25 Mar 2013, 10:28
ރާއްޖޭގައި ކުރިކެޓް މެޗްތަކެއް ކުޅުމަށް ޒިޔާރަތް ކުރި ޗައިނާގެ ބެއިޖިން ރޯޔަލް ފޮރިން ލޭންގުއޭޖް ސްކޫލްގެ 14 އަހަރުން ދަށުގެ ކުރިކެޓް ޓީމް ރާއްޖޭގައި ކުޅޭން ހަމަޖެހިފައި ވާ މެޗްތައް ކުޅެ އިއްޔެ ނިންމައިލައިފި އެވެ.
މިމަހުގެ 14 ވަނަ ދުވަހު ރާއްޖެ އައި ޓީމުން ވަނީ ހަތް މެޗެއް ކުޅެފައެވެ. އެގޮތުން ޏ.ފުވައްމުލަކުގައި ފަސް މެޗު އަދި މާލޭގައި ދެ މެޗު ކުޅެފައިވައެވެ.
ޗައިނާގެ ޓީމް ފުވައްމުލަކުގައި ކުޅުނު ފަސް މެޗްގެ ތެރެއިން ތިން މެޗް ކާމިޔާބު ކޮށްފައިވަނީ ފުވައްމުލަކުގެ ސުކޫލްތަކުގެ ޓީމުންނެވެ. އެ ސުކޫލްތަކަކީ އެމްޖޭއެމް ސުކޫލާއި ހާފިޒް އަހުމަދު ސްކޫލާއި އަދި ކިމްބައިންޑް ސުކޫލެވެ.
މާލޭގައި ކުޅުނު ދެ މެޗްގެ ތެރެއިން ވިލިނގިލީ މުހިޔުއްދީން ސުކޫލްގެ 13 އަހަރުން ދަށުގެ ޓީމާ ޗައިނާގެ ޓީމުކުޅުނު މެޗް ކާމިޔާބު ކުރީ ޗައިނާގެ ޓީމެވެ. އަދި އިއްޔެ ކުޅުނު ފަހު މެޗް ކާމިޔާބުކޮށްފައި ވަނީ ކްރިކެޓް ބޯޑު އޮފް މޯލްޑިވްސް (ސީބީއެމް)ގެ 13 އަހަރުން ދަށުގެ ޓީމެވެ.
އިއްޔެގެ މެޗަށް ފަހު ބޭއްވުނު ހާއްސަ ހަފްލާއެއްގައި ޗައިނާގެ ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް ސީބީއެމްގެ ފަރާތުން ހާއްސަ ހަދާނީ މެޑެއްޔެއް ދެވުނެވެ. އަދި ސީބީއެމް އާއި ބޭއިޖިން ސުކޫލާ ދެމެދު ހަދާނީ ހަދިޔާ ބަދަލު ކުރެވުނެވެ. އެ ހަފްލާގައި ވާހަކަ ދައްކަމުން ސީބީއެމްގެ ނައިބު ރައީސް މުހައްމަދު ފައިސަލް ވަނީ ބެއިޖިން ސުކޫލުން ރާއްޖެއަށް ޒިޔާރަތް ކުރިކަމަށް ޓަކައި އެފަރާތަށް ޝުކުރު އަދާ ކުރައްވައިފައެވެ. އަދި އެ ދަތުރު އިންތިޒާމް ކުރުމުގައި އެހީތެރިކަން ދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.
އިއްޔެގެ ހަފްލާގައި ވާހަކަދައްކަވަމުން ޗައިނާ ޓީމުގެ ކޯޗް މައިކަލް ވަނީ ރާއްޖޭގެ ކުރިކެޓް ޓީމެއް ބެއިޖިންއަށް ދިއުމަށް ދައުވަތު ދެއްވައިފައެވެ.
ޗައިނާގެ ޓީމު ރާއްޖެއިން ފުރުމަށް ހަމަޖެހިފައި ވަނީ މިރޭގެ ވަގުތެއްގައެވެ.