25 Mar 2013, 12:19
އައްޑޫ ސިޓީއަށް މަސްތުވަތަކެތި ގެންދިޔަ މީހަކު އުމުރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
އެ ހުކުމް ކޮށްފައި ވަނީ ސ. ހިތަދޫ ގެދަރު އަބްދުﷲ އަގީލް ގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނަނީ 2010 ވަނަ އަހަރުގެ މާޗް މަހުގެ 30 ވަނަ ދުވަހުގެ އިރުއޮއްސުނު ވަގުތު ހިތަދޫ އާގަލާ ބޯޓުން ހިތަދުއަށް މަސްތުވާތަކެތި ގެންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ބޯޓު ހިތަދޫގައި ބަނދަރު ކޮށްފައި އޮއްވައި ފުލުހުން ގޮސް ޗެކް ކުރި އިރު މަސްތުވާތަކެތި ފެނިފައިވާ ކަން އަގީލްގެ އިއުތިރާފުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
އެ ބޯޓުގައި އަގީލް ނިދާ އެނދު ދަށުގައި ހުރި ކަބަޑެއްގެ ތެރެއިން ފުލުހުންނަށް މަސްތުވާތަކެތި ފެނިފައިވާ ކަމަށާއި އެތަކެއްޗަކީ މާލެއިން އަލީ ކިޔާ މީހަކު އައްޑޫގައި އުޅޭ ނާޒިމް ކިޔާ މީހަކާ ހަވާލުކުރުމަށް އޭނާއަށް ދިން އެއްޗެއް ކަމަށް އޭނާ ޝަރީއަތުގައި ބުނެފައިވާ ކަމަށެވެ. ނަމަވެސް އެތަކެތި ހަވާލު ކުރި ކަމަށް އަގީލް ބުނާ މީހާ އަކީ ކާކުކަން އޭނާއަށް ޝަރީއަތަށް ދެއްކިފައި ނުވާކަމަށާއި އަދި އެތަކެއްޗާ ހަވާލުވާން ޖެހޭ ކަމަށް އަގީލް ބުނި ފަރާތްކަމަށްވާ ހިތަދޫ ވައިޓްރޯސް އަހްމަދު ނާޒިމް ޝަރީއަތަށް ހާޒިރު ކުރުމުން އެތަކެއްޗާ ބެހޭ މައުލޫމާތެއް ލިބިފައި ނުވާކަމަށް އޭނާ ބުނެފައިވާ ކަމަށް ވެސް އެ ހުކުމްގައި ބުނެފައި ވެއެވެ.
އޭނާގެ އަތުން ފެނުނު މަސްތުވާ ތަކެތި ތަހުލީލު ކުރި އިރު އޭގައި 73.3548 ގްރާމް ހެރޮއިން އާއި 73.3548 ގްރާމް ޓެޓްރާ ހައިޑްރޯ ކެނަބިނޯލް އަދި 1.4757 ގްރާމް ކެނަބިނޯލް ހުރިކަން އެތަކެތީގެ ތަހުލީލު ރިޕޯޓުން އެނގޭ ކަމަށް ވެސް އެ ހުކުމްގައި ބުނެފައި ވެއެވެ.