25 Mar 2013, 13:10
އާއިލީ ހަފްލާއެއްގައި ރާއްޖެ އިން ބޭރަށް ވަޑައިގެންނެވުމުގެ ފުރުސަތަކަށް ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފައިވީ ނަމަވެސް އެ ފުރުސަތު މިވަގުތު ދެވެން ނެތް ކަމަށް ހުޅުމާލޭ ކޯޓުން ބުނެފި އެވެ.
މާރިޔާ އަހުމަދު ދީދީ މިއަދު ސަންއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މިމަހުގެ 27 އިން 31ގެ ނިޔަލަށް ސްރީލަންކާގައި އޮންނަ އާއިލީ ހަފްލާއަކަށް ވަޑައިގެންނެވުމަށް ބޭނުންފުޅުވެގެން ނަޝީދު ރާއްޖެ އިން ބޭރަށް ވަޑައިގެންނެވުމުގެ ހުއްދައަކަށް އެދިވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް ހުޅުމާލޭ ކޯޓުގައި ކުރިއަށްދާ ނަޝީދުގެ ޝަރީއަތް އަންނަ މަހުގެ 4 ވަނަ ދުވަހަށް ޝެޑިއުލްކޮށްފައިވާތީ އެ ހުއްދަ ދެވެން ނެތް ކަމުގައި ކޯޓުން ވަނީ ބުނެފައިވާ ކަމަށް ވެސް އެނާ ވިދާޅުވި އެވެ.
ރައީސް ނަޝީދު ފުރާވަޑައިގަތަ ނުދިނުމަށް ޓަކައި ތާރީހު ކައިރިވެފައިވާތީ އޭ ބުނެ ހުޅުމާލޭ ކޯޓުން ނިންމި އެ ނިންމުން ކުށްވެރިކުރައްވާ ކަމަށް މާރިއާ ވިދާޅުވި އެވެ.
"ނަޝީދުގެ އަނބިކަނބަލުންގެ އާއިލާގެ ބޭފުޅެއްގެ ކައިވެންޏެއް ކުރައްވާ ގޮތަށް ހަމަޖެހިފައި އޮތީމާ ލަންކާ އަށް ވަޑައިގެންނެވުމަށް އެދިވަޑައިގެންފައި އޮތީ. ކޯޓުން ބުނީ އެ މައްސަލައިގެ ޝަރީއަތް އަންނަ މަހުގެ ހަތަރެއްގައި ކިޔާފައިވާ އިރު ރާއްޖެ އިން ބޭރަށް ދިއުމަށް ނަޝީދު އެދިވަޑައިގެންނެވި ތާރީހާއި އެތާރީހާ މާގާތް ކަމަށް ބުނެ ފުރިއަ ނުދިނުމަށް ކޯޓުން ނިންމި އެ ނިންމުން އަޅުގަނޑުމެން ކުށްވެރިކުރަން،" މާރިޔާ ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރު ކުރި މައްސަލައިގެ ޝަރީއަތް އެންމެ ފަހުން ބާއްވާފައި ވަނީ މި މަހުގެ ފަސް ވަނަ ދުވަހު އެވެ. އެ ދުވަހުގެ ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރުންގެ ބެންޗުން ވަނީ އެ މަނިކުފާނުގެ ޝަރީއަތް ހަތަރު ހަތްތާ އަށް ފަސްކޮށްފަ އެވެ.