ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ފޯވާޑް އަލީ އުމަރުގެ މޭކަށިގަނޑަށް އިއްޔެ ލިބުނު އަނިޔާގެ ސަބަބުން ކުރިއަށް އޮތް އޭވައިއެލްގެ މެޗު އޭނާއަށް ނުކުޅެވޭނެ ކަމަށް އެ ކުލަބުން ބުނެފިއެވެ.

ނިއުއާ، އޭވައިއެލް ބައްދަލުކުރާނީ މިމަހުގެ 28 ވަނަ ދުވަހުގެ ހަވީރު 4:00 ޖަހާއިރު އެވެ.

އަލީ އުމަރުގެ މޭކަށިގަނޑަށް އަނިޔާވީ ދިރާގު ދިވެހި ލީގުގައި އިއްޔެ ވެލެންސިއާ އަތުން 5-0 ލަނޑުން ނިއު މޮޅުވި މެޗުގެ ދެ ވަނަ ހާފުގެ ކުރީ ކޮޅު ވެލެންސިއާގެ އަކުރަމް އަބުދުލްގަނީގެ އަތުން ބޯޅަ ހޯދާން އުޅުމުގެ ތެރޭގައެވެ. އަލީ އުމަރަށް މެޗުގެ ތެރެއިން ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން އޭނާ ދަނޑުން ބާލައި ވަގުތުން އިއްޔެ ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ

ނިއުގެ މެނޭޖަރު ޝާޒް ހަބީބް ބުނީ ފަރުވާއަށް ފަހު އަލީ އުމަރު މިހާރު ގެއަށް ދޫކޮށްލައިފި ކަމަށާއި އެހެންނަމަވެސް ކުރިއަށް އޮތް އޭވައިއެލްގެ މެޗް އޭނާއަކަށް ނުކުޅެވޭނެ ކަމަށެވެ. އަދި އަލީ އުމަރުގެ އިތުރުން ފޯވާޑް އަލީ އަޝްފާގް (ދަނގަޑޭ)ގެ ފައިގެ ފަލަމަސްގަޑަށް ވެސް އަނިޔާ ވެފައި ވާ ކަމަށް ޝާޒް ވިދާޅުވިއެވެ.

ދިވެހި ލީގުގައި މިހާތަނަށް ކޮންމެ ޓީމަކަށް ތިން މެޗު ކުޅެވުނު އިރު ތާވަލުގެ އެއްވަނައިގައި 9 ޕޮއިންޓާއި ފައިދާ 15 ގޯލާއެކު އޮތީ ނިއުރޭޑިއެންޓް އެވެ. އަދި ނުވަ ޕޮއިންޓާއި ފައިދާ އަށް ގޯލާއެކު ތާވަލުގެ ދެވަނައިގައި އޮތީ މާޒިޔާއެވެ. ހަ ޕޮއިންޓާއެކު ތާވަލުގެ ތިންވަނަގައި ވެލެންސިޔާ އޮތްއިރު ހަތަރު ޕޮއިންޓާއެކު ތާވަލުގެ ހަތަރު ވަނައިގައި އޮތީ އީގަލްސްއެވެ. އަދި ތިން ޕޮއިންޓާއެކު ތާވަލުގެ ފަސްވަނައިގައި އޮތީ ބީޖީ އެވެ. ގޯލްގެ ތަފާތުން އެއްމެ ޕޮއިންޓަކާއެކު އޭވައިއެލްއަށް ތާވަލުގެ ހަވަނަ ލިބޭއިރު އެއް ޕޮއިންޓާއެކު ހަތްވަނައިގައި އޮތީ ވިކްޓަރީ އެވެ. އަދި އެއް ޕޮއިންޓާއެކު ތާވަލުގެ ފުލުގައި އޮތީ ވީބީ އައްޑޫ އެފްސީ އެވެ.

ދިރާގު ދިވެހި ލީގުގައި ދެން މެޗެއް ކުޅޭނީ މިމަހުގެ 27 ވަނަ ދުވަހު އެވެ. އެދުވަހު ހަވީރު 4:00ގައި ގަލޮޅު ދަނޑުގައި ފަށާ މެޗުގައި ބައްދަލު ކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ބީޖީ ސްޕޯޓްސް ކުލަބެވެ.