހުގެ ކެބިނެޓް ސެކްރެޓަރީ ވިދާޅުވެއްޖެ އެވެ.

ސަރުކާރުގައި ވަޒީރުން ނެތް ދެ ވުޒާރާ އަށް ވަޒީރުން އައްޔަން ކުރުން ލަސްވަމުން ދާތީ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ކެބިނެޓް ސެކްރެޓަރީ ޑރ އަބްދުﷲ ނަޒީރު ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީއަށާއި ޖެންޑާ މިނިސްޓްރީއަށް ވަޒީރުން އައްޔަން ނުކުރެވި ލަސްވެގެން ދިޔައީ އެ ދެ ވުޒާރާ ހިންގުމަށް ބޭނުންވާ ގާބިލް މީހުން ނުލިބުމުގެ ސަބަބުން ކަމަށެވެ. އެހެން ނަމަވެސް މިހާރު ރައީސުލްޖުމްހޫރިއްޔާއަށް ނަންފުޅުތަކެއް ލިބިފައިވާ ކަމަށާއި އަދި ލިބިފައިވާ ނަންފުޅުތަކުގެ ތެރެއިން އެ ދެ ވުޒާރާއަށް އައްޔަން ކުރާނެ ބޭފުޅުންގެ ނަންތައް ޝޯޓް ލިސްޓް ކުރެވިފައިވާ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ ގަސްތުގައި ވަޒީރުން ނެތް ވުޒާރާ ތަކަށް ވަޒީރުން އައްޔަން ނުކޮށް ހުންނެވީއެއް ނޫން. އެ ދެ ވުޒާރާ ހިންގުމަށްޓަކައި ބޭނުންވާ ގާބިލް މީހުން ނުލިބުމުގެ ސަބަބުން ލަސްވެގެން މި ދިޔައީ. އެހެން ނަމަވެސް މިހާރު ރައީސަށް ވަނީ ނަންފުޅުތަކެއް ލިބިފައި އަދި ލިބިފައިވާ ނަންފުޅުތަކުގެ ތެރެއިން އެ ދެ ވުޒާރާއަށް އައްޔަން ކުރާނެ ބޭފުޅުންގެ ނަންތައް ވަނީ ޝޯޓްލިސްޓް ކުރެވިފައި. އެހެން ވީމަ ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ވަޒީރުން ނެތް ވުޒާރާތަކަށް ރައީސް ވަޒީރުން އައްޔަން ކުރާނެ." ނަޒީރު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީގައި މެންބަރުން މިއަދު ވަނީ ކުރިން ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގަމުން ދިޔަ ޑިޕާޓްމެންޓް އޮފް އިމިގްރޭޝަން ޑިފެންސް މިނިސްޓްރީގެ ދަށަށް ބަދަލު ކޮށް، އެކަން ރައްޔިތުންގެ މަޖިލީހަށް އަންގާފައި ނުވާތީ އެކަމާ ބޭހޭ ގޮތުން ސުވާލު ކުރައްވާފަ އެވެ. އެކަމާ ގުޅޭ ގޮތުން ކެބިނެޓް ސެކްޓްރީ ވިދާޅުވީ ހޯމް މިނިސްޓްރީގެ ދަށުން ހިންގަމުން ދިޔަ އިމިގްރޭޝަން ޑިފެންސް މިނިސްޓްރީ އަށް ބަދަލު ކޮށް އެކަން ރައްޔިތުންގެ މަޖިލީހަށް ނޭންގި ވަނީ އިދާރީ ގޮތުންނާއި ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ބައެއް ކަންތައްތައް ފުރިހަ ކުރަން ޖެހޭތީ ކަމަށެވެ. އެހެން ނަމަވެސް ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި އެކަން ވެސް ރައްޔިތުންގެ މަޖިލީހަށް އަންގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަޒީރު އިތުރަށް ވިދާޅުވީ އިމިގްރޭޝަން ޑިފެންސް މިނިސްޓްރީ އަށް ބަދަލު ކުރި ކުރުން ރައްޔިތުންގެ މަޖިލީހަށް ނާންގާ ސަރުކާރުން ގަސްތުގައި ތިބީ ނޫން ކަމަށާއި އަދި އެކަމަށްޓަކައި ކުރަން ޖެހޭ ތައްޔާރީތައް ވެސް މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެއް ވުޒާރާއެއްގެ ދަށުގައި ކުރަމުން ދިޔަ މަސައްކަތް އަނެއް ވުޒާރާއަކަށް ބަދަލު ކުރުމަށް ފަހު ފުރިހަމަ ކުރަން ޖެހޭ ވަރަށް ގިނަ ކަންތަައްތަކެއް ހުންނަ ކަމަށެވެ. އެގޮތުން ބަޖެޓާއި އަދި މުވަޒިފުން ބަދަލު ކުރުމުގެ މަސައްކަތް ވެސް ކުރަން ޖެހޭ ކަމަށް ނަޒީރު ވިދާޅުވި އެވެ. އެހެން ނަމަވެސް ހޯމް މިނިސްޓްރީގެ ދަށުން ޑިފެންސް މިނިސްޓްރީގެ ދަށަށް އިމިގްރޭޝަން ބަދަލު ކުރިކުރުން މިހަފްތާ ތެރޭގައި އަންގާނެ ކަމަށެވެ.

ޓްރާންސްޕޯޓު މިނިސްޓަރު ކަމުގައި ހުންނެވި ޑރ އަހުމަދު ޝަމްހީދު ރައީސުލްޖުމްހޫރިއްޔާ ވަކި ކުރައްވާފައި ވަނީ 8 ނޮވެންބަރު 2012 ގައެވެ. އަދި ޖެންޑާ މިނިސްޓަރު ކަމުގައި ހުންންނެވި ފާތުމަތު ދިޔާނާ ސައީދު މަގާމުން ވަކި ކުރައްވާފައި ވަނީ 19 ނޮވެންބަރު 2012 ގައެވެ. ޓްރާންސްޕޯޓް މިނިސްޓްރީ މިހާރު ހިންގެވުން ހަވާލު ކުރައްވާފައި ވަނީ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އެވެ. ޖެންޑާ މިނިސްޓްރީ ހިންގެވުން ހަވާލު ކުރައްވާފައި ވަނީ އެންވަޔަރަންމެންޓް މިނިސްޓަރު ޑރ މަރިޔަން ޝަކީލާ އެވެ.