ކިޓް-ކެޓްގެ ބައެއް ބާވަތްތަކުން ޕުލާސްޓިކް ކޮޅުތަކެއް ފެނިފައިވާ ކަމަށް ބުނެ، ނެސްލޭ ކުންފުނިން އެކަމާ މައާފަށް އެދިއްޖެ އެވެ.

ނެސްލޭއިން ބުނީ ކިޓް-ކެޓް "ޗަންކީ" ގެ ހަތަރު ވައްތަރަކުން ޕުލާސްޓިކް ކޮޅުތަކެއް ފެނިފައިވާ ކަމަށެވެ. އެއީ "ޗަންކީ" ގެ ޕީނަޓް ބަޓާ، ހެޒްލްނަޓް، ކެރެމަލް އަދި ޗޮކް ފަޖު ފުލޭވާތައް ކަމަށް މައުލޫމާތު ލިބެ އެވެ.

ނެސްލޭއިން ބުނީ މިހުރިހާ ވައްތަރެއްގެ ކިޓް-ކެޓް ޗޮކޮލެޓްތައް ބާޒާރުން ނަގަން ނިންމާފައިވާ ކަމަށާއި، އެއްވެސް ފަރާތަކުން ޕުލާސްޓިކް ކޮޅުތައް ފެނިފައިވާ ވައްތަރުގެ ކިޓް-ކެޓެއް ގަނެފައިވާ ނަމަ، ބޭނުން ނުކޮށް ގެނައުމުން ޗޮކްލެޓް ގަތް އަގު ރީފަންޑު ކޮށްދޭނެ ކަމަށާއި އަދި ކިޓްކެޓް އައުޓް ލެޓާ ހަމަޔަށް އައުމަށް ކުރި ދަތުރުގެ ހަރަދުގެ އިތުރުން ކޮންޕެންސޭޝަން ވެސް ދޭނެ ކަމަށެވެ.

ނެސްލޭއިން ބުނީ، އެކުންފުނީގެ އުފެއްދުންތަކުގެ ކޮލިޓީއާ ގުޅުން ހުރި އެއްވެސް މައްސަލައެއްގައި ފައިދާއަށް ނުވިސްނާނެ ކަމަށާއި، ބާޒާރުން މައްސަލަ ޖެހިފައިވާ ކިޓް-ކެޓްތައް ނެގުމުން ދިމާވެދާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށެވެ.

ޕުލާސްޓިކް ފެނިފައިވަނީ މިއަހަރުގެ އޮކްޓޫބަރު އަދި ސެޕްޓެމްބަރު މަހުގެ ތެރޭގައި މުއްދަތު ހަމަވާ 48 ގުރާމްގެ ކިޓް-ކެޓް ޗަންކީ ހެޒްލްނަޓާއި، ހަމަ މިމުއްދަތުގައި މުއްދަތު ހަމަވާ 48 ގުރާމްގެ ކިޓް-ކެޓް ޗަންކީ ޗޮކް ފަޖާއި، މިއަހަރުގެ ޖޫން އަދި ޖުލައި މަހު މުއްދަތު ހަމަވާ 48 ގުރާމްގެ ކިޓް-ކެޓް ޗަންކީ ކެރެމަލްއާއި، 2013 ގެ ސެޕްޓެމްބަރު އަދި 2014 ގެ ފެބްރުއަރީގައި މުއްދަތު ހަމަވާ ކިޓް-ކެޓް ޗަންކީ ޕީނަޓް ބަޓާ ފުލޭވާގެ ޗޮކްލެޓުތަކުންނެވެ.