ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ބޭނުން ކުރާ މޯބައިލް އިންޓަނެޓް ޔޫޒަރުންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް ގޮސްފައިވާކަމަށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ކޮމިއުނިކޭޝަން އޮތޯރިޓީން ހާމަކުރި ގޮތުގައި، ހުސްވި މަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ފެބުރުވަރީ މަހުގެ ނިޔަލަށް ރާއްޖޭގައި މޯބައިލް ބްރޯޑްބޭންޑް ސަބްސްކްރައިބަރުންގެ އަދަދު އުޅެނީ 104,671ގައެވެ. މިއަހަރު ޖަނަވަރީގެ ނިޔަލަށް 79,267 މޯބައިލް ބްރޯޑްބޭންޑް އިންޓަނެޓް ޔޫޒަރުން ރެކޯޑް ކުރެވިފައިވާއިރު އެއްމަސްދުވަހުގެ ތެރޭގައި ރާއްޖޭގައި އަލަށް މޯބައިލް އިންޓަނެޓް ބޭނުން ކުރާ މީހުންގެ އަދަދު މިވަނީ 25000އަށް ވުރެ މައްޗަށް ގޮސްފައެވެ. މޯބައިލް އިންޓަނެޓް ކަނެކްޝަންތަކުގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް ގޮސްފައިވާއިރު ރާއްޖޭގައި ބޭނުން ކުރެވޭ ފިކްސްޑް ބްރޯޑްބޭންޑް ސަބްސްކުރައިބަރުންގެ އަދަދު އުޅެނީ 19,326 ގައެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި ބޭނުން ކުރާ މޯބައިލް ފޯންގެ އަދަދު ހުސްވިމަހުގެ ނިޔަލަށް ވަނީ 578,010 އަށް އަރައިފަ އެވެ. އޭގެ ތެރޭގައި 70,495 ޕޯސްޓްޕެއިޑް ކަނެކްޝަންތައް ހިމެނޭ އިރު ބާކީ 505,515އަކީ ޕްރިޕެއިޑް ކަނެކްޝަންތަކެވެ.

ފެބުރުވަރީގެ ނިޔަލަށް ރާއްޖޭގައި ބޭނުންކުރާ ފިކްސްޑްލައިންތަކުގެ އަދަދަކީ 24,122ގަ އެވެ. އޭގެ ތެރެއިން 17,797 ލައިން ބޭނުން ކުރެވެނީ މާލެއާއި ވިލިމާލެ އާއި ހުޅުމާލޭގައެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ އެހެނިހެން ރަށްރަށުގައި 3871 ފިކްސްޑްލައިން ބޭނުން ކުރާއިރު ރިސޯޓުތަކާއި މީހުން ދިރިނޫޅޭ އެހެނިހެން ރަށްރަށުގައި ބޭނުން ކުރާ ފިކްސްޑްލައިންތަކުގެ އަދަދަކީ 1378 އެވެ. އަދި ސަރުކާރު އޮފީސްތަކުގައި ބޭނުންކުރާ ފިކްސްޑްލައިންތަކުގެ އަދަދަކީ 1067 އެވެ.

ކޮމިއުނިކޭޝަންސް އޮތޯރިޓީގެ ރެކޯޑްތަކުން ދައްކާގޮތުގައި ފެބުރުވަރީގެ ނިޔަލަށް ރާއްޖޭގައި ބޭނުން ކުރާ ޕޭ ފޯންގެ އަދަދު މިހާރު އުޅެނީ 129ގައެވެ. އޭގެތެރެއިން އެންމެ ފޯނެއް ފިޔަވައި ހުރިހާ ފޯނެއް ހުރީ މާލޭގަވެ.