ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވެފައި ވަނީ ގާނޫނީ ހަމަތަކުގެ ބޭރުން ކަމަށް ކަނޑައަޅައި ދިނުމަށް ކުރީގެ ހިއުމަންރައިޓްސް މިނިސްޓަރުކަން ދިޔާނާ ސައީދު އިސްވެ ހުންނަވައިގެން ހައިކޯޓަށް ހުށަހެޅުއްވި މައްސަލަ ބަލައި ނުގަނެ އެ ކޯޓުން ބޭރުކޮށްލައިފި އެވެ.

ނަޝީދުގެ ސަރުކާރު ބަދަލުވެފައިވާ ގޮތާ ބެހޭ ގޮތުން ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ހުށަހެޅުއްވި މައްސަލަ ބޭރުކޮށްލާފައި ވަނީ، ސަން އަށް އެނގިފައިވާ ގޮތުގައި، އެ މައްސަލައިގެ ބާވަތުގެ ގޮތުން އެއީ ހައިކޯޓަށް ބެލޭނެ މައްސަލަ އެއް ނޫން ކަމަށް ނިންމުމަށް ފަހު މިދިޔަ އާދިއްތަ ދުވަހު އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ދިޔާނާ އާ އެކު ތިން ބޭފުޅަކު ހުށަހެޅުއްވި މައްސަލައިގައި އެދިފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހު ރައީސް ނަޝީދު އިސްތިއުފާ ދެއްވީ މަޖުބޫރީ ހާލަތުގައި ކަމަށް ކަނޑައަޅައި ދިނުމަށާއި ގާނޫނީ ސަރުކާރު ބަދަލުވެފައި ވަނީ ވެސް ގާނޫނީ ހަމަތަކުގެ ބޭރުން ކަމަށް ކަނޑައަޅައި ދިނުމަށް ކަމަށެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ދިޔާނާ ވިދާޅުވެފައި ވަނީ އެ މައްސަލަ ސާބިތުކުރުމަށް 35 ހެކި ކޯޓަށް ހުށަހަޅާފައިވާނެ ކަމަށާއި އަދި އެ މައްސަލަ ސާބިތު ކުރުމަށް ގިނަ ހެއްކާއި ގަރީނަތަކެއް ހުށަހަޅަން ނިންމާފައިވާ ކަމަށާއި އޭގެ ތެރޭގައި ވަރަށް ގިނަ ވީޑިއޯ ފުޓޭޖްތަކެއް ހުރިކަމަށެވެ.