ފޯނާއި އެކިއެކި މުއާސަލާތީ ވަސީލަތައް މެދުވެރިކޮށް މީހުންނަށް އުނަދަގޫ ކުރާ މައްސަލަތަކާއި ޝަކުވާތައް ބަލަފައި ފިޔަވަޅު އެޅުން ކޮމިއުނިކޭޝަން އޮތޯރިޓީ (ކޭމް) ފުލުހުންނާ ހަވާލުކޮށްފި އެވެ.


ކޭމްގެ ވެރިޔާ، ޗީފް އެގްޒެކެޓިވް އިލްޔާސް އަހުމަދު ތިނަދޫގައި ހުންނަވައިގެން މިއަދު ވިދާޅުވީ ފޯނާއި އެކިއެކި މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން މީހުންނަށް ޖެއްސުމާއި އުނދަގޫ ކުރާތީ އެކި ފަރާތްތަކުން ކުރާ ޝަކުވާތާއް މިހާތަނަށް އެ އޮތީރިޓީން ބަލަމުން އައި ނަމަވެސް މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން އެކަން ފުލުހުންގެ އިދާރާއާ ހަވާލުކޮށްފައިވާ ކަމަށާއި އެގޮތަށް ނިންމެވީ އެފަދަ މައްސަލަތައް ބަލައި ތަހުގީގު ކުރުމަކީ އެ އޮތޯރިޓީއާ ގުޅޭ އަދި ކުރަން ފަސޭހަ ކަމަކަށް ވެސް ނުވާތީ ކަމަށެވެ.


"އަޅުގަނޑުމެންނަކީ ތަހުގީގުކޮށް އިންވެސްޓިގޭޓް ކުރާ ބައެއް ނޫން. އެފަދަ ޝަކުވާތައް އައިސްގެން މި އޮތޯރިޓީން ތަހުގީގު ކުރަންވީމާ ވަރަށް ބޮޑު ދައްޗެއް ދިމާވޭ. އެހެންވެ ރަސްމީކޮށް އެބައި ފުލުހުންނާ ހަވާލުކުރީ،" އިލްޔާސް ވިދާޅުވި އެވެ. "އެ ބާވަތުގެ މައްސަލަތައް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ފުލުސް އެބައޮވޭ އެހެން ވީމާ އަޅުގަނޑުމެން އެކަން ކުރުން ރަނގަޅަޅެއް ނުވާނެ،"


އިލްޔާސް ވިދާޅުވީ މުއަސާލާތީ ކަންކަމުގައި މީގެ ފަހުން އެ އޮތޯރިޓީން ބަލާނީ ސީދާ މުއާސަލާތާ  ގުޅުން ހުންނަ މައްސަލަތައް ކަމަށެވެ. އޭގެ ތެރޭގައި ފޯނު ބިލުތަކާ ގުޅޭ ގޮތުން އަންނަ ޝަކުވާތަކާއި ކަވަރޭޖްގެ މައްސަލަތަކުގައި ހުށަހަޅާ ސީދާ ގުޅޭ މައްސަލަތައް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.


ފުލުހުންގެ ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ ކޮމިއުނިކޭޝަން އޮތޯރިޓީން ބަލަމުން އައި ފޯނުން ޖެއްސުން ކުރުމުގެ ޝަކުވާތައް ބެލުން މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށާއި މިހާރު އެފަދަ ޝަކުވާތައް ބަލައިގަނެ ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށެވެ.


ފޯނުން ޖެއްސުން ކޮށް އުނދަގޫ ކުރުމުގެ ގިނަ މައްސަލަތަކެއް ކޭމް އަށް އަބަދުވެސް ހުށަހަޅަމުންދާ ކަމަށްވެ އެވެ.