މިހާރު ފެންމަތިވެގެން ފުލުހުން ތަހުގީގުކުރަމުންދާ މަނީގްރާމްގެ ފުރޯޑް މައްސަލާގައި ހެކުކޮށްގެން 4.9 މިލިއަން ދިވެހި ރުފިޔާ ރާއްޖެ އިން ބޭރުގެ ގައުމަކަށް ބަދަލުކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ބުނެފި އެވެ.

ސަންއަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް ޕޯސްޓް ލިމިޓެޑް (އެމްޕީއެލް)ގެ ޗެއާމަން އަހުމަދު ނިޒާމު ވިދާޅުވީ އެ މައްސަލަ ފެންމަތިވެފައި ވަނީ މިދިޔަ ހަފުތާގެ ތެރޭގައި ކަމަށެވެ.

"މިދިޔަ ހަފުތާގެ ތެރޭ އަޅުގަނޑުމެއް ފުލުހުންނަށް ހުށަހެޅީ. ބޮޑަށް ބެލެވެނީ ހެކުކޮށްގެން ކުރި ކަމެއް ކަމަށް. ގާތްގަނޑަކަށް 4.9 މިލިއަން ދިވެހި ރުފިޔާ ރާއްޖެ އިން ބޭރުގެ ގައުމަކަށް ބަދަލުކޮށްފައިވޭ،" ނިޒާމް ވިދާޅުވި އެވެ.

ފުލުހުން ވެސް ވަނީ މަނީގްރާމްގެ ފުރޯޑުގެ މައްސަލައެއް މިމަހުގެ 13 ވަނަ ދުވަހު ހުށަހެޅި ތަހުގީގުކުރަމުންދާ ކަން ސަން އަށް ކަށަވަރުކޮށްދީފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ވިދާޅުވީ އެ މައްސަލައަކީ ސައިބާ ކުރައިމް ނުވަތަ އިންޓަނެޓް މެދުވެރިކޮށް ކޮށްފައިވާ ކުށެއް ކަމަށާއި، އެމައްސަލަ ފުލުހުންގެ ސައިބާ ކުރައިމް ޑިޕާޓްމަންޓުން ތަހުގީގުކުރަމުންދާ ކަމަށެވެ.

އެ މައްސަލަ ތަހުގީގުކޮށް ނިމެންދެން މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ދެމުން އައި މަނީގުރާމްގެ ހިދުމަތް މެދުކަނޑާލާފައިވާ އިރު، ހިދުމަތް ފެށޭނީ މައްސަލަ ތަހުގީގުކޮށް ދެވަނަ ފަހަރަށް އެފަދަ މައްސަލައެއް ދިމާނުވާނެ ކަން ޔަގީންކުރެވުމުން ކަމަށް މޯލްޑިވްސް ޕޯސްޓުން ބުނެ އެވެ.

ނަމަވެސް ރާއްޖޭގައި މަނީގްރާމްގެ ހިދުމަތް ދެމުންނަ އަންނަ މޮރިޝަސް ކޮމާޝަލް ބޭންކުން ބުނީ، އެބޭންކު މެދުވެރިކޮށް އަދިވެސް މަނީގްރާމްގެ ހިދުމަތް ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދެމުން ދާނެ ކަމަށެވެ.

މަނީގުރާމްގެ ހިދުމަތަކީ 1940 ވަނަ އަހަރުން ފެށިގެން އެއްގައުމުން، އަނެއް ގައުމަށް ފައިސާ ބަދަލުކުރުމުގެ ހިދުމަތް ދެމުން އަންނަ އެމެރިކާގެ ކުންފުންޏެކެވެ. ސަތޭކަ ނުވަދިހަ ހަތަރު ގައުމެއްގައި ހިދުމަތް ދެމުންދާ މަނީގްރާމަކީ 275،000 އެޖެންޓުންނާއެކު ދުނިޔޭގެ ދެވަނަ އަށް އެންމެ ބޮޑު ފައިސާ ބަދަލުކުރުމުގެ ހިދުމަތްދޭ ކުންފުންޏެވެ.