25 Mar 2013, 13:15
ނެޝަނަލް ސެންޓަފޯ އިންފޮމޭޝަން ޓެކްނޮލޮޖީ( އެންސީއައިޓީ) އަށް 10 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން އެ ސެންޓަރުން ތިން ހިދުމަތެއް މިއަދު ތައާރަފްކޮށްފި އެވެ.
އެންސީއައިޓީން ތައްޔާރުކޮށްފައިވާ ތިން ހިދުމަތް ކަމަށްވާ އީ ކައުންޓަރާއި އީ ސްކޫލްގެ އަދި ވެހިކަލް ޑޮމެއިން ބިޑިން ތައާރަފްކުރީ ސްޓެލްކޯގެ ޖަލްސާކުރާ މާލަމްގައި އެކަމަށް ޓަކައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
އެ ތިން ހިމަތުގެ ތެރެއިން އީ ކައުންޓަރުގެ ހިދުމަތަކީ ސަރުކާރުގެ އިދާރާތަކުގެ ކައުންޓަރުތަކުން ދެމުން އަންނަ ހިދުމަތްތައް އިންޓަނެޓް މެދުވެރިކޮށް ދެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ހިދުމަތެއް ކަމަށާއި އެ ހިދުމަތް އެންސީއައިޓީއާ ގުޅިގެން ދިނުމުގެ ފުރުސަތު ސަރުކާރުގެ ހުރިހާ އިދާރާއަކަށް ވެސް މިހާރު ހުޅުވާލާފައިވާ ކަމަށް އެންސީއައިޓީގެ ޗީފް އެގްޒެކެޓިވް ފާއިގު އުމަރު މިއަދު ވިދާޅުވި އެވެ.
އަދި އީ ސްކޫލްގެ ހިދުމަތަކީ ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވަމުންދާ ދަރިވަރުންނާއި ސްކޫލްތަކަށް ކުދިން ވަންނަ އަދަދާއި ވަކިވާ އަދަދުތައް ފަދަ މައުލޫމާތު އިންޓަނެޓް މެދުވެރިކޮށް އެޑިއުކޭޝަން މިނިސްޓްރީ އަށް ލިބިދިނުމަށް ތައާރަފްކުރި ހިދުމަތެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީއާއި އެންސީ އައިޓީން ބުންޏެވެ. އަދި ވެހިކަލް ޑޮމެއިން ބިޑިންގެ ހިދުމަތަކީ ވެހިކަލްތަކުގެ ރަޖިސްޓްރީ ނަމްބަރު ( ޑޮމެއިން)ގެ ގޮތުގައި ރީތި ނަމްބަރު ހޯދުމަށް އޮންލައިންކޮށް ބިޑްކުރުމަށް ތައާރަފް ކުރި ހިދުމަތެކެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެކްޓިން މިނިސްޓަރް އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން ކާނަލް ރިޓަޔާޑް އަހުމަދު ނާޒިމު ވިދާޅުވީ އެންސީއައިޓީން ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި ކޮށްދީފައިވާ ހިދުމަތްތަކަކީ ސަރުކާރުން ރައްޔިތުންނަށް ދެމުން އަންނަ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރައްވާފައިވާ ބުރަ މަސައްކަތްތަކެއް ކަމަށާއި އެހިދުމަތްތަކުގެ އަގު ވަޒަން ކުރަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ އެ ހިދުމަތުގެ އަމާޒަކީ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ހިދުމަތަށް ހިނގާ ހަރަދު ކުޑަކުރުން ކަމަށެވެ.
މިނިސްޓަރު އަދި ވިދާޅުވީ އިގުތިސާދީ އަދި އިޖުތިމާއީ ތަރައްގީގެ ދުވެލި ހަލުވިކުރެވޭނީ ތައުލީމާ ސައިންސާއި ޓެކްނޮލޮޖީ އާއި ރިސާޗަށް އިންވެސްޓްކޮށްގެން ކަމަށެވެ.
"އަޅުގަނޑުމެންގެ އިގުތިސާދީ އަދި އިޖުތިމާއީ ތަރައްގީގެ ދުވެލި ހަލުވިކުރެވޭނީ ތައުލީމާ ސައިންސާއި ޓެކްނޮލޮޖީ އަދި ރިސާޗަށް އިންވެސްޓްކޮށްގެން ކަން ޔަގީން،" ނާޒިމު ވިދާޅުވި އެވެ.
ނެޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ އަކީ 2003 ވަނަ އަހަރު އޭރުގެ މިނިސްޓްރީ އޮފް އިންފޮމޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި މިދުހަތު ހިލްމީގެ އިސްނަންގަވައިގެން އުފެއްދެވި ސެންޓަރެކެވެ. އެސެންޓަރު އުފެއްދި ފަހުން އިންފޮމޭޝަން ޓެކްނލޮޖީގެ ދާއިރާއިން ރާއްޖެ އަށް ބޮޑެތި ހިދުމަތްތަކެއް ވަނީ ކޮށްދީފަ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި އެކްޓިން ޓްރާންސްޕޯޓް މިނިސްޓަރު ކާނަލް ރިޓަޔާޑް އަހުމަދު ނާޒިމާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާސިމް އަހުމަދާއި ހެލްތު މިނިސްޓަރު ޑރ. އަހުމަދު ޖަމްޝީދާއި އެންސީއައިޓީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.