ފުވައްމުލަކު އެއާޕޯޓްގެ މަސައްކަތް ލަސްވަމުންދާތީ އެކަމަށް ނުރުހުން ފާޅުކޮށް އެއާޕޯޓުގެ މަސައްކަތް އަވަސް ކުރުމަށް ގޮވާލައި ފޯއްމުލަކު އަތޮޅު އޮފީސް ކުރިމަތީގައި ބަޔަކު މުޒާކުރަން ފަށައިފި އެވެ.


ތަފާތު ޝުއޫރުތައް ހިމެނޭ ބޯޑުތަކާ އެކު އެއްވެތިބި މީހުން ގޮވަމުން ދަނީ އެއާޕޯޓްގެ މަސައްކަތް ލަސްވާންވީ ސަބަބެއް އޮވެގެން ނުވާނެކަމަށެވެ. އަދި އެ މަސައްކަތަކީ ފުވައްމުލަކު ރައްޔިތުން އެތައް މަސައްކަތަކުން ކުރީގެ ސަރުކާރުގައި އެދިގެން ހަމަޖެހުނު މަސައްކަތެއް ކަމަށާއި އެކަމަސައްކަތް މި ސަރުކާރަށް ލަސް ނުކުރެވޭނެ ކަމަށެވެ.


މި މުޒާހިރާގެ ބައިވެރިޔަކު ސަން އެފްއެމް އޮން ލައިނަށް މައުލޫމާތު ދެމުން ބުނީ، އެއާޕޯޓްގެ އަމަލީ މަސައްކަތް ހުސްވި މަހު 17 ވަނަ ދުވަހު ފެށުމަށްޓަކައި އެ މަސައްކަތް ހަވާލުކޮށްފައިވާ ހެވީ ލޯޑުން ވެހިކަލްތައް އެ ރަށަށް ގެންދިއުމަށް ހަމަޖެހިފައި އޮތް ނަމަވެސް އެފަދަ އެއްވެސް މަސައްކަތެއް ކުރަމުންދާތަން ފެންނަމުން ނުދާކަމަށެވެ. އަދި އެއާޕޯޓްގެ މަސައްކަތް ކުރިއަށްދަނީ ޓްރާންސްޕޭރެންޓް ކޮށް ނޫންކޮށް ކަމަށާއި ރައްޔިތުންގެ ބަޔަކު އެކަމާބެހޭ ގޮތުން ސަރުކާރުގެ އިސް ފަރާތްތަކާ މަޝްވަރާ ކުރުމަށް ކުރި މަސައްކަތް ނާކަމިޔާބު ވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.