ސްރީލަންކާގެ ބައިނަލްއަގުވާމީ ދެވަނަ ވައިގެބަނދަރު "މައްތަލަ ރާޖަޕަކްސާ އިންޓަނޭޝަނަލް އެއާޕޯޓް" ގެ އޮޕަރޭޝަންތައް ރަސްމީކޮށް މިދިޔަ ހޯމަ ދުވަހު އިފްތިތާހު ކޮށްފި އެވެ.

ހަމްބަންޓޯޓާގައި، ލަންކާގެ ރައީސް ރާޖަޕަކްސަގެ ޝަރަފުގައި ނަންދީފައިވާ ބައިނަލްއަގުވާމީ އެއާޕޯޓް އިފްތިތާހުކޮށްދެއްވަމުން، ރާޖަޕަކްސަ ވިދާޅުވީ ލަންކާގެ ސަރުކާރުގެ އަމާޒަކީ އެގައުމުގެ އުމްރާނީ ތަރައްގީއަށް ބޭނުންވާ މިފަދަ ގިނަ ޕްރޮޖެކްޓުތަކެއް ކުރިއަށް ގެންދިއުން ކަމަށާއި، މިކަމަށްޓަކައި ބޭރު ގައުމުތަކުގެ ލޯނުތައް ބޭނުންވާ ކަމަށެވެ. އަދި އާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސަބަބުން ހަމްބަންޓޯޓާގެ އެއް ބިލިއަން އެމެރިކާ ޑޮލަރުގެ ޓޫރިޒަމް ސިނާއަތް އިތުރަށް ފުޅާވެގެންދާނެ ކަމަށްވެސް ރާޖަޕަކްސަ ވިދާޅުވި އެވެ.

ސްރީ ލަންކާގެ ވެރިރަށް ކޮލޮމްބޯއާ 200 ކިލޯމީޓަރު އުތުރުގައިވާ ހަމްބަންޓޯޓާގައި އަލަށް އޮޕަރޭޝަންތައް ފަށާފައިވާ އެއާޕޯޓަކީ ޗައިނާގެ ލޯނު އެހީގެ ދަށުން ލަންކާއިން ބިނާކޮށްފައިވާ އެއާޕޯޓެކެވެ.

ރޮއިޓާސް އިން ބުނީ ރާޖަޕަކްސަ އިންޓަނޭޝަނަލް އެއާޕޯޓަކީ އަހަރަކު އެއް މިލިއަން ދަތުރުވެރިންނާއި 30،000 އުދުހުންތަކުގެ އިތުރުން 45،000 ޓަނުގެ ކާގޯ ހޭންޑްލް ކުރެވޭ ފެންވަރަށް ބިނާކޮށްފައިވާ ޒަމާނީ އެއާޕޯޓެއް ކަމަށެވެ. އަދި 2015 ވަނަ އަހަރުގެ ނިޔަލަށް އެއާޕޯޓުގެ ކެޕޭސިޓީ އަހަރަކު ފަސް މިލިއަން ދަތުރުވެރިންނަށް ފުޅާކުރުމަށް ލަންކާ ސަރުކާރުން ވަނީ ނިންމާފަ އެވެ.

ޗައިނާގެ 209 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނު އެހީގައި ބިނާކޮށްފައިވާ އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވާފައިވާއިރު، ލަންކާއިން ދަނީ 2009 ވަނަ އަހަރު ތަމަޅަ ޓައިގަރުން ބަލި ކުރީއްސުރެ ފެށިގެން، އެގައުމުގެ އުމްރާނީ ތަރައްގީއަށް ގިނަ ހޭދަތަކެއް ކުރަމުންނެވެ.

މިހޭދަތައް ކުރުމަށް ލަންކާއިން ގިނަ ލޯނުތަކެއް ނަގަމުންދާއިރު، ބައިނަލްއަގުވާމީ މާލީ ފަންޑު (އައިއެމްއެފް) އިން ވަނީ މިކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މިގޮތުން މިހާތަނަށް ލަންކާއިން ޗައިނާ އިން އެކަނި ވެސް 4.9 ބިލިއަން އެމެރިކާ ޑޮލަރުގެ ލޯނު އެހީ ނަގާފައިވާ ކަމަށް އައިއެމްއެފްއިން ބުނެ އެވެ.

މިއީ ލަންކާގެ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތާ އަޅާބަލާއިރު، 80 އިންސައްތައިގެ ދަރަންޏެވެ.