ރާއްޖޭގެ ތަކެތީގެ އަގުތައް ނޫނީ އިންފުލޭޝަން އަހަރެއް ތެރޭގައި 4.43 ޕަސެންޓަށް މައްޗަށް އުފުލިއްޖެ ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕްލޭނިންގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ޕްލެއިނިން ޑިޕާޓްމަންޓުން އާންމު ކޮށްފައިވާ އެންމެ ފަހުގެ ކޮންޒިއުމާ ޕްރައިޒް އިންޑެކްސް [ސީޕީއައި] އިން ދައްކާ ގޮތުން މިދިޔަ އަހަރުގެ ފެބުރުއަރީ މަހުން ފެށިގެން މި އަހަރުގެ ފެބުރުއަރީ މަހުގެ ނިޔަލަށް ރާއްޖޭގެ އިންފްލޭޝަން ރޭޓް ހުރީ 4.43 މަތީގަ އެވެ. ޖެނުއަރީގެ ނިޔަލަށް އަހަރު ދުވަހުގެ އިންފުލޭޝަން ރޭޓް ހުރީ 4.33 މަތީގަ އެވެ.

މިދިޔަ މަހުގެ ނިޔަލަށް ރާއްޖޭގެ އަހަރު ދުވަހުގެ އިންފްލޭޝަން ރޭޓަށް ބަލާ އިރު އެންމެ މައްޗަށް ގޮސްފައި ވަނީ ހޮޓާ ކެފޭ އަދި ރެސްޓޯރެންޓް ބައިންނެވެވެ. އެގޮތުން އެ ބައިން ރާއްޖޭގެ އިންފުލޭޝަން ރޭޓް 16.77 ޕަސެންޓް މައްޗަށް ގޮސްފައިވާ އިރު ސިއްހީ ހިދުމަތުގެ ބައިން ވަނީ 8.47 ޕަސެންޓް މައްޗަށް ގޮސްފަ އެވެ. އަދި ހަމަ އެހެންމެ ގޭގޭ ކުއްޔާއި ގޭހުގެ ބައިން 7.06 ޕަސެންޓް ވަނީ މައްޗަށް ގޮސްފަ އެވެ. މިދިޔަ މަހު އިންފުލޭޝަން ރޭޓް ދަށަށްގޮސްފައިވާ ބައިތަކަށް ބަލާ އިރު ދުންފަތާއި ކާބޯތަކެތީގެ ބައިން 8.99 ޕަސެންޓް ދަށަށް ގޮސްފައިވާ އިރު ކުޅިވަރާއި ސަގާފީ ކަންތަކުގެ ބައިން ވަނީ 1.32 ޕަސެންޓް ދަށަށްގޮސްފަ އެވެ.

މިދިޔަ މަހުގެ ތެރޭގައި ރާއްޖޭގެ އިންފްލޭޝަން ރޭޓަށް ބަލާ އިރު ހަމައެކަނި ފެބުރުއަރީ މަހަށް ބަލާ އިރު ރާއްޖޭގެ އިންފުލޭޝަން ރޭޓް ހުރީ 0.20 ދަށްކޮށެވެ. ނަމަވެސް މަހުގެ އަގަށް އައި ބަދަލާ ނުލައި އެ އިންފުލޭޝަން ރޭޓްހުރީ 0.32 ޕަސެންޓް މަތީ ގަ އެވެ.