ރާއްޖޭގައި އެ އިރެއްގައި އޮންނަ ސަރުކާރު ގަބޫލުނުކުރާ ކަމަށް ކައުންސިލަކުން ކަނޑައަޅައިފި ނަމަ، އެ ނިންމުން ނިންމި ވަގުތުން ފެށިގެން އެ ކައުންސިލެއް އުވާލެވޭ ގޮތަށް އިދާރީދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް މެންބަރުން ފާޑުވިދާޅުވެއްޖެ އެވެ.

ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހެޅުއްވި އިސްލާހަށް އެންމެ ބޮޑަށް ފާޑުވިދާޅުވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުނެވެ. މަޖިލީހުގެ މެންދުރު ދަންފަޅީގެ ބަހުސްގައި ބައިވެރިވެވަޑައިގެންނެވި ހަތް މެންބަރުން ވެސް ވަނީ އެ ބިލަށް ދެކޮޅު ހައްދަވައި ވާހަކަފުޅު ދައްކަވާފަ އެވެ.

ލާމަރުކަޒީ ގާނޫނަށް އެންމެ ގިނައިން އިސްލާހު ހުށަހަޅުއްވާފައިވާ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވީ އެބިލަށް ހުށަހަޅާފައިވާ އިސްލާހުތަކަށް ތާއީދު ކުރެވެން ނެތީ ހަމައެކަނި ސިޓީ ކައުންސިލްތަކުގެ ބާރު ކުޑަކޮށް ކައުންސިލްތަކެއް އުވާލުމަށް "އިތުރު ގޮތްތަކެއް" ބަޔަނާކޮށްފައިވާ އިސްލާހަކަށް ވާތީ ކަމަށެވެ. އޭނާ ވިދާޅުވީ ކައުންސިލެއް އުވާލެވޭނީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން މައްސަލަ ބެލުމަށްފަހު ކައުންސިލެއް އުވާލުމަށް ކޯޓަށް ހުށަހަޅައިގެން ކަމަށެވެ. އަދި ކޯޓުން ނިންމާ ގޮތެއްގެ މަތިން ކައުންސިލެއް އުވާލެވިދާނެ ކަމަށް ލަތީފު ވިދާޅުވި އެވެ.

ނައިފަރު ދާއިރާގެ މެންބަރު އަހުމަދު މުހައްމަދު ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް އެކިއެކި މެންބަރުން އިސްލާހު ހުށަހަޅަން ފެށުމުން އެ ގާނޫނުގެ މަގުސަދު ގެއްލިފައިވާ ކަމަށެވެ. ލާމަރުކަޒީ ގާނުނަށް މެންބަރުންް އިސްލާހު ހުށަހަޅުއްވާން މަޖުބޫރު ވަނީ ކައުންސިލްތަކަށް ލިބިދީފައިވާ ބާރުތަކެއް، ނާޖާއިޒް ގޮތުގައި މެންބަރުން ބޭނުން ކުރައްވަން ފައްޓަވާތީ ކަމަށް އަހުމަދު ވިދާޅުވި އެވެ.

ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވީ އެ އިސްލާހަކީ ލާމަރުކަޒީ އޫސޫލުން ކައުންސިލްތަކަށް ދީފައިވާ ބާރުތަކެއް އަތުލުމަށް ހުށަހެޅި އިސްލާހެއް ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުން ކުރާ ކަންތައްތަކަށް ކައުންސިލްތަކުން ފާޑު ކިޔެންޖެހޭނެ ކަމަށާއި ސަރުކާރު ގަބޫލު ނުކުރާ ކަމަށް ކައުންސިލަކުން އުވާލަން ނުޖެހޭނެ ކަމަށެވެ.

ލާމަރުކަޒީ ގާނޫނުގައި ކައުންސިލްތައް އުވާލެވޭ ސަބަބުތައް ބަޔާން ކުރާ 66 ވަނަ މާއްދާ އަށް ރިޔާޒު ރަޝީދު ހުށަހަޅުއްވާފައިވާ އިސްލާހުގައި ބުނަނީ އެއްވެސް ކައުންސިލަކުން އެ އިރެއްގައި އޮންނަ ސަރުކާރު ގަބޫލުނުކުރާ ކަމަށް ބުނެ، ނުވަތަ ސަރުކާރަކީ ޣައިރު ގާނޫނީ ސަރުކާރެއް ކަމަށް ކައުންސިލަކުން އަމިއްލައަށް ކަނޑައަޅައިފި ނަމަ އެ ކަނޑައެޅުމެއް ކަނޑައަޅާ ވަގުތުން ފެށިގެން އެ ކައުންސިލެއް އުވުނީ ކަމަށެވެ.

އެ އިސްލާހުގެ ބިލުގައި ހަތަރު މާއްދާއަކަށް ނުވަ އިސްލާހު ހުށަހަޅުއްވާފައިވެއެވެ. އެގޮތުން ސިޓީ ކައުންސިލްތަކުގެ ބާރުތައް ކަނޑައަޅާފައިވާ 41 ވަނަ މާއްދާގައި އަމިއްލަ އިހްތިޔާރުގައި ސީޓީ ކައުންސިލްތަކުން ކުރަން ބާރު ދީފައިވާ ކަންތައްތައް ސަރުކާރުން ކަނޑައަޅާ ގޮތަކަށް ކުރުމަށް އިސްލާހު ހުށަހަޅުއްވާފައިވެއެވެ.

ލާމަރުކަޒީ ގާނޫނީ 41 (ކ) އަށް ހުށަހަޅުއްވާފައިވާ އިސްލާހުގައި ބުނަނީ ބިންބިމާއި ފަރާއި ފަޅުތައް ކައުންސިލްތަކާ ހަވާލު ކުރާނީ ސަރުކާރުން ކަމަށެވެ. އަދި ސަރުކާރުން ކަނޑައަޅާ އުސޫލެއްގެ މަތިން އެތަންތަން ބަޔަކަށް ކުއްޔަށް ދެވިދާނެ ކަމަށެވެ. އަދި މީހުން ދިރިއުޅުމަށް ސަރުކާރުން ހަވާލު ކުރާ ޕްރޮގްރާމްތައް ހިންގައި ބެލެހެއްޓާނީ ވެސް ސަރުކާރުން އަންގާ ގޮތެއްގެ މަތިން ކަމަށް އިސްލާހުގައިވެއެވެ.