ގިނަ އަދަދެއްގެ މީހުން ކުދި ބޯޓުފަހަރުގައި ވަގަށް އިންޑިއާ ކަނޑު ހުރަސްކުރަމުން ދާ ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ބުނެ، އެކަން ހުއްޓުވުމަށް ޔުނައިޓެޑް ނޭޝަންސް ހައި ކޮމިޝަނާ ފޯ ރެފިއުޖީސް (ޔޫއެންއެޗްސީއާރު) އިން ގޮވާލައިފި އެވެ.

ޔޫއެންއެޗްސީއާރުގެ ތަރުޖަމާނު އަންދުރެޖް މަހެޗިކް ވިދާޅުވީ ހާއްސަކޮށް މިޔަންމާގައި ހިނގަމުންދާ ހަމަނުޖެހުންތަކުން ފިލާން މަސައްކަތް ކުރާ ގިނަ އަދަދެއްގެ ރޮހިންގިޔާ މުސްލިމުން ކުދި ބޯޓުތަކުގައި އިންޑިއާ ކަނޑު ހުރަސްކުރަން މަސައްކަތްކުރަމުންދާ ކަމަށާއި ސަލާމަތީ ފިިޔަވަޅުތަކެއް ނެތް ކުދި ބޯޓުގައި މި ގޮތަށް ދަތުރު ކުރުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށެވެ.

އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް 13،000 ރޮހިންގިޔާ މުސްލިމުން 2012 ވަނަ އަހަރު އިންޑިއާ ކަނޑު ހުރަސްކުރާން މަސައްކަތްކޮށްފައިވާ ކަމަށާއި ބޯޓު އަޑިއަށް ގޮސްގެން ނުވަތަ އެކަހަލަ ހާދިސާތަކުގައި މީގެ ތެރެއިން 500 އެއްހާ މީހުން މަރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

މިޔަންމާގެ ރާކިން ސްޓޭޓްގައި ބުޑިސްޓުންނާއި ރޮހިންގިޔާ މުސްލިމުންނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުން ސަލާމަތްވުމަށް ގިނަ އަދަދެއްގެ މުސްލިމުން ދަނީ އިންޑިއާ ކަނޑު ހުރަސްކޮށް ބަންގުލަދޭޝަށް ދިއުމަށް މަސައްކަތް ކުރަމުންނެވެ.